ސިފައިންނާއި ފުލުހުންގެ މުސާރަ ދެގުނައަށް ބޮޑުކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނުގެ ތެރެއިން އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި "މަވެސް ޕީޕީއެމް" ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ސިފައިންނާއި ފުލުހުންގެ ފުލެޓުތަކުގެ ކުލި ދެއްކުންވެސް އެއް އަހަރު ދުވަހަށް ފަސްކޮށްދެއްވާނެ ކަމަށެވެ.
"އަޅުގަނޑު މި ދަންނަވާ ވާހަކައަކީ ސިފައިންނާއި ފުލުހުންގެ ފުލެޓުތައް އެއީ ފޭސްވަންގައި ހުރި ފުލެޓުތަކުގެ ވާހަކަ، މި ފުލެޓުތަކަށް ދައްކަންޖެހޭ އަގު، އެ ދެ މުއައްސަސާގެ ފުލެޓުތައް ލިބުނު ސިފައިންނާއި ފުލުހުންނަށް ލުއި ދިނުމުގެ ގޮތުން އަޅުގަނޑުމެންގެ ސަރުކާރެއްގައި އެއް އަހަރު ދުވަހަށް އެ އަގު ދެއްކުން ލަސްކޮށްލަދޭނެ ކަމަށް. އެ ދައްކަންޖެހޭ އަދަދެއްވެސް ދެއްކުމުގެ ބަހާލައިގެން ދެއްކޭނެ ފަދަ ލުއި ގޮތެއް އިރާދަކުރެއްވިއްޔާ ހަދައިވެސް ދޭނަން،" މުއިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ލިބޭ ސަރުކާރުގަ ދިވެހި ސިފައިންނާ ފުލުހުންގެ މުސާރަ، މިހާރު ހުރި މުސާރައަށްވުރެ ދެގުނަ ބޮޑުކޮށްދޭނަން"
މުއިއްޒު ވިދާޅުވީ، މިއީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި މުސާރަ ބޮޑުކޮށްދެއްވާނެ ކަމަށް ވިދާޅުވި ފުރަތަމަ ފަހަރު ކަމަށާއި ނުފުއްދޭނެވަރުގެ ވައުދެއް އަދި ވާހަކައެއް ނުދައްކާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު