ރިޔާސީ އިންތިހާބާ ގުޅުވައި ފުލުހުންނަށް ޕްރޮމޯޝަން ދިނުމަށް ސަރުކާރުން އަންގާފައިވާ ކަމަށް ބުނެ ފަތުރާ ވާހަކަ ފުލުހުންގެ ދޮގުކޮށްފިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ހޯދުމަށް 300 ފުލުހުންނަށް ޕްރޮމޯޝަން ދިނުމަށް ސަރުކާރުން، ފުލުހުންނަށް އަންގާފައިވާ ކަމަށާއި ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބައެއް ފުލުހުންނަށް ފުލެޓް ދިނުމަށް ނިންމާފައިވާ ކަމަށް އޮންލައިން ނޫހެއް ކަމަށްވާ "ދިޔަރެސް" ގައި މިއަދު ޝާއިއުކުރި ހަބަރެއްގައި ލިޔެފައިވެއެވެ.

އެކަމާ ގުޅިގެން ފުލުހުން އެކްސްގައި މިއަދު ބުނީ، ފުލުހުންނަށް ޕްރޮމޯޝަން ދެނީ ފުލުހުންގެ ހިދުމަތުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގައިވާ ގޮތުގެ މަތިން، ޕްރޮމޯޝަން ބޯޑުން ކަމަށެވެ.

"(ދިޔަރެސްގެ އާޓިކަލް)އަކީ އެއްވެސް އަސްލެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިޔުމެއް ނޫން. ފުލުހުންނާ ގުޅޭ ގޮތުން ތަކުރާރުކޮށް، ފުލުހުންގެ ހިދުމަތުގެ ބަހެއް ހޯދުމަށް އެއްވެސް މަސައްކަތެއް ނުކޮށް "ދިޔަރެސް" ނޫހުން މިފަދަ ދޮގު ވާހަކަތައް ލިޔުމަކީ މި ހިދުމަތުން ކަންބޮޑުވާ އަދި ކުށްވެރިކުރާ ކަމެއް،" ފުލުހުން އެކްސްގައި ބުންޏެވެ.

ފުލުހުން ބުނީ "ދިޔަރެސް" ނޫހުގެ ފަރާތުން އެފަދަ އެއްވެސް މައުލޫމާތެއް ސާފުކުރުމަށް ގުޅާފައިނުވާ ކަމަށެވެ. އަދި ނޫސްވެރިކަމުގެ އަސާސީ މިންގަނޑުތަކާ ހިލާފު ކަންކަން ނުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.