- ބ. ތުޅާދޫން އަލީ އަފާފު ރަމީޒް
ފުލުހުންނާއި ސިފައިންނާއި މޯލްޑިވްސް އިމިގްރޭޝަނާއި ކަސްޓަމްސް ސާވިސްގެ އިތުރުން ކަރެކްޝަނަލް ސާވިސް އާއި ސިވިލް ސާވިސްގައި ހިމެނޭ އެހެން ހުރިހާ މުވައްޒަފުންގެ މުސާރަ އަންނަ ޖެނުއަރީ މަހު ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންފިއެވެ.
މިރަށުގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ވިދާޅުވީ ޕޭ ހާމަނައިޒް ކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމަށާއި އެގޮތުން މިދައުރުގައި ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެވިފައިވާ ކަމަށެވެ. އާއިލާތަކަށް ހެޔޮ ބަދަލު އަންނަކަން އެފަރާތްތަކުން ބުނަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޕޭ ހާމަނައިޒް ނިންމާނީ ހުރިހާ ދާއިރާއެއްގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެސްދީފައި ކަމަށެވެ. އެގޮތުން ފުލުހުންނާއި ސިފައިން، ޝަރުއީ ދާއިރާގެ ހުރިހާ މުވައްޒަފުން، މޯލްޑިވްސް އިމިގްރޭޝަނާއި ކަސްޓަމްސް ސާވިސް، ކަރެކްޝަނަލް ސާވިސް، ސިވިލް ސާވިސްގައި ހިމެނޭ އެހެން ހުރިހާ މުވައްޒަފުން، އިމާމުންނާއި މުދިމުންގެ އިތުރުން ކައުންސިލްގެ ސިވިލް ސާވަންޓުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެންނަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އަމާޒަކީ ދެން މި ފާސް ކުރާ ބަޖެޓާ އެކީގައި އަންނަ ޖެނުއަރީން ފެށިގެން މި ހުރިހާ ދާއިރާއެއްގައި މަސައްކަތް ކުރާ ހެޔޮ ބަދަލެއް ގެނެސްދިނުން،" ރައީސް ވިދާޅުވިއެވެ.
- ފުލުހުންގެ ކޮންސްޓަބަލްގެ މުސާރަ 11،000 ރުފިޔާއިން 15،400 ރުފިޔާއަށް
- ސިފައިންގެ ޕްރައިވެޓްގެ މުސާރަ 11،500 އިން 16،100 ރުފިޔާއަށް
- ކައުންސިލް މުވައްޒަފުންގެ މުސާރަ 7،200 އިން 10،500 ރުފިޔާއަށް
- ސިވިލް ސާވިސްގެ މިނިސްޓްރީގެ ޑިރެކްޓަރުގެ މުސާރަ 16،000 އިން 23،200 ރުފިޔާއަށް
ކޮންމެ މީހެއްގެ މުސާރައަށް މަދުވެގެން 40 ޕަސެންޓްގެ ކުރިއެރުމެއް ލިބިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އިތުރު ތަފުސީލު ފަހުން ހާމަ ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ މި ބަދަލާއެކު އާއިލާތަކަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށާއި ކޮންމެ އާއިލާއަކީ ފުދުންތެރި އާއިލާއަކަށް ވެގެންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު