Close Election
Close
ޚަބަރު

ރައީސްގެ މެނިފެސްޓޯ އެކުލަވާލީ އެތައް ދިރާސާއެއް ކުރެވިގެން، އިދިކޮޅުން ވައުދުވަނީ ބަލައިލުމެއް ނެތި: އިޔާދު

1

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މެނިފެސްޓޯ އެކުލަވާލާފައިވަނީ އެތައް ދިރާސާއެއް ކުރެވިގެން ކަމަށާއި ނަމަވެސް ޕީއެންސީގެ ކެންޑިޑޭޓް ވައުދުވެވަޑައިގަންނަވަނީ ބެއްލެވުމެއް ނެތި ވޯޓު ހޯއްދެވުމުގެ ނިޔަތުގައި ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަދި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އިޔާދު ހަމީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ރޭ ބޭއްވި މާފަންނު ކަންމަތީ ޖަލްސާގައި ވާހަކަދައްކަވަމުން އިޔާދު ވިދާޅުވީ ދައުލަތަށް އާމްދަނީ ލިބޭ އެތައް ކަމަކުން އާމްދަނީ އުނިވެގެންދާނެ އެތައް ކަމެއް ހިސާބު ޖެހުމެއް އަދި އެއްވެސް ދިރާސާކުރުމެއް ނެތި މުއިއްޒު ވިދާޅުވަމުން ގެންދަވާ ކަމަށާއި އެއީ ރައްޔިތުން ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމެއް ކަމަށެވެ.

"ރިޔާސީ އިންތިހާބުގެ ކެމްޕޭން ކުރިއަށްދާ އިރުގައި އަޅުގަނޑުމެން ވިސްނާލަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި. އަޅުގަނޑުމެންގެ ކެންޑިޑޭޓް، ރައީސް އިބޫގެ މެނިފެސްޓޯގައިވާ ކޮންމެ ސިޔާސަތަކީ، އެމަނިކުފާނުގެ ކޮންމެ ވައުދަކީ ހިސާބު ޖެހިގެން، އެތައް ދިރާސާއެއް ކުރުމަށްފަހުގައި އެކުލަވާލެވިފައިވާ ސިޔާސަތުތަކާއި ވައުދުތަކެއް. ނަމަވެސް އަޅުގަނޑުމެންގެ ވާދަވެރި ކެންޑިޑޭޓް، ޑރ. މުއިއްޒުގެ ފަރާތުން އަޅުގަނޑުމެންނަށް މި ފެންނަނީ ވޯޓު ލިބޭނެހެން ހީވާ ކޮންމެ ވާހަކައެއް ވިދާޅުވަނީ އެއްވެސް ބަލައިލުމެއް ނެތި. ދައުލަތުގެ އެތައް ހަރަދެއް ދެގުނަ، ތިން ގުނަ އިތުރުވެގެންދާނެ އެތައް ކަމެއް އެބަ ވިދާޅުވޭ،" އޭނާ ވިދާޅުވިއެވެ.

އިޔާދު ވިދާޅުވީ މުއިއްޒު ވެރިކަމަށް ވަޑައިގެން، އެ ވިދާޅުވާ ވައުދުތައް އެއްވެސް ބަލައިލުމެއް ނެތި ފުއްދަން އުޅެފި ނަމަ، ސްރީލަންކާއެކޭ އެއްގޮތަށް ރާއްޖެ ބަނގުރޫޓުވެގެން ދިއުމަކީ ވަރަށް ގާތުގައިވާ ކަމެއް ކަމަށާއި އެއީ އެއްގޮތަކަށް ވެސް ދޫކޮށްލައިގެން ތިބެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި އިޔާދު ވަނީ ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކުރެވޭ ގޮތް ބަދަލުކުރުމާ ގުޅޭ މުއިއްޒުގެ ސިޔާސަތަށް ވެސް ފާޑުވިދާޅުވެފައެވެ.

"އެމަނިކުފާނު އިއުލާންކުރެއްވީ ކޮންމެ މީހަކުވެސް ޕެންޝަން ފަންޑަށް ފައިސާ ޖަމާކުރާތާ ދިހަ އަހަރު ދުވަހުގެ ތެރޭގައި އެ ފައިސާ ބޭނުންކުރެވޭ ގޮތަށް ޕެންޝަން ފަންޑުގެ މެނޭޖްމަންޓު ބަދަލުކުރައްވާނެ ވާހަކަ. ކިރިޔާވެސް އިގުތިސާދީ ހޭލުންތެރިކަމެއް ހުރި މީހަކަށް އެނގިވަޑައިގަންނަވާނެ އެއްވެސް ގައުމެއްގައި ޕެންޝަން ފަންޑަކީ މިގޮތަށް މެނޭޖުކުރާ އެއްޗެއް ނޫން. އަމިއްލަ ޕާސަނަލް ބޭންކު އެކައުންޓެއް ގޮތަށް އިރުއިރުކޮޅާ ފައިސާ ނަގާ އެއްޗެއް ނޫން ޕެންޝަން ފަންޑަކީ. ޑރ. މުއިއްޒު އެ ވިދާޅުވާ ގޮތަށް ޕެންޝަން ފަންޑު މެނޭޖުރަން އުޅެފިނަމަ، ޕެންޝަން ފަންޑު ބަނގުރޫޓުވާނީ،" އޭނާ ވިދާޅުވިއެވެ.

އިޔާދު އިތުރަށް ވިދާޅުވީ ޕެންޝަން ފަންޑު ބަނގުރޫޓުވީމާ އެތައް ބަޔަކު އެތައް އަހަރުތަކެއް ވަންދެން، ބުރަ މަސައްކަތްކޮށްގެން އެއްކޮށްފައި ހުރި ފައިސާ އެއްކޮށް ގެއްލިގެންދާނެ ކަމަށާއި އެ ވައުދުން ވެސް މުއިއްޒަކީ ރާއްޖޭގެ އިގުތިސާދު މެނޭޖުކުރުމުގެ ގާބިލުކަން ހުރި ބޭފުޅެއް ނޫންކަން އެނގިގެންދާ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