މާލޭ ރައްޔިތުންނަށް މި ސަރުކާރުން ދީފައިވާ ގޯތިތައް އަތުނުލާނެ ކަމަށާއި ސަރުކާރުގެ ހަރަދުގައި އެ ތަންތަނުގައި ގެދޮރު ހަދައިދޭނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒުގެ މެނިފެސްޓޯ ލޯންޗުކުރުމަށް ހިޔާ ސަރަހައްދުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، މިހާރުގެ ހާލަތަށް ބަލާއިރު ގޯތި ލިބުނަސް، އެ ގޯތީގައި ގެދޮރެއް އިމާރަތް ކުރެވޭނެ މާލީ ގާބިލުކަން އެ ގޯތީގެ ވެރިންނަށް ލިބިފައިނުވާ ކަމަށާއި ގެދޮރު ހެދުމަށް ބޭންކުން ލޯނު ދޫކުރަނީ ބޮޑު އިންޓްރެސްޓެއްގައި ކަމަށެވެ. އެހެންކަމުން ގޯތި ހަދަން ޖެހެނީ ޕްރައިވެޓް ކުންފުންޏަކާ ހަވާލުކޮށްގެން ކަމަށެވެ. ޕްރައިވެޓް ކުންފުންޏާ ގެދޮރު ހަދަން ހަވާލުކުރަނީ 25 އަހަރުގެ ކުއްޔަކަށް ކަމަށާއި އެ މުއްދަތުގައި ގެދޮރުވެރިޔާއަށް ލިބެނީ ދެ ފަންގިފިލާ ކަމަށެވެ. އަދި އެކަމުގެ ސަަބަބުން ގޯތި ދިނުމުގެ ހަގީގީ ފައިދާ ރައްޔިތުންނަށް ނުކުރާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ސަރުކާރެއްގަ މި ގޯތިތައް ހެދުމަށްޓަކައި ސަރުކާރުން ހާއްސަ ފަންޑެއް ކަމާގުޅޭ އެސްއޯއީއެއް، ސަރުކާރުގެ 100 ޕަސަންޓު ހިއްސާވާ ކަމާގުޅޭ ކުންފުންޏެއް މެދުވެރިކޮށް ހާއްސަ ފަންޑެއް އުފައްދައި، އެ ފަންޑުން މި ގޯތިތައް ލިބުނު ފަރާތްތަކަށް، އެ ގޯތިތައް ލިބުނު ފަރާތްތައް ބޭނުންވާ ރިކުއާމެންޓަކަށް، ބޭނުންވާ ޑިޒައިނަކަށް، ބޭނުންވާ އުސްމިނަކަށް، އެ ގޯތިތަކުގައި ގެދޮރު އަޅުގަނޑުމެން ބިނާކޮށްދޭނީ. ބިނާކުރީމާ ދެން ވާގޮތަކީ އެހެރީ އެފެކްޓު ކުރިއޭޓުވެފަ. އޭގެ އެސެޓުން އާމްދަނީ ހޯދޭނެއް. އިންކަމް ވަންނަތަން ބޭންކަަށް ފެންނާނެ،" މުއިއްޒު ވިދާޅުވިއެވެ.
