ލޯނު ނަގައި ރާއްޖެ ދަރަނިވެފައިވާ ކަމަށްބުނެ މި ސަރުކާރަށް އިދިކޮޅުން އަމާޒުކުރާ ފާޑުކިޔުންތަކަށް އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ރައްދު ދެއްވައިފިއެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގަމުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސިޔާމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ކޮވިޑުގެ ދުވަސްވަރު ގުޅުއްވައި، "ދުވަސް މި ދިޔައީ" ކަމަށް ވިދާޅުވެ، މުވައްޒަފުންގެ މުސާރަ ކުޑަކުރުމަށް ހިޔާލު ދެއްވި ކަމަށެވެ.
"ގާސިމް ގުޅުއްވާފަ ސިޔާމްގެ މުވައްޒަފުންގެ މުސާރަ ކުޑަކުރާށޭ، މުވައްޒަފުން މަދުކުރާށޭ ވިދާޅުވި. އަޅުގަނޑު މުސާރައެއް ކުޑައެއް ނުކުރަން، އަޅުގަނޑު ކަނޑައެއް ވެސް ނުލަން، ހަމަ ގޭގައި ބައިތިއްބައިގެން އެއް އަހަރު ވަންދެން މުސާރަ ދިނިން،" އޭނާ ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ ޓޫރިޒަމް ސިނާއަތުގެ ވިޔަފާރިވެރިން ވެސް އޭނާއަށް ގުޅުއްވާފަ ކަންބޮޑުވުން ހިއްސާކުރި ކަމަށާއި އެކަމާ ގުޅިގެން ރައީސް ސޯލިހަށް ގުޅުއްވުމުން އެމަނިކުފާނު ދެއްވީ ވަރަށް އުންމީދީ ޖަވާބެއް ކަމަށެވެ.
"އަޅުގަނޑު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގުޅާފަ ވެސް ދެންނެވިން އިންޑަސްޓްރީ ބޭފުޅުން މި ތިބީ ހާލުގަ ޖެހިފައޭ. އެބޭފުޅުން ވިދާޅުވެއޭ ހާލުގަ ޖެހިފައޭ. ރައީސް ދެއްވި ޖަވާބަކީ ހުރިހާ ވިޔަފާރިވެރިންނަށް ލޯނު ނަގައިގެން އެހީތެރިވާނަމޭ. ލޯނަކީ ދަރަންޏެއް ނޫން، މިއީ ސިޔާސީ ބޭފުޅުން ދަސްކުރަން ޖެހޭ އެއްޗެއް، ވިސްނަން ޖެހޭ އެއްޗެއް. ލޯނަކީ ނަގަން ޖެހޭ އެއްޗެއް،" އޭނާ ވިދާޅުވިއެވެ.
ސިޔާމް އިތުރަށް ވިދާޅުވީ ފައިސާ ހޯދަން ގޮސްގެން ބޭންކަކުން ކޮންމެ ކޮންމެ މީހަކަށް ފައިސާ ނުދޭނެ ކަމަށާއި ކިތަންމެ ބޮޑު ދައުލަތެއް ވިޔަސް، ފައިސާ ދޭނީ ދައުލަތް ހިންގަނީ ކާކުތޯ ބަލާފައި ކަމަށެވެ. އަދި ރައީސަށް އޮންނަ އިތުބާރެއްގެ ބޮޑުކަމުން ދުނިޔޭގެ ފައިސާގެ ބާޒަރުން ރައީސަށް ފައިސާ ނުދޭނެ އެއްވެސް ބޭފުޅަކު ނުހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.