ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އުފަން ރަށް، ޅ. ހިންނަވަރުން، މެޖޯރިޓީ ހޯދުމަކީ އުނދަގޫ ކަމަކަށް ވިޔަސް އެއީ ނުކުރެވޭނެ ކަމެއް ނޫން ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ހިންވަރަށް މިއަދު ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ އެއްބުރުން ރިޔާސީ އިންތިހާބު ކާމިޔާބުވުމަކީ ތާރީހީ ކަމަކަށް ވެގެންދާނެ ކަމަށެވެ. އަދި އޭނާއަށް ހިންނަވަރުން މެޖޯރިޓީ ލިބޭ މަންޒަރު ދެކެން ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

"އެއީ ވަރަށް ބޮޑު ޗެލެންޖެއް، އެހެންނަމަވެސް އަޅުގަނޑަށް ޔަގީން ތި ބޭފުޅުން ކާމިޔާބު ކޮށްދޭނެކަން،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، މި ފަސް އަހަރުގެ ތެރޭގައި ހިންނަވަރުގެ ތަރައްގީއަށް ސަރުކާރުން އެއްވެސް ކަމެއް ކޮށްދީފައި ނުވާއިރު، އޭނާގެ ވެރިކަމެއްގައި ހިންނަވަރަށް ބޭނުންވާ ތަރައްގީގެ ހުރިހާ މަޝްރޫއުތަކެއް ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ނިންމައިދޭނެ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގައި ވޯޓުލާން ޖެހެނީ ރަށުގެ ނުވަތަ އަމިއްލަ މުހުތާޖެއް ފުއްދުމުގެ ބަދަލުގައި ނޫން ކަމަށާއި އިންތިހާބުގައި ވޯޓުލާން ޖެހޭނީ ގައުމުގެ މަސްލަހަތަށް ކަމަށް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ތައުލީމީ މަންހަޖުގެ ތެރެއިން ދިވެހިބަސް އުވާލަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމުގެ ސަބަބުން އިސްލާމް ދީނަށް ގޮންޖެހުންތަކެއް އަންނާނެ ކަމަށެވެ. ރާއްޖޭގެ މިނިވަންކަން މިހާރު ވަނީ ބޭރުގެ ބައެއްގެ މައްޗަށް ދޫކޮށްލާފައިވާ ކަމަށްވެސް މުއިއްޒު ތުހުމަތު ކުރެއްވިއެވެ.