ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެ މެންބަރުންނަށް ކަނޑައަޅާފައިވާ އަގު ބޮޑު ހެލްތު އިންޝުއަރެންސް ކަނޑާލަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް އީ ޕެޓިޝަނަށް، ޕެޓިޝަނެއް ހުށަހަޅާފައި ވަނީ ސިޔާސީ ފިތުނަވެރިކަމެއް އުފެއްދުމަށް ކަމަށް މިލަންދޫ ދާއިރާގެ ޕީއެންސީ މެންބަރު ހަސަން މުފީދު މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލިސް ޖަލްސާގައި އެ ޕެޓިޝަނަށް ކުރިއަށްގެންދިޔަ ބަހުސްގައި ވާހަކަ ދައްކަމުން މުފީދު ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ނުލިބޭ މާ ބޮޑު އިންޝުއަރެންސެއް މަޖިލިސް މެންބަރުންނަށް ލިބޭ ކަމަށް ބުނެ ހުށަހަޅާފައި ވަނީ ހަގީގަތެއް ނެތް ގޮތަށް ކަމަށެވެ.

މަޖިލިސް މެންބަރުނަށް އެވަރުގެ ރައްކާތެރިކަމެއް ދީފައިވާ ވާހަކަ ދައްކާ އިރު، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާއިން) އާއްމު ފަރުދުންނަށް ދައުލަތުގެ ކެރި ފޯރުންތެރިކަން ހުންނަ މިންވަރަށް ބަލާއިރު، މިހާރުވެސް ދައުލަތުގެ އާމްދަނީއާ ގުޅޭ މިންވަރަކަށް ކަންކަން ފުރިހަމަ ކޮށްދެމުންދާ ކަމަށެވެ.

އެގޮތުން އެންސްޕާއިން ދިވެހި ރައްޔިތުންގެ އިންޝުއަރެންސަށް ހަމަޖެހިފައި އޮތް އުސޫލަކީ މަޖިލިސް މެންބަރުންނަށް ވުރެ މާފަސޭހަ ނިޒާމެއް ކަމަށާއި މަޖިލިސް މެންބަރުންނަށް އޮންނަ އިންޝުއަރެންސްގެ ދަށުން ސިއްހީ ހިދުމަތް ލިބެނީ، އަމިއްލަ ހަރަދުގައި ބޭރަށް ގޮސް ފަރުވާއަށް ހަރަދު ކޮށްފައި އައިސް ބިލްތައް ހުށަހަޅައިގެން ފައިސާ ލިބޭ ގޮތަށް ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.

މި ޕެޓީޝަނަކީ ހަގީގަތެއް ނެތް، ފިތުނަ ފަސާދަ އުފައްދަން ބަޔަކު އަޑީގައި ތިބެގެން ހުށަހަޅާފައިވާ ޕެޓިޝަނެއް ކަމަށްވެސް މެންބަރު މުފީދު ވިދާޅުވިއެވެ.