"ދެން އެއްކަލަ ނިކަމެތި މީހާ ބޭންކަށް ގޮސް ތިމަންނަގެ އެސެޓު މިހިރީއޭ، ތިމަންނައަށް އެބަ އިންކަމް ލިބޭ. އެހެންވީމާ މި ސަރުކާރުން ހާއްސަ ފަންޑަކުން އަޅައިދިން ގެ ތިމަންނަ ގަންނަން ބޭނުންވެޔޭ، ރީ ފައިނޭންސްކޮށް. އެއްކަލަ މީހާއަށް ފަސޭހަކަމާއެކު ބޭންކުން ރީ ފައިނޭންސް ލޯނުދީ، އެ މީހާއަށް އެ މީހާގެ ގޯތީގައި އެޅި ގެ ލިބި، އެއްކަލަ ސްޕެޝަލް ފަންޑުގެ ތެރެއިން ކުންފުނި މެދުވެރިކޮށް އަޅައިދިން ގެއަށް، އެއްކަލަ ކުންފުންޏަށް، އެ ކުންފުނިން އިންވެސްޓުކުރި ފައިސާއަށް ޕްރޮފިޓާއެކު އެ ކުންފުންޏަށް ވެސް ފައިދާވެ، ދައުލަތަށް ފައިދާވެ، ސަރުކާރަށް ފައިދާވެ، އެންމެނަށް ފައިދާވެ މައްސަލަ ހައްލުވީ،"
އަދި އަލަށް ގޯތި ހަދާ މީހުންނަށް ހާއްސަކޮށްގެން ހޯމް ސްޓާޓަޕް ލޯން، ގެދޮރު ބާވުމުގެ ސަބަބުން އަލުން އިމާރަތްކުރަން ބޭނުންވާ ފަރާތަކަށް ހޯމް ރީ ފައިނޭންސް ލޯނު އަދި ފައިސާ ނެތިގެން ގެދޮރުގެ ހެދުމުގެ މަސައްކަތް ހުއްޓިފައިވާ މީހުންނަށް ހޯމް ކޮމްޕްލީޝަން ލޯނު ދޫކުރާނެ ކަމަށާއި އެކަން ކުރާނީ މުޅިން އާ ޑިވެލޮޕްމެންޓް ބޭންކެއް އުފައްދައިގެން ފަސް ޕަސަންޓު އިންޓްރެސްޓު ރޭޓުގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އަމާޒަކީ 20 އަހަރު ދުވަހުން 65000 ގެދޮރު ޔަގީންކުރުން ކަމަށް މުއިއްޒު ވިދާޅުވިއެވެ. އޭނާގެ ވެރިކަމެއްގައި އަލަށް ފަށާ ސޯޝަލް ހައުސިން މަޝްރޫއުގެ ދަށުން އެކަނިވެރިންނާއި ބައްޕައިންނަށް ދެ ކޮޓަރީގެ 1،000 އެޕާޓުމެންޓު ހާއްސަ ކުރާނެ ކަމަށާއި އަދި ޒުވާން އާއިލާތަކަށް ދެ ކޮޓަރީގެ 3،000 އެޕާޓްމެންޓު ހާއްސަކުރާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ވިލިމާލޭގައި 500 ހައުސިން ޔުނިޓު ހަދައިދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
މި ސަރުކާރުން ފަށައިފައިވާ މަޝްރޫއުތަކުގެ ތެރެއިން ރައްޔިތުންނަށް ފައިދާވާ މަޝްރޫއުތަކުގެ މަސައްކަތް އޭނާގެ ވެރިކަމެއްގައި ވެސް ހުއްޓައިނުލާ ކުރިއަށްގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެއީ ނުފެށި އޮތް މަޝްރޫއެއް ކަމަށްވިޔަސް ކުރިއަށްގެންދާނެ ކަމަށް ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބުމުން ރާއްޖެއަށް ދިމާވެފައިވާ ވަރަށް ގިނަ މައްސަލަތައް ހައްލުވާނެ ކަމަށެވެ. އެގޮތުން އިޖުތިމާއީ މައްސަލަތައް، ކުށްކުރުން އިތުރުވުން، ތައުލީމު ހޯދުމަށް ދިމާވެފައިވާ ދަތިކަން، އިގުތިސޯދީ ކުރި ނޭރުން އަދި ވިޔަފާރި ފުޅާކުރުމަށް ދިމާވެފައިވާ މައްސަލަ އަދި ނަފުސާނީ މައްސަލަތައް ހައްލުވާނީ ބޯހިޔާވަހިކަން ލިބިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރިއަށްގެންދިޔަ ހިޔާ ފުލެޓް މަޝްރޫއުން ފުލެޓު ލިބުނު ބައެއް މީހުން އަތުން މި ސަރުކާރުން ވަނީ ފުލެޓް އަތުލައިފައި ކަމަށާއި އެގޮތަށް އަތުލައިފައިވާ މީހުންނަށް އާ ސޯޝަލް ހައުސިން ސްކީމުގެ ދަށުން ފުލެޓު ދޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އަލުން ފްލެޓް ދޭނެ ފަރާތްތަކުގެ ތެރޭގައި އަލަތު ކައިވެނި ފްލެޓާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ފްލެޓާއި އިތުރު ކެޓަގަރީގެ ފުލެޓުތައް ހިމެނޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު