މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރަން ޖުމްހޫރީ ޕާޓީން ދެންމެ ނިންމައިފިއެވެ.

އެގޮތަށް ނިންމާފައިވަނީ މިއަދު މެންދުރުފަހު ކުނޫޒުގައި ބޭއްވި އެޕާޓީގެ 160 ވަނަ ކައުންސިލް ބައްދަލުވުމުގައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެ ޕާޓީން ކުރިއަށްދާނެ ގޮތަކަމާ މެދު ކުރި މަޝްވަރާއަށްފަހުއެވެ. ދެވަނަ ބުރުގައި ކޯލިޝަން ހެދުމާއި ނުހެދުމަށް ނިންމުމުގެ ބާރު ކައުންސިލުން ދީފައިވަނީ އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށެވެ.

"އަޅުގަނޑުމެން ކެންޕޭނުގައި ތާއީދު ހޯދުމަށްޓަކައި ދެއްކި ހުރިހާ ވާހަކަތަކެއްގެ އަލީގައި އަޅުގަނޑުމެންނަށް ފެންނަން ހުރި ޑޮކިއުމެންޓްތަކުން ފެންނަން ހުރި ގޮތުންނާއި، މި ހުރިހާ އެއްޗަކަށް ބަލާއިރު އަޅުގަނޑުމެން ދެއްކި ވާހަކައަކީ ތެދު ވާހަކައެއްކަން ޕްރޫފްވާތީއާ އެކީގައި މިފަހަރު މި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް އަޅުގަނޑުމެން ތާއީދުނުކޮށް ސައިލެންޓްކޮށް ތިބޭނީ. ތިބެފަ އަޅުގަނޑުމެން މަސައްކަތް ކުރާނީ ޕާޓީ ކުރިއަރުވަން،" ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ގާސިމްގެ ނިންމެވުން ކައުންސިލަށް އިއްވަވަމުން ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމަށް ލިބިވަޑައިގަތީ 5،450 ވޯޓެވެ. އެއީ 2.4 ޕަސަންޓެވެ.

ގާސިމް ވަނީ ކައުންސިލް ބައްދަލުވުމުގެ ކުރިން ޕީޕީއެމާއި އެމްޑީޕީއާ އެކު ކޯލިޝަން މަޝްވަރާތައް ކުރައްވައިފައެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހީމް މުހައްމަދު ސޯލިހް ވަނީ މިދިޔަ ބުދަ ދުވަހު ސަން އައިލެންޑަށް ވަޑައިގެންފައެވެ. އަދި ކޯލިޝަން މަޝްވަރާއަށް ގާސިމްގެ އަރިހުގައި ދެ ދުވަސް ހޭދަ ކުރެއްވުމަށް ފަހު މާލެ ވަޑައިގަތީ އިއްޔެގެ ހަވީރުގެ ވަގުތެއްގައެވެ.

ރައީސް ސޯލިހު ސަން އައިލެންޑްގައި ހޭދަކުރެއްވި ދެ ދުވަހުގެ ތެރޭގައި، ގާސިމާއި ދެ ބޭފުޅުން ވަކީންވެސް ބައެއް ބައްދަލުވުން ކުރިޔަށް ގެންދަވާފައިވާ ކަމަށް "ވަން"އަށް މައުލޫމާތު ލިބިފައިވެއެވެ. އަދި ބައެއް ބައްދަލުވުންތަކުގައި އެހެން ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.

ގާސިމް ވަނީ ދެވަނަ ބުރުގައި ވާދަކުރައްވާ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފާއި އެ ޕާޓީގެ އިސް ބައެއް ބޭފުޅުންނާ މިދިޔަ އަންގާރަ ދުވަހު ބައްދަލުކުރައްވައި ކޯލިޝަން ހެދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ.

ޖޭޕީން އެއްވެސް ބަޔަކާ އެކު ކޯލިޝަން ނުހެދުމަށް ނިންމާފައިވާ އިރު، އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރު ވަނީ އެއްވެސް ބަޔަކާއެކު ކޯލިޝަން ނުހަދާނެ ކަމަށް ވިދާޅުވެފައެވެ.

ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް ޕީޕީއެމުން ވަނީ ދަ ޑިމޮކްރެޓްސްއާ އެކުވެސް މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ. ޑިމޮކްރެޓްސް އިން ހުށަހެޅީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން މިމަހުގެ 25 ގައި ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ. އެކަމަށް ޕީޕީއެމުން ދެކޮޅު ހެދުމުން، ދަ ޑިމޮކްރެޓްސްއިން ވަނީ އެޕާޓީއާ އެކު ކުރިއަށް ގެންދިޔަ މަޝްވަރާތައް ހުއްޓާލައިފައެވެ. ނަމަވެސް އެމްޑީޕީއާ އެކު އެ މަޝްވަރާތައް އަދިވެސް ދަނީ ކުރިއަށެވެ.

އަމިއްލަ ގޮތުން ވާދަކުރެއްވި ފާރިސް މައުމޫނާއެކު ވެސް ޕީޕީއެމުން މަޝްވަރާތައް ކުރިއަށް ގެންދާ އިރު، އެކަމުގައި އަދި ވަކިގޮތެއް ނުނިންމައެވެ. އަދި ފުރަތަމަ ބުރުގައި ވާދަ ކުރި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މުއިއްޒަށް ތާއީދުކުރަން ނިންމައި، ކޯލިޝަން އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އަދި އެޕާޓީގެ އިސް ފަރާތްތައް އަންނަނީ މުއިއްޒުގެ ކެމްޕޭނުގައި ހަރަކާތްތެރިވަމުންނެވެ.