މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިންފްލޭޝަން ހަ ޕަސެންޓަށް އަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފިއެވެ.
ވޯލްޑް ބޭންކް މިދިޔަ ހަފުތާގައި އާންމުކޮށްފައިވާ ރިޕޯޓްގައިވާ ގޮތުން ހަނގުރާމައިގެ ސަބަބުން ޓޫރިޒަމަށް އަސަރުކުރުމާއި ތެލުގެ އަގު އުފުލުމުގެ އިތުރުން މާލީ ހާލަތަށް ކުރާނެ އަސަރުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ކުރިއަރާނީ 0.7 ޕަސެންޓަށް ކަމަށެވެ. ނަމަވެސް އަންނަ އަހަރު އަނެއްކާވެސް ރާއްޖޭގެ އިގުތިސޯދު 6.7 ޕަސެންޓްގައި އަދި 2028ގައި 4 ޕަސެންޓްގައި ކުރިއަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ވޯލްޑް ބޭންކުގެ ރިޕޯޓުގައިވެއެވެ.
ރިޕޯޓުގައިވާ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުންދާ ކަމަށެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ ތަކެތީގެ އަގުތައް ވެސް އުފުލިގެންދާނެއެވެ. ހާއްސަކޮށް އަތޮޅު ތެރޭގެ ރައްޔިތުންނަށް ތަކެތީގެ އަގު އުފުލޭނެ ކަމަށް ވެސް ރިޕޯޓްގައިވެއެވެ. ގޮތުން ތަކެތީގެ އަގު އެހާ ބޮޑަށް އުފުލެނީ، ދުނިޔޭގެ ބާޒާރުގައި ވެސް ތަކެތީގެ އަގުތައް އުފުލެމުންދާތީ ކަމަށެވެ.
އެގޮތުން މިއަހަރު އިންފްލޭޝަން ހަ ޕަސެންޓަށް އުފުލޭނެ ކަމަށް ލަފާކޮށްފައިވާ އިރު، 2028އާ ހަމައަށް އިންފްލޭޝަން ހުންނާނީ ހަތަރު ޕަސެންޓަށްވުރެ މަތީގައި ކަމަށް ވެސް ވޯލްޑް ބޭންކުން ވަނީ ލަފާކޮށްފައެވެ.
ވޯލްޑް ބޭންކުން ބުނީ މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި މަހުގެ ބާވަތްތަކާއި ދުންފަތުގެ ބާވަތްތަކާއި ކާބޯތަކެތީގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އަދި މިއަހަރު އިފްލޭޝަން މަތިވެ، އިމްޕޯޓަށް ބޭނުންވާ ބޭރު ފައިސާ އިތުރުވާނެ ކަމަށެވެ. އެކަމުގެ ސަބަބުން ފޮރިން އެކްސްޗޭންޖަށް ޕްރެޝާ ބޮޑުވާނެ ކަމަށް ވެސް ރިޕޯޓްގައިވެއެވެ.
ވޯލްޑް ބޭންކުގެ ރިޕޯޓްގައިވާ ގޮތުން ގޭބިސީތަކުގެ އާންމު ހާލަތަށް އަސަރު ކުރުމުގެ ފުރުސަތު އޮތް ނަމަވެސް ސަބްސިޑީގެ ސަބަބުން އާންމު ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެއެވެ.
ރިޕޯޓްގައިވާ ގޮތުން ކާބޯތަކެތީގެ އަގު ގާތްގަނޑަކަށް 10 ޕަސެންޓަށް އުފުލިގެންދާ އިރު، ރާއްޖޭގެ ފަގީރުކަން 1.6 ޕަސެންޓަށް އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ރާއްޖޭގެ ބޭންކުތަކާއި މާލީ އިދާރާތަކުގެ ރައުސްމާލުގެ ބޮޑު ބައެއް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ލޯނު ދޫކޮށްފައިވާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ރިޕޯޓުގައި ބުނެފައިވަނީ މިދިޔަ އަހަރު ރާއްޖޭގައި ހުރި ބޭންކުތަކުގެ ޖުމްލަ ރައުސްމާލުގެ 40އާ އެއްވަރުގެ އަދަދެއް ސަރުކާރާއި އެސްއޯއީތަކަށް ލޯން ދޫކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ބޭންކުތައް ފިޔަވައި ރާއްޖޭގައި މާލީ އެހީ ދޭ ކުންފުނިތަކުން ސަރުކާރަށް ދޫކޮށްފައިވާ ލޯނުގެ އަދަދު ރައުސްމާލުގެ 66 ޕަސެންޓަށް އަރާ ކަމަށެވެ.
ރިޕޯޓްގައިވާ ގޮތުން މާލީ ދާއިރާއިން ސަރުކާރާއި އެސްއޯއީތަކަށް ދޫކޮށްފައިވާ ދަރަނީގެ މިންވަރު މިދިޔަ އަހަރު ވަނީ 2024އާ އަޅައި ބަލާއިރު 15.4 އިތުރުވެފައެވެ. އެގޮތުން ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް ދަރަންޏަށް ފައިސާ ހޯދަން ރާއްޖޭގެ ބޭންކުތަކަށް ބަރޯސާވާ މިންވަރު ބޮޑުވުމަކީ ރާއްޖޭގެ މާލީ އަދި ފިސްކަލް ނިޒާމުގެ ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށްވެސް ބުންޏެވެ.
ވޯލްޑް ބޭންކު
ވޯލްޑް ބޭންކު
ވޯލްޑް ބޭންކު
ކޮމެންޓް