ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާއެކު ކޯލިޝަން ހެދުމަށް މަޝްވަރާ ކުރުމަކީ އެ ޕާޓީން ކޮށްފައިވާ ގޯސް ކަންކަން ރަނގަޅު ކަމެއްގެ ގޮތުގައި ދެކުން ނޫން ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތަލާލް ވިދާޅުވެއްޖެއެވެ.
ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަލާލް ވިދާޅުވީ، ޖުމްހޫރީ ޕާޓީ އާއެކު ކޯލިޝަން ހެދުމަށް އެއްބަސްވާނީ ޕީޕީއެމްގެ ސިޔާސަތުތަކަށް ގަބޫލުވެ، އެ ސިޔާސަތުތައް ކުރިއެރުވުމަށް މަސައްކަތް ކުރާ ގޮތަށް ކަމަށެވެ. ކޯލިޝަން އެއްބަސްވުމުގައިވެސް ޕީޕީއެމްގެ ސިޔާސަތު ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭނެކަން ހިމަނާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"ޖޭޕީން ކަމެއް ގޯސްކޮށް ކޮށްފިކަމެއް އަޅުގަނޑުމެން ރަނގަޅެއް ނުކުރަން. އެއްވެސް ބަޔަކު ގޯސްކޮށް ކުރާކަމެއް އަލުން އެއީ ރަނގަޅަށް ކުރާ ކަމެއް ކަމަށް އަޅުގަނޑުމެންނެއް ނުނިންމަން. ބަޔަކާ އަޅުގަނޑުމެން ވާހަކަ ދެއްކުމަކީ، ބަޔަކާއެކު އަޅުގަނޑުމެން އިތުރަށް މަޝްވަރާ ކުރަން ފެށުމަކީ އެ މީހުން ކުރިން ކުރި ކަންތައްތައް ރަނގަޅުވުމެއް ނޫން. އެ މީހުން ރަނގަޅުވެގެން އަޅުގަނޑުމެންނާއެކު ކުރިއަށް އޮތް ތަނުގައި ރަނގަޅަށް މަސައްކަތް ކުރަން އެ މީހުން އެއްބަސްވާ ކަމަށްވަންޏާ އަޅުގަނޑުމެން މި ތިބީ މަސައްކަތް ކުރަން" ތަލާލް ވިދާޅުވިއެވެ.
ތަލާލް ވިދާޅުވީ، އިންސާނުކުންނަކީ ކުށް ކުރެވޭނެ ބައެއް ކަމަށާއި އަދި އިންސާނުންނަކީ އަދަބު ލިބިގެން އަލުން އިސްލާހުވެ ރަނގަޅަށްވެސް އުޅޭ ބައެއް ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ލިބިވަޑައިގެންނެވީ 101،494 ވޯޓެވެ. އެއީ އިންތިހާބުގެ 45.99 ޕަސަންޓެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 86،166 ވޯޓެވެ. އެއީ އިންތިހާބުގެ 39.04 ޕަސަންޓެވެ. ފުރަތަމަ ބުރުން އެއްވެސް ކެންޑިޑޭޓަކަށް 51 ޕަސަންޓު ހޯދިފައިނުވާތީ އިންތިހާބުގެ ދެވަނަ ބުރެއް މިމަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ދެވަނަ ބުރަށް ކޯލިޝަން ހަދައިގެން ވާދަކުރެއްވުމަށް ރައީސް ސޯލިހު އަދި ޑރ. މުއިއްޒު ވެސް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.
މުއިއްޒުގެ ފަރާތުން ޖުމްހޫރީ ޕާޓީ، އެމްއާރްއެމް އަދި ދަ ޑިމޮކްރެޓްސްއާއެކު ވެސް އަންނަނީ މަޝްވަރާތައް ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު