ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިއްޖެނަމަ، ށ. ފުނަދޫގައި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އަދި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ކެމްޕަހެއް ގާއިމުކޮށްދޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް ފުނަދުއަށް މިއަދު ވަޑައިގެން އެ ރަށު ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ، ރަށްރަށު މީހުން މާލެ އަންނަނީ ފުރުސަތުތައް ފަހިވެފައިނުވާތީ ކަމަށެވެ.

"އަޅުގަނޑުމެން އެރޭ އިއުލާން ނުކޮށްލެވޭ މުހިންމު ކަމެއް މިރޭ ހަމަ ދަންނަވަލާނަން މި ވިސްނުމުގެ ތެރެއިން ކުރެވޭ އިންވެސްޓުމެންޓަކަށް ވާނެ އާބާދީ އެއްފަސްކުރުމަށް ވެސް މަގުފަހިކޮށްދޭ ކަމަކަށް އެކަން ވާނެ ކަމެއް. ގައުމީ ޔުނިވާސިޓީއެއްގެ އަދި އަޅުގަނޑުމެންގެ ކުރެވޭ ކަމަށް ވަންޏާ ހަމަ ދެ ޔުނިވާސިޓީގެ ވެސް ވާކަމަށް ވަންޏާ ކޮންމެ ގޮތެއް ވިޔަސް ގައުމީ ޔުނިވާސިޓީއެއްގެ ކެމްޕަސް މިތަނުގައި ގާއިމް ކުރުމަކީ ކުރަން ޖެހޭނެ ކަމެއް. އެއިރުން މިތަނަށް ހިޖުރަކުރާނެ، މިތާނގެ ސެޓުލްވާނެ، ކިޔަވައިގެން،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ރާއްޖެ ތަރައްގީކުރަން ނިންމާފައިވަނީ 20 އަހަރު ދުވަހުގެ މާސްޓް ޕްލޭނެއްގެ ދަށުން ކަމަށެވެ. އެ މާސްޓާ ޕްލޭނަކީ ރައްޔިތުންގެ ހިޔާލު ހޯދައި ގާނޫނީ ބާރު ލިބިދޭ ޕްލޭނަކަށް ހައްދަވާނެ ކަމަށެވެ. އެ ޕްލޭންގެ ނޮދަން އޭރިއާ ޑިވެލޮޕްމެންޓުގައި ފުނަދާ ހިމަނާނެ ކަމަށާއި ޔުނިވާސިޓީ ހެދުމަށް ނިންމީ އެ ޕްލޭންގެ ދަށުން ކަމަށެވެ.

ތަރައްގީގެ މަޝްރޫއުތައް ކުރިިއަށް ގެންދާނީ އިގުތިސޯދު ކުރިއަރުވައި އިންވެސްޓަރުންގެ އިތުބާރު ހޯދައިގެން ކަމަށެވެ. މި ސަރުކާރުން ވަނީ ރާއްޖޭގެ އިގުތިސޯދު ހަލާކުކޮށްލާފައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.