ޚަބަރު

އެލްޖީއޭއަށް ބޭނުންވަނީ އެތަން ހިންގާނެ މިނިސްޓަރެއް: މުއިއްޒު

މުހައްމަދު އިޝާން

ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތައް ބާރުވެރިކުރުވުމަށް އެކަމަށް ހާއްސަ މިނިސްޓްރީއެއް އުފައްދަން ނިންމީ، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އަށް މިނިސްޓަރަކު ހަމަޖައްސައި، ކައުންސިލްތަކާއި ސަރުކާރު ގުޅުވާލުމުގެ ބޭނުމުގައި ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ "އާސްކް މުއިއްޒު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، އެލްޖީއޭގެ މައްޗަށް މިހާރު ވެސް މިނިސްޓަރަކު ހުންނަ ކަމަށާއި ނަމަވެސް ކައުންސިލްތަކަށް ސަމާލުކަން ދޭން ޖެހޭ ވަރަށް ނުދެވޭ ކަމަށެވެ.

"އޭރުން އެލްޖީއޭ އަށް އަންނަ މައްސަލަތައް ވަގުތުން ވަގުތަށް ހައްލު ވާނެ. އެހެންވީމާ އެލްޖީއޭ ފަންކްޝަން ކުރުވަން ހާއްސަ މިނިސްޓަރެއް ހުރުމަކީ ރަނގަޅު ކަމެއް. މިނިސްޓަރެއް ހަމަޖައްސައިފިއްޔާ އޭނާ އަށް އޮފީހެއް ހުންނަން ޖެހޭނެ،" މުއިއްޒު ވިދާޅުވިއެވެ.

އެލްޖީއޭއަކީ ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާތަނެއް ކަމަށާއި ހޯމް މިނިސްޓްރީގެ ޒިންމާތަކާއި މަސްއޫލިއްޔަތު ބޮޑުކަމުން، ކައުންސިލްތަކަށް ސަމާލުކަން ނުދެވޭ ކަމަށެވެ. އަދި އެޓޯލް މިނިސްޓްރީ ހިންގިހެން، ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީއެއް އުފެއްދެވުމަކީ ވިސްނުމެއް ނޫން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ކައުންސިލްތަކަށް ބޭނުންވާ ކަންކަން ނުކުރެވި ލަސްވަމުންދާކަން ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން ފެނިފައިވާ ކަމަށާއި ބައެއް ކައުންސިލްތަކުން އެ ތަންތަނަށް ބޭނުންވާ މުވައްޒަފުން އަދި ތަކެތި ނުލިބުމުގެ ޝަކުވާ އެލްޖީއޭއަށް ހުށަހެޅުމުން އެދެވޭ ޖަވާބެއް އެލްޖީއޭގެ ފަރާތުން ލިބިފައިނުވާކަން ކައުންސިލްތަކުން ފާހަގަކޮށްފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އެލްޖީއޭ އިން ބުނާނެ ތިމަންނަމެން ތިކަން އޮންނާނީ ފިނޭންސް މިނިސްޓްރީއަށް ހުށަހަޅާފައޭ. އެކަމަކު އެ ކަމެއް ނުވެ ލަސްވަނީ،" މުއިއްޒު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް ހދ. ފިނޭއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވެފައިވަނީ އޭނާގެ ސަރުކާރެއްގައި ކައުންސިލުތައް ވަރަށް ބާރުގަދަވާނެ ކަމަށާއި ބޭނުންވަނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ސަރުކާރާ ހަމައަށް ގެނެސްދޭ ފުރިހަމަ ވަސީލަތެއްގެ ގޮތުގައި ކައުންސިލުތައް އޮތުން ކަމަށެވެ.

"އެހެންވީމާ އެކަމަށްޓަކައި އަޅުގަނޑުމެންގެ ސަރުކާރުގެ ނިޒާމު ރޭވުމަށްޓަކައި އެކަމަށް ހާއްސަ މިނިސްޓްރީއެއް ގާއިމުކުރެވޭނެ" މުއިއްޒު ވިދާޅުވެފައިވެއެވެ.

އެ ވާހަކަތަކާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވެފައިވަނީ، ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީއެއް އުފެއްދުމަކީ ބިރުވެރިކަމެއް ކަމަށެވެ.

"އަނެއްކާވެސް އަޅުގަނޑުމެންނަށް މި ފެންނަނީ އެ ބޭފުޅުން އަނބުރާ މި މާލެއަށް ބާރުތައް ޖަމާކުރާތަން. އެއީ ބިރުވެރިކަމެއް، އެއަށް ފުރުސަތު ލިބިއްޖެއްޔާ އަނެއްކާވެސް އެނބުރި އަޅުގަނޑުމެން ދާނީ އެތައްކެއް ފަހަތަށް،" ރައީސް ވިދާޅުވެފައިވެއެވެ.

އެ މަނިކުފާނު ވިދާޅުވެފައިވަނީ ބާރުތައް މާލެއަށް ޖަމާކުރުމަކީ ރާއްޖެ ތަރައްގީކުރަން ދިމާވާ އެންމެ ބޮޑު ހުރަސް ކަމަށެވެ. ބާރުތައް ދޫކޮށްލައި ކައުންސިލްތަކަށް ނިންމުންތައް ނިންމުމުގެ ބާރު ދީ، ރައްޔިތުންނާ ކައިރިން ހިދުމަތް ކުރުމުގެ ފުރުސަތު ކައުންސިލްތަކަށް ދޭން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މުއިއްޒު ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީއެއް އުފައްދާ ވާހަކަ ދެއްކެވުމުން ގިނަ ބަޔަކު ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ. އެއީ އަލުން އަނބުރާ އަތޮޅު މިނިސްޓްރީ ގެނައުން ކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. ނަމަވެސް މުއިއްޒު ވިދާޅުވެފައިވަނީ އޭނާ ދެއްކެވީ، ކައުންސިލްތަކުގެ ބާރުތައް ހަނިކުރާ ވާހަކައެއް ނޫން ކަމަށާއި ތަހުޒީބީ ގައުމުތަކުގައި އެކަންތައް ކުރާ ގޮތަށް ކައުންސިލްތަކާ އެކު ވީހާވެސް ކައިރިން މަސައްކަތް ކުރާނެ އިންތިޒާމެއް ހަމަޖެއްސުމުގެ ވާހަކަ ކަމަށެވެ. ތަހުޒީބީ ގައުމުތަކުގައި އެފަދަ މިނިސްޓްރީތައް ހުންނަ ކަމަށް އޭނާ ވިދާޅުވިއެވެ.