ދަ ޑިމޮކްރެޓްސްގައި ތިއްބެވި ބޭފުޅުންނަށް ޕީޕީއެމްގެ ވެރިކަމަށް ވުރެ ދެން ވެސް ރަނގަޅުވާނީ އެމްޑީޕީއަށް ވެރިކަން ލިބިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދި ދަ ޑޮކްރެޓްސްއަށް ސޮއިކުރި ފުރަތަމަ މެންބަރުންގެ ތެރޭގައި ޝިޔާން ވެސް ހިމެނިވަޑައިގަންނަވައެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ފެށެން ގާތްވެފައި ވަނިކޮށް، ޝިޔާން ވަނީ އެ ޕާޓީ ދޫކުރައްވައި، އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.
ސޯސަން ޖަގަހަ ކުރިމަތީގައި ރޭ ބޭއްވި އެމްޑީޕީގެ ކަންމަތީ ޖަލްސާގައި ވާހަަކަދައްކަވަމުން ޝިޔާން ވިދާޅުވީ ދިމާވާ ކުޑަކުޑަ މައްސަލައަކުން އެ މައްސަލައިގައި ތާއަބަދަށް ތިބުމަކީ ގައުމަށް އެންމެ ފައިދާ ހުރި ގޮތް ނޫން ކަމަށާއި ދަ ޑިމޮކްރެޓްސްގައި ތިއްބެވީ މި ރާއްޖޭގެ 30 އަހަރުގެ ވެރިކަން ބަދަލުކޮށް ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި ބައިވެރިވި ބޭފުޅުންތަކެއް ކަމަށެވެ.
"މި ޕާޓީ، މި ޕާޓީގެ ގޮތުގައި އޮތީ ތިބޭފުޅުންނާ ވެސް އެކީގައި. ފުރަތަަމަ ބުރު ނިމިއްޖެ. އަޅުގަނޑު ގޮވާލަން ބޭނުންވަނީ މި ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ތިބި އެމްޑީޕީއާ އޭރު ފެއަށް ޖެހިފައި ތިބި ފަރާތްތަކަށް، އޭރުގައި އެކިއެކި ސަބަބުތަކާ ގުޅިގެން ދުރަށް ގޮސްފައިވާ ފަރާތްތަކަށް ވަޑައިގަންނަވާށޭ. ޕީޕީއެމްގެ ވެރިކަމަށް ވުރެ ދެން ވެސް ތިބޭފުޅުންނަށް ރަނގަޅުވާނީ އެމްޑީޕީއަށް ވެރިކަން ލިބިގެންނޭ،" އޭނާ ވިދާޅުވިއެވެ.
ޝިޔާން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދީ، ކުރިއަށްގެންދާ ތަރައްގީގެ ކަންކަން ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް، އެކަންކަން ނިންމަން ޖެހޭ ކަމަށާއި އެހެން ނޫނިއްޔާ މި ރާއްޖެއަށް ސަލާމަތެއް ނެތް ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކުރި ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒެވެ. މުއިއްޒަށް ވަނީ 101,494 ވޯޓު ލިބިވަޑައިގެންފައެވެ. އެއީ 45.99 ޕަސަންޓެވެ. ދެވަނައަށް ވަޑައިގެންނެވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 85،126 ވޯޓެވެ. އެއީ އިންތިހާބުގެ 39.02 ޕަސަންޓެވެ. ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވީ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. އޭނާ 15،839 ވޯޓު ހޯއްދެވި އިރު، އެއީ 7.18 ޕަސަންޓް ވޯޓެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ. ދެވަނަ ބުރުގައި ވާދަކުރައްވާ މުއިއްޒާއި ރައީސް ސޯލިހު މިހާރު ގެންދަވަނީ ކޯލިޝަން ހެދުމުގެ މަސައްކަތްތައް ކުރަމުންނެވެ. ފުރަތަމަ ބުރުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް ކޯލިޝަނަކާ ގުޅިފައިވަނީ ހަމައެކަނި އެމްއެންޕީގެ ކެންޑިޑޭޓް، ދަނގެތި ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނާޒިމެވެ. ފުރަތަމަ ބުރުގައި އޭނާއަށް ލިބިވަޑައިގެންނެވީ 1،907 ވޯޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު