ޚަބަރު

ގާސިމަށް ސިޔާމްގެ ރައްދު: ދޮގު ނުހައްދަވާ، އަޅުގަނޑު މިއީ ދެފުށްކެހެރި މީހެއް ނޫން!

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހުގައި މި ވަގުތު ހުންނެވި އެ މަނިކުފާނުގެ ކޯލިޝަން ޕާޓްނަރު، އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދުގެ ހިތުގައި ލޯތްބާއި އިހުތިރާމް އޮތީ އޭނާއަށް ކަމަށް ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވުމުން އެކަމަށް ސިޔާމް ރައްދު ދެއްވައިފިއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް ސޯލިހާއެކު ހދ. މަކުނުދުއަށް ވަޑައިގެން އެ ރަށު ޒުވާނުންގެ މަރުކަޒުގައި މިރޭ ބޭއްވި ޖަލްސާގައި ސިޔާމް ވިދާޅުވީ، ގާސިމަކީ ވަރަށް އިހުތިރާމް ކުރައްވާ ބޭފުޅެއް ކަމަށާއި ނަމަވެސް ދޮގު ހަދައިގެން ނުވާނެ ކަމަށެވެ. އަދި އޭނާއަކީ ދެފުށްކެހެރި މީހެއް ނޫން ކަމަށާއި ހުންނަވާނީ ރައީސް ސޯލިހާއެކުގައި ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާލާނަން އަޅުގަނޑުގެ އަހް ގާސިމް އިބްރާހީމަށް. ގާސިމުއޭ ދޮގު ތިވަރަށް ނަހައްދަވާށޭ. އަޅުގަނޑު މިއީ ދެފުށްކެހެރި މީހެއް ނޫން. އަޅުގަނޑު މި ހުރީ ސީދާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި. އަޅުގަނޑު ހަމަގައިމުވެސް އިބްރާހިމް މުހައްމަދު ސޯލިހު ދޫކޮށްލާފަކާ، މި ފަސް އަހަރަކު އިރާދަކުރެއްވިޔާ އެއްވެސް ތާކަށް ނުދާނަން،" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް މިރޭ ވަނީ ވެރިކަމަށް ވަޑައިގަތުމަށް ބޭކާރު މަސައްކަތާއި ބޭކާރު ފައިސާ ހަރަދުކުރުމުގެ ބަދަލުގައި އެމްޑީޕީއާ ގުޅިފައިވާ ކޯލިޝަނާ ގުޅިވަޑައިގަތުމަށް ދައުވަތު ދެއްވައިފައެވެ. އަދި ވިދާޅުވީ، ރާއްޖެ ތަރައްގީ ކުރެވޭނީ އެ ކޯލިޝަންއާއެކު ކަމަށެވެ.