ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކުރިއަށްދާނެ ގޮތަކާމެދު ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ގޮތެއް ނިންމުމަށް މިއަދު ކައުންސިލް ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

ޖޭޕީން މިއަދު ބުނީ އެޕާޓީގެ 160 ވަނަ ކައުންސިލް ބައްދަލުވުން މިއަދު މެންދުރުފަހު 1:00 ގައި އެޕާޓީގެ މައި ޖަގަހަ، ކުނޫޒުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ބައްދަލުވުމުގައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެ ޕާޓީން ކުރިއަށްދާނެ ގޮތަކަމާ މެދު މަޝްވަރާކޮށް ގޮތެއް ނިންމުން އޮންނާނެ ކަމަށް ޖޭޕީން ބުންޏެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމަށް ލިބިވަޑައިގަތީ 5،450 ވޯޓެވެ. އެއީ 2.4 ޕަސަންޓެވެ.

ގާސިމް ވަނީ ދެވަނަ ބުރުގައި ވާދަކުރައްވާ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފާއި އެ ޕާޓީގެ އިސް ބައެއް ބޭފުޅުންނާ މިދިޔަ އަންގާރަ ދުވަހު ބައްދަލުކުރައްވައި ކޯލިޝަން ހެދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހީމް މުހައްމަދު ސޯލިހާ ވެސް ގާސިމް ވަނީ ކޯލިޝަން މަޝްވަރާތައް ކުރައްވައިފައެވެ.

ރައީސް މިދިޔަ ބުދަ ދުވަހު ސަން އައިލެންޑަށް ވަޑައިގެން މަޝްވަރާއަށް ގާސިމްގެ އަރިހުގައި ދެ ދުވަސް ހޭދަ ކުރެއްވުމަށް ފަހު މާލެ ވަޑައިގަތީ އިއްޔެގެ ހަވީރުގެ ވަގުތެއްގައެވެ.

ރައީސް ސޯލިހު ސަން އައިލެންޑްގައި ހޭދަކުރެއްވި ދެ ދުވަހުގެ ތެރޭގައި، ގާސިމާއި ދެ ބޭފުޅުން ވަކީންވެސް ބައެއް ބައްދަލުވުން ކުރިޔަށް ގެންދަވާފައިވާ ކަމަށް "ވަން"އަށް މައުލޫމާތު ލިބިފައިވެއެވެ. އަދި ބައެއް ބައްދަލުވުންތަކުގައި އެހެން ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.

ސަން އައިލެންޑްގައި ހުންނެވި ގާސިމުގެ އަރިސް ބޭފުޅަކު "ވަން" އަށް ބުރާސްފަތި ދުވަހު ވިދާޅުވި ގޮތުގައި، ގާސިމް ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ސޯލިހާއެކު ކުރިއަށް ވަޑައިގެންފާނެ ކަމުގެ ފެހި ސިގުނަލް ދެއްވައިފައެވެ. އަދި ކުރިއަށް ދަނީ ދެ ފަރާތުން ހިއްސާ ކުރައްވާން ބޭނުންފުޅުވާ ކަންކަން ހިއްސާ ކުރެއްވުން ކަމަށް ގަބޫލުކުރެއްވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމަ އެ އޮފިޝަލު "ވަން" އަށް އިއްޔެ ވިދާޅުވީ "ގޮތަކަށް ނިންމައިފި" ކަމަށާއި އެއީ ވަރަށް ބޮޑަށް ޔަގީން ކަމެއް ކަމަށެވެ. އަދި އޭގެ ދެ ބޭފުޅުން މޫނުފުޅުމަތީންވެސް ފެންނަމުން ދިޔައީ އުފާވެރިކަމާއި އުއްމީދީ މަންޒަރުތަކެއް ކަމަށެވެ.