ކެމްޕޭން ހަރަކާތްތައް ބޭއްވުމަށް ހަމަހަމަކަމާއެކު ހުރިހާ ކެންޑިޑޭޓުންނަށް ވެސް ބިން ދޫކުރާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕޭން ހަރަކާތްތަކަށް ސިޓީ ކައުންސިލުން ބިން ދޫނުކުރާ ކަމަށް އެ މަނިކުފާނުގެ ކެމްޕޭން ޓީމުން ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން ސިޓީ ކައުންސިލުން މިއަދު ކުރި ޓުވީޓެއްގައި ބުނީ ކައުންސިލުން ދަނީ މިހާރު ވެސް ސިޔާސީ ހަރަކާތްތައް ހިންގުމަށް ބިން ދޫކުރަމުން ކަމަށެވެ.

"ސިޔާސީ ހަރަކާތްތައް ހިންގުމަށް ހުއްދައަަށް އެދިފައިވާ ސިޓީތަކަށް ޖަވާބުދިނުމަށް ވަގުތު ނަގާފައިވަނީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންވެސް ސިޔާސީ ހަރަކާތްތައް ހިންގުމަށް މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ސަރަހައްދުތައް ބޭނުންވެގެން އެދިފައިވާތީ މަޝްވަރާކުރެވި، އެއްވެސް ބަޔަކަށް ދަތިނުވާނެހެން އެކަން ހަމަޖެއްސުމަށްޓަކައި. ހަމަހަމަ ފުރުސަތުތަކެއް ހުރިހާ ފަރާތްތަކަަށް ދިނުމަށްޓަކައި މަޝްވަރާކުރެވި ކައުންސިލުން މިހާރުވެސް ދަނީ މިފަދަ ހުއްދަތައް ދެމުން،" ސިޓީ ކައުންސިލުން ބުންޏެވެ.

އަންނަ މަހު ކާނިވާ ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައީސް ސޯލިހުގެ ކެމްޕޭން ހަރަކާތަކަށް ސިޓީ ކައުންސިލުން ވަނީ މިއަދު ހުއްދަ ދޫކޮށްފައެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އަށް ކެންޑިޑޭޓަކު ވާދަކުރައްވައެވެ. އެއީ އެމްޑީޕީގެ ފަރާތުން ރައީސް ސޯލިހު، ޕީޕީއެމް/ޕީއެންސީގެ ފަރާތުން މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، އެމްއެންޕީގެ ފަރާތުން އެ ޕާޓީގެ ރައީސް، ރައްޔިތުން މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް، ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ޕާޓީގެ ލީޑަރު، ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް އަދި ދަ ޑިމޮކްރެޓްސްގެ ފަރާތުން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.

އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންނަކީ ފާރިސް މައުމޫން، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި ޑިފެންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ނުވަވަނަ ދުވަހުއެވެ.