ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް އަދި ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައި ހުޅުޖެހުމަށް ހިތްވަރުދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

އެ ތިން އިމާރާތުގައި ހުޅުޖަހަން ގޮވާލައި ޕޯސްޓް ކޮށްފައިވަނީ އެމްއެންޑީއެފްގެ ކުރީގެ ނޭވަލް އާކިޓެކްޓް ފަސްޓް ލެފްޓިނެންޓް އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވާފައިވާ ހަސަން ޒިހާންއެވެ.

އިނގިރޭސި ބަހުން އޭނާގެ ފޭސްބުކް އެކައުންޓުން ކުރި ޕޯސްޓެއްގައި ވަނީ ސްޕްރީމް ކޯޓާއި ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލިސް އިމާރާތުގައި ހުޅުޖެހުމުގެ ފުރުސަތު ދިވެހިންނަށް ނުލިބެނީ ކީއްވެތޯ ސުވާލުކޮށްފައެވެ.

"ރޯކޮށްލައިފިއްޔާ މަޖާވާނެ،" އޭނާގެ ސްޓޭޓަސްގައިވެއެވެ.

ނަމަވެސް، އެ ސްޓޭޓަސް ޖެހިތާ ގަޑިއިރެއް ފަހުން އޭނާ ވަނީ އެ ޕޯސްޓް ޑިލީޓްކޮށްލައިފައެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލަ އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

އެމްއެންޑީއެފްގެ ނޭވަލް އާކިޓެކްޓަކަށް މަސައްކަތްކުރި ޒިހާން އެތަނުން ވަކިކުރީ މިދިޔަ ސަރުކާރުގެ ފަހުކޮޅުއެވެ. އަދި މި ސަރުކާރުގައި އޭނާއަށް ވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ދީފައެވެ. ނަމަވެސް ފަހުން ވަނީ އެ މަގާމުން ވަކިކޮށްފައެވެ. އޭގެ ފަހުން އޭނާ އަންނަނީ މި ސަރުކާރަށް ފާޑު ކިޔަމުންނެވެ.