ރަށްރަށަށް ނިސްބަތްވާ މީހުން މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވެފައިވުމުން ރަށްރަށުން ގޯތި ހޯދުމަށް ދަތިތައް ކުރިމަތިވާ ކަމަށާއި 20 އަހަރަށްވުރެ ގިނަ ދުވަހު މާލޭގައި ދިރިއުޅޭ އެންމެންނަށް ގޯއްޗާއި ފުލެޓު ދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މިރޭ ބޭއްވި ގަލޮޅު ކަންމަތީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކުރިއަށްއޮތް ދައުރުގައި ގޯތިތައް ހެދުމަށްޓަކައި ހައުސިން ބޭންކެއް އުފައްދައި، ދިގު މުއްދަތުން ދައްކާގޮތަށް ލުއި ލޯނު ހަމަޖައްސަވަައިދެއްވާނެ ކަމަށާއި މާލޭ ރައްޔިތުން ފިޔަވައި، މާލޭގައި ދިރިއުޅޭތާ 20 އަހަރާއި 35 އަހަރު ވެފައިވާ ރަށްރަށަށް ނިސްބަތްވާ މީހުން ވެސް އެބަތިބި ކަމަށެވެ.
"މިގޮތަށް ތިބި މީހުންނަށް އެމީހުންގެ އަމިއްލަ ރަށުން ގޯތި ލިބުން މިހާރު ދަތި. އެއީ އެ ރަށެއްގައި ދިރިނޫޅޭތީ، ވަކި ވަރަކަށްވުރެ ދިގު މުއްދަތެއްގައި ދިރިނޫޅޭތީ ރަށަކުން ވެސް ނުލިބޭ، އަޅުގަނޑުމެންގެ ސިޔާސަތުތައް ހުރިގޮތުން މާލެއިން ލިބުމުގައި ވެސް ހުރަހެއް އެބަހުރި. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިއަދު މި ނިންމަނީ އަނެއްކާވެސް އާ ހައުސިން ސްކީމެއް ފެއްޓުމަށްޓަކައި. އޭގެ ތެރޭގައި މާލޭގައި ދިރިއުޅޭ، ދަފްތަރުގައި ޖެހިފައި 20 އަހަރަށްވުރެ ގިނަ ދުވަހު ތިބި މީހުންނާއި އަދި މާލޭގައި 20 އަހަރަށްވުރެ ގިނަ ދުވަހު އުޅޭކަން ކަށަވަރުކޮށްދޭ ހުރިހާ އެންމެންނަށް އެ ހައުސިން ސްކީމުގެ ތެރެއިން އަޅުގަނޑުމެން ފުލެޓާއި ގޯތި ދޫކޮށްދޭނަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކަމުގެ ސިޔާސަތުތައް މިދިޔަ ދެތިން ދުވަހުގެ ތެރޭގައި ކަނޑައަޅުއްވާފައިވާނެ ކަމަށާއި ދެން އޮތީ އެކަން ފައިނަލްކޮށް، އިއުލާންކުރުން ކަމަށެވެ. އަދި މާލޭގައި ދިރިއުޅޭ މާލޭގެ ރަށްވެހިންނާއި މާލެއަށް ހިޖުރަކޮށްގެން ތިބި މީހުންނަށް ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
ރައީސް ވަނީ ވިނަރެސް ފުލެޓުތަކުގެ ޑައުންޕޭމަންޓާއި ކުލި ކުޑަކޮށްދެއްވުމަށް ވެސް ވައުދުވެވަޑައިގެންފައެވެ. ލަސްތަކެއް ނުވެ، އެ ބަދަލުތައް ގެނެސްދެއްވައި، އެކަން އިއުލާންކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.