ޕީޕީއެމްގެ ސްޕެޝަލް އެޑްވައިޒަރެއްގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް، ޕީޕީއެމްގެ ރިޔާސީ ޓިކެޓު ނުދިނީ ދޭން ބޭނުންނުވާތީ ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގެވުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގެ ހުޅުދޫގައި މިއަދު ބޭއްވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ، މަކަރުވެރިކަމާއި އޮޅުވާލުންތަކުގެ ވާހަކަ ވަހީދަށް ނުދެއްކޭނެ ކަމަށާއި އެކަމުގެ ތަފުސީލަށް ދާން ބޭނުންނުވާ ކަމަށެވެ. އަދި ވަހީދަކީ މިހާރު ރާއްޖޭގެ ވެރިކަމަށް އެކަށީގެންވާ ބޭފުޅެއް ނޫން ކަމަށް އަދުރޭ ވިދާޅުވިއެވެ.
"(ވަހީދު) ރުޅިގަދަވާނެ ކަމެއް ނެތޭ، ޕީޕީއެމް/ޕީއެންސީގެ ޓިކެޓު ވަހީދަކަށް ނުލިބޭނެ. ނުދެވޭނެ، ނުދީއޭ އޮތީ. އަޅުގަނޑުމެން ބޭނުންވި ގޮތަށް އެކަން ކުރީ. ވަހީދަށް ވެރިކަން ދޭން ޖެހޭ ސަބަބެއް ނެތޭ. ވަހީދަކީ މިއަދު މި ރާއްޖޭގެ ވެރިކަން ކުރެވޭނެ ވަރުގެ ބޭފުޅެއް ނޫނޭ. މިއީ 21 ވަނަ ގަރުނޭ. މި ގަރުނުގައި 38 ފޫޓު، 18 ފޫޓުގެ މަސްދޯންޏެއްގައި ކޫޓީ އިންޖީނެއް އަޅައިގެން ދުއްވާކަށް ދިވެހި ޒުވާނުން ބޭނުމެއް ނޫނޭ. ރޮކެޓް ސްޕީޑުގައޭ ކުރިއަށްދާން ބޭނުންވަނީ. އެހެންވެގެންނޭ ޑރ. މުއިއްޒަށް ޓިކެޓު ދިނީ،" އަދުރޭ ވިދާޅުވިއެވެ.
މުއިއްޒަށް ޓިކެޓު ދިނީ އޭނާއަކީ އިހުލާސްތެރި، ގާބިލު، އަމާނަތްތެރި، ހިންގުންތެރި މީހަކަށްވުމުން ކަމަށް އަދުރޭ ވިދާޅުވިއެވެ.
"ތިމަންނަ ހުރީ ތައްޔާރަށޭ، އެ ޓިކެޓު ލިބޭނެކަމުގެ އުންމީދުގައޭ، ބަލަ އެ ޓިކެޓު ލިބޭނެކަމަށް އުއްމީދުކުރީ ކީއްކުރަންތޯ،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ވަހީދަކީ މިދިޔަ ފަސް އަހަރު ޕީޕީއެމަށް އެއްވެސް ހިދުމަތެއް ކޮށްދިން ބޭފުޅެއް ނޫން ކަމަށާއި އެހެންކަމުން ރިޔާސީ ޓިކެޓަށް އުއްމީދު ކުރައްވަން ޖެހޭނެ ސަބަބެއް ނޯންނާނެ ކަމަށެވެ. ޔާމީނަށް ކުރިމަތިނުލެވޭނެހެން ހީވީމަ "ފިޔަ ދަމާފައިވާ ބާޒެއް" ގޮތަށް ޕީޕީއެމްގެ ތެރެއަށް ވަހީދު ވަދެވަޑައިގެންފައިވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.
މުއިއްޒަށް ޓިކެޓު ދިނުމަކީ ޔާމީން ހަވާލުކުރި އަމާނާތް ހެޔޮ ގޮތުގައި ރައްދުކޮށްދެއްވުން ކަމަށް އަދުރޭ ވިދާޅުވިއެވެ. ޔާމީން ވަނީ ބޭރުން އަންނަ އެއްވެސް ބާޒަކަށް ޖާގަ ނުދިނުމަށް އެދިވަޑައިގެންފައި ކަމަށާއި ވަހީދަކީ އެފަދަ ބާޒެއް ކަމަށް އަދުރޭ ވިދާޅުވިއެވެ.
މީގެ އިތުރުން އަދުރޭ ވިދާޅުވީ އެމްޑީޕީން ދަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށްވުރެ ބޮޑަށް، މުއިއްޒަށް ކެމްޕޭން ކޮށްދެއްވަމުން ކަމަށެވެ.
"މިއަދު އަޅުގަނޑަށް ފެންނަނީ އެމްޑީޕީވެސް އެބޭފުޅުންގެ ކެމްޕެއިނަށްވުރެ ބޮޑަށް ޑރ. މުއިއްޒަށް ކެމްޕެއިނު ކޮށްދެއްވާތަން. ހަމަ ހަގީގަތުގަވެސް. ޑރ މުއިއްޒު، އެނޫން އެއްޗެއް ކިޔާ އަޑެއް ނީވޭ. ނޫސް ކޮންފެރެންސެއް ބޭއްވިޔަސް، ޖަލްސާއެއް ބޭއްވިޔަސް އަދި އެހެންކަމެއް ކުރިޔަސް ޑރ. މުއިއްޒު. އެހެންވީމަ ކާކަށްތޯ މި ކެމްޕެއިން ކޮށްދެވެނީ،" އަދުރޭ ވިދާޅުވިއެވެ.
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަކީ، ޕީޕީއެމް/ޕީއެންސީގެ ކަންކަން އެނގިވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށާއި އަދި މާރިޔާއަކީ ޕީޕީއެމްއާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ އެއްވެސް ހައްގެއް ލިބިފައިވާ މީހެއް ނޫން ކަމަށް އަދުރޭ ވިދާޅުވިއެވެ.