ޚަބަރު

ޕީޕީއެމުން ފާރިސްއާ އެކު ކޯލިޝަން ހަދަން މަޝްވަރާކޮށްފި

މުހައްމަދު އިޝާން

ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވި މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް) އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ފާރިސް މައުމޫންގެ ޓީމާއެކު މަޝްވަރާކޮށްފިއެވެ.

ޕީޕީއެމުން މިއަދު ބުނީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ގުޅިގެން މަސައްކަތް ކުރުމާ ބެހޭގޮތުން އެމްއާރްއެމް އަދި ފާރިސްގެ ޓީމާއެކު މަޝްވަރާކޮށްފައިވާ ކަމަށެވެ.

އެ ބައްދަލުވުމާ ބެހޭ އިތުރު މައުލޫމާތެއް ޕީޕީއެމުން އަދި ހާމަކޮށްފައެއް ނުވެއެވެ.

އެ ބައްދަލުވުމާ ގުޅޭގޮތުން ފާރިސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އޭނާގެ ޓީމުން ޕީޕީއެމް/ޕީއެންސީއާ ބައްދަލުކޮށް ސޯޝަލް، ސިޔާސީ އަދި އިކޮނޮމީ ރީފޯމް ޕޮލިސީތަކާ ބެހޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އެ ޕޮލިސީސް ތަކަކީ ރަނގަޅު ޑިމޮކްރަސީއަކާއި އިންސާފު އަދި އެއްބައިވަންތައްކަން ދެމެހެއްޓުމެއް މުހިންމު ކަންތައްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން ކުރެއްވި ޓުވީޓެއްގައި ފާރިސް ވިދާޅުވެފައިވަނީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ވެސް ކޯލިޝަން ހެދުމަށް މަޝްވަރާ ކުރުމުގެ ދައުވަތު ލިބިވަޑައިގަންފައިވާ ކަމަށެވެ.

އިންތިހާބު އެއްވަނައަށް ދިޔައީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ވަނީ 101,494 ވޯޓެވެ. އެއީ 45.99 ޕަސަންޓެވެ. ދެވަނައަށް ވަޑައިގެންނެވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 85،126 ވޯޓެވެ. އެއީ އިންތިހާބުގެ 39.02 ޕަސަންޓެވެ. ފާރިސް އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކޮށްގެން ލިބިވަޑައިގެންނެވީ 2،993 ވޯޓު ހޯދައިފައެވެ. އެއީ އެއް ޕަސަންޓެވެ.

ދެވަނަ ބުރުގައި ކޯލިޝަން ހެދުމާ ގުޅޭގޮތުން ޕީޕީއެމް/ޕީއެންސީން ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު، މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމާ ވެސް ބައްދަލުކުރައްވައިއެވެ. ނަމަވެސް ކޯލިޝަން ހެދުމާ ބެހޭގޮތުން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ. ރައީސް ސޯލިހު ވެސް ވަނީ ގާސިމާ ބައްދަލުކުރެއްވުމަށް ސަން އައިލެންޑް ރިސޯޓަށް މިއަދު ވަޑައިގެންފައެވެ.

ޕީޕީއެމް/ޕީއެންސީން މިހާތަނަށް ކޯލިޝަން ހަދައިފައިވަނީ އެމްއެންޕީއާ އެކަންޏެވެ. އެމްޑީޕީއާއެކު ރިޔާސީ އިންތިހާބަށް ކޯލިޝަން ހަދައިފައިވަނީ އެމްޑީއޭ އަދި އަދާލަތު ޕާޓީއެވެ.