ރޯދަ މަހުގެ ފަހު 10 އަކީ ސަރުކާރު އެއްކޮށް ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ބ. އޭދަފުއްޓަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި މުއިއްޒު މިރޭ ވިދާޅުވީ ރޯދަ މަހުގެ ފަހު 10 ދުވަސް ބަންދުކުރުމުން، ރައްޔިތުންނަށް ރޭ އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރެވޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ސަރުކާރެއްގައި އަޅުގަނޑު ގަސްތުކުރަނީ ރަމަޟާން މަހުގެ ފަހު 10 ދުވަހަކީ އެއްކޮށް ސަރުކާރު ބަންދު 10 ދުވަސް ކަމުގައި ކަނޑައަޅަން، އޭރުން ރައްޔިތުންނަށް ރޭ އަޅުކަމުގައި ވަރަށް ގިނަ ވަގުތު ހޭދަކުރެވޭނެ،" މުއިއްޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެންމެ އިސްކަމެއް ދެއްވާނީ އިސްލާމީ އުސޫލުތައް ގާއިމުކުރުމާއި ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމަށް ކަމަށެވެ. ފަހު 10 އެއް ބަންދުކުރުމުން އިތުރު ޗުއްޓީއަކާ ނުލައި ސަރުކާރުގެ މުވައްޒަފުންނަށް އުމްރާއަށް ދެވޭނެ ކަމަށެވެ. އަދި ފަހު 10 އަކީ ގްރޭޑް އަށަކުން ދަށުގެ ގްރޭޑުތަކުގެ ދަރިވަރުންނަށް ބަންދު ދުވަސްތަކެއް ކަމަށް ކަނޑައަޅާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ ކޮންފަރެންސް އަދި ހަފުލާތައް ބޭއްވުމަށް އޭދަފުށީގައި ކޮންފަރެންސް ހޯލެއް ހަދައިދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެކަމަކީ ޓޫރިޒަމް ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާނެ މަޝްރޫއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭދަފުށީގައި މޫދަށް އެރެން ރަނގަޅު ސަރަހައްދެއް ނެތްކަމުގެ ކަންބޮޑުވުން ރަށު ރައްޔިތުން ފާހަގަކުރަމުންދާ ކަމަށާއި އެކަން ހައްލުކޮށްދިނުމުގެ ގޮތުން މާލޭގައި އޮތް ކަހަލަ އާޓިފިޝަލް ބީޗެއް ހަދައިދޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ހައުސިން މަޝްރޫއުގެ ދަށުން އެންމެ ގިނަ ފުލެޓް ހަދާނީ އޭދަފުށީގައި ކަމަށާއި އޭދަފުށީގެ އިގުތިސޯދީ ކުރިމަގަށް އަދި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށްޓަކައި ކައިރީގައި އޮތް މާއްޑޫ، އޭދަފުށީގެ އިހުތިސާސުގެ ތެރޭގައި ހިމަނުއްވައިދެއްވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު