ދައުލަތުން އުފުލި ކޮރަޕްޝަންގެ ދައުވާ ސާބިތުވެފައިވާ ކުރިން ފެނަކަ ކޯޕަރޭޝަންގެ ޕްރޮކިއުމަންޓް ހެޑްގެ މަގާމުގައި ހުރި މަރިޔަމް ދީނާއަށް އަދަބު ކަނޑައެޅުމަށް މިއަދަށް ތާވަލްކުރި އަޑުއެހުން އޭނާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތުމުން ފަސްކޮށްފިއެވެ.
މި މައްސަލައަކީ 2019 ވަނަ އަހަރު ބްލޭޒަން އިންކް ކިޔާ ކުންފުންޏަކާ އެކު ފެނަކައިން ވި އެއްބަސްވުމެއްގެ ދަށުން، އެ ކުންފުނިން މަސައްކަތް ފުރިހަމަކުރިކަން ކަށަވަރު ނުކޮށް ފައިސާ ދޫކުރި މައްސަލައެކެވެ.
އެ މައްސަލައިގައި ދީނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅީ މި މަހުގެ 12 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައެވެ.
އެ ދުވަހުގެ އަޑުއެހުމުގައި މައްސަލަ ބެއްލެވި ގާޒީ ނިންމެވީ ދައުލަތުން ހުށަހެޅި ހެކިތަކަށް ބަލާއިރު، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ދީނާގެ މައްޗަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ. ދީނާގެ މައްޗަށް ކުށް ސާބިތުވިކަމަށް ކަނޑައެޅުމާ އެކު، ދައުލަތުގެ އެދުމުގެ މަތިން ގާޒީވަނީ ހުކުމް އިއްވުމާ ހަމައަށް ދީނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
ކޯޓުން އެގޮތަށް އަމުރުކުރުމުން ދީނާވަނީ ޝަރީއަތުގެ މަޖިލީހުގައި ވަރަށް ބޮޑަށް ރޮއެފައެވެ. ދީނާގެ މައްޗަށް ސާބިތުވާކަމަށް ކޯޓުން ކަނޑައެޅި ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.
މި މައްސަލާގައި އޭނާގެ މައްޗަށް ހުކުމް ކުރުމަށް އަޑުއެހުމެއް ބާއްވަން ތާވަލުކޮށްފައި އޮތީ މިއަދު ހެނދުނު 10:00 ގަ އެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލައިގެ އަޑުއެހުން ކެންސަލްކޮށްފައި ވަނީ ދީނާއަށް އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނާތީ އޭނާ މިއަދު ކޯޓަށް ހާޒިރު ނުކުރެވޭނެ ކަމަށް ކަރެކްޝަންސް އިން އަންގާފައިވާތީއެވެ.
ދީނާގެ ޝަރީއަތް ސިއްހީ ސަބަބުތަކާހުރެ މީގެ ކުރިންވެސް ވަނީ ވަރަށް ބޮޑަށް ލަސްކޮށްފައެވެ. އެގޮތުން ސިއްހީ ސަބަބުތައް ދައްކައި މެޑިކަލް ލިޔުންތައް ހުށަހަޅައިގެން އޭނާވަނީ ޝަރީއަތަށް ހާޒިރުނުވެ އެތައް ދުވަހެއް ވޭތުކޮށްފައެވެ.
އެ ހިޔާނާތާ ގުޅިގެން ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދުގެ މައްޗަށް މީގެ އަހަރެއްހާ ދުވަސް ކުރިންވަނީ ހަތަރު އަހަރުގެ ޖަލު ހުކުމެއް ކޮށްފައެވެ.
މީގެ އިތުރުން، 2018 ވަނަ އަހަރު ފެނަކައިގެ ބްރާންޗުތަކުގައި ސީސީޓީވީ ކެމެރާ އަދި ވީޑިއޯ ކޮންފަރެންސް ސިސްޓަމްތައް ގާއިމުކުރުމަށް ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި މައްސަލައިގައިވެސް ދީނާގެ މައްޗަށް ދައުލަތުންވަނީ ދައުވާ އުފުލާފައެވެ.
އެ މައްސަލައިގެ ޝަރީއަތްވެސް ކުރިމިނަލް ކޯޓުގައި މިހާރު ދަނީ ހިނގަމުންނެވެ.
އަލީ ޔާމިން
ފެނަކަ ކޯޕަރޭޝަން
ފެނަކަ ކޯޕަރޭޝަން
ކޮމެންޓް