ސިޓީ ކައުންސިލްތަކުން ބާރުތައް މަރުކަޒީ ނުކޮށް، ރަށްރަށަށް ބާރުތައް ދޫކޮށްލަންޖެހޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އައްޑޫ ސިޓީގެ މީދޫއަށް މިއަދު ވަޑައިގެން، އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މި ސަރުކާރުން ގެންގުޅެނީ މައި ސަރުކާރުގެ ލިބިފައިވާ ބާރުތައް ދޫކޮށް، ކައުންސިލްތައް ބާރުވެރި ކުރުވުމުގެ ސިޔާސަތެއް ކަމަށެވެ.

"ސިޓީ ކައުންސިލްތަކުންވެސް މަރުކަޒީ ބައެއް ބާރުތައް އެބަ އެހެން ރަށްރަށަށް ދޫކޮށްލުމަކީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. ހާއްސަކޮށް އައްޑޫ ސިޓީގައި ވަކިން މި އޮތް ދެ ރަށަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އަދި މިއަށްވުރެ ލާމަރުކަޒީ އަޅުގަނޑުމެން ކުރަން އެބަޖެހޭ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މީދޫ އަދި ހުޅުދޫއަކީ ވަކި ދެ ރަށްކަމުން، އެ ރަށްތަކުން އެޑްމިނިސްޓްރޭޓިވް, ސިއްހީ, ތައުލީމީ ކަންކަން ފަށަން ޖެހޭނެ ކަމަށާއި އެ ހިދުމަތްތައް ފަސޭހައިން ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުމަށް ރަށްރަށަށް ބާރުތައް ދޫކޮށްލަންޖެހޭ ކަމަށެވެ.

ކައުންސިލްތައް ބާރުވެރިކުރުވައި ލާމަރުކަޒީ ކުރުމަށް ސަރުކާރުން ބޮޑު އަހަމިއްޔަތު ކަމެއް ދޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މައި ސަރުކާރަށް ލިބިދީފައިވާ ބައެއް ބާރުތައް ގާނޫނުގެ ދަށުން ކައުންސިލްތަކަށް ދޫކޮށްލާފައިވާއިރު، ލާމަރުކަޒީ ކުރުމުގެ ހެޔޮ ބަދަލު ރަށްރަށުން ފެންނަމުން އަންނަ ކަމަށެވެ.