ރާއްޖޭގެ ވެރިކަމުގެ ރިޔާސީ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ވޯޓެއް ނެގުމަށް ތާއީދުކުރާ ކަމަށް ޕީޕީއެމް/ޕީއެންސީން ކޯލިޝަނުން ބުނެފިއެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތަލާލް ވިދާޅުވީ، ނިޒާމީ ވޯޓަކަށް ތާއީދު ކުރެއްވި ނަމަވެސް ރިޔާސީ އިންތިހާބުގެ ކުރިން އެ ވޯޓު ނެގުމަށް ތާއީދު ނުކުރައްވާ ކަމަށެވެ. ތޮލާލް ވިދާޅުވީ ނިޒާމީ ވޯޓެއް ނެގުމަށް ތާއީދު ކުރަނީ ވަކި ނިޒާމަކަށް ތާއީދު ކުރާތީ ނޫން ކަމަށެވެ.
"އިންތިހާބުގެ ކުރިން ނެތް، ފުރުސަތެއް ކޮންމެ ގޮތެއް ވިޔަސް. އިންތިހާބުގެ ފަހުން ވިޔަސް، ނިޒާމީ ވޯޓަކަށް ދާން، ރައްޔިތުން ގާތުގައި އަހަން، އަޅުގަނޑުމެން ތާއީދު. ރައްޔިތުން ގޮތް ނިންމާށޭ،" ތޮލާލް ވިދާޅުވިއެވެ.
ތޮލާލް ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބަދުވެސް ތާއީދު ކުރައްވަނީ ބަރުލަމާނީ ނިޒާމަށް ކަމަށާއި ނަމަވެސް ރާއްޖޭގެ މިހާރުގެ ހާލަތަށް އެ ނިޒާމު ރަނގަޅު ނޫން ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށެވެ.
"ރައީސް ޔާމީން ވިދާޅުވަނީ މި ގައުމުގައި މިހާރު މި އޮތް ސިޔާސީ މާހައުލަށް ފިޓެއް ނޫނޭ ބަރުލަމާނީ ނިޒާމެއް،" ތޮލާލް ވިދާޅުވިއެވެ.
އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވެސް މިފަހުން، ނިޒާމީ ވޯޓާ ގުޅޭގޮތުން ޔާމީނާ ބައްދަލުކުރައްވަން މަސައްކަތް ކުރައްވައިފައެވެ. އެ ބައްދަލުވުން ނުބޭއްވުނީ ޔާމީން އެއްބަސްވެ ވަޑައިނުގަތުމުންކަމަށް މޯލްޑިވްސް ކަރެކްޝަންސް ސާވިސް (އެމްސީއެސް)އިން ވަނީ ބުނެފައެވެ. ނަމަވެސް ނަޝީދު އަދިވެސް ހުންނެވީ ޔާމީނާ ބައްދަލުކުރައްވާ ގޮތަށެވެ. އަދި އެ މަނިކުފާނު ގެއަށް ބަދަލުކޮށްދެއްވަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައިއެވެ.
ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރެއްވި މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމާބެހޭ ގަރާރު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގަނެ ވަނީ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
އެ ގަރާރަށް ބަހުސް ކުރުމަށްޓަަކައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށަން ބޭނުންވާ ވަރަށް ކޯރަމް ހަމަނުވެގެން ޖަލްސާ ފެށީ 10:10 ގައެވެ. ކޯރަމް ނުވި މައްސަލައިގައި އެމްޑީޕީއަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. މަޖިލިސް ރައީސް ތުހުމަތު ކުރެއްވީ 56 މެންބަރުންނާއެކު މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީ ބޭނުން ކުރައްވައިގެން ރައީސް ސޯލިހު މަޖިލިސް ހުއްޓުވާލަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް މަޖިލީހުގެ ޖަލްސާ ފެށި އިރުވެސް އެމްޑީޕީގެ ހަތަރު މެންބަރުން ޖަލްސާގައި ތިއްބެވިއެވެ. އަދި އިތުރު މެންބަރުން ފަހުން ޖަލްސާއާ ގުޅިވަޑައިގެންނެވިއެވެ.
އެހެންކަމުން ނިޒާމީ ވޯޓުގެ ގަރާރު މަޖިލީހަށް ބަލައިގަނެފައިވަނީވެސް އެމްޑީޕީގެ މެންބަރުންގެ ތާއީދާ އެކުގައެވެ. އެ ގަރާރު މަޖިލިހަށް ބަލައިގަތީ އެ ވަގުތު ޖަލްސާގައި ތިއްބެވި 37 މެންބަރުންގެ ތެރެއިން 35 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ގަރާރު ބަލައި ނުގަންނަން އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.