އިންތިހާބުތަކުގެ ކެމްޕޭނަކަށް ހުރަސްއަޅައި، އަނިޔާވެރިކަން އިސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިރޭ ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވެފައި މިވަނީ، އިދިކޮޅު ޕީޕީއެމް-ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކ. ގުރަައިދުއަށް ވަޑައިގަންނަވާތީ ބަނދަރު ސަރަހައްދަށް އެއްވެ ތިބި އެ ކޯލިޝަންގެ ސަޕޯޓަރުންނާއި ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ސަޕޯޓަރުންނާ ދެމެދު މިއަދު ހަވީރު ހަމަނުޖެހުމެއް ހިނގާފައިވަނިކޮށެވެ.
އިމްރާން ވިދާޅުވީ ކެމްޕޭނުކުރުމުގައިވެސް އަދި ކެންޑިޑޭޓަކަށް ތާއީދުކުރާކަން ހާމަކުރުމުގައިވެސް އެއްވެސް ފަރާތަކުން ތަހުޒީބު މުޖުތަމައުތަކުގައި ގެންގުޅޭ ހަމަތަކުން އެއްކިބާވެ، ކެމްޕޭނަކަށް ހުރަސްއަޅައި އަނިޔާވެރިކަން އިސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެފަދަ ކަންކަމުން ދުރުވެތިބުމަށް ގޮވާލައްވާ ކަމަށެވެ.
އެ ހަމަނުޖެހުމާ ގުޅިގެން ފުލުހުން ބުނީ އެ ހަމަނުޖެހުމުގައި ބަޔަކަށް އަނިޔާވެފައިވާ ކަމަށާއި ހަމަނުޖެހުމާ ގުޅިގެން 22 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެ ހަމަނުޖެހުމުގައި ބައެއް މީހުންނާ މާރާމާރީވެސް ވަނީ ހިންގައިފައެވެ.
އެ ހަމަނުޖެހުން ކޮންޓްރޯލުކުރުމަށް ފުލުހުން ހަރަކާތްތެރިވާ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ. އަދި ބައެއް މީހުންނާއި ފުލުހުންނާ ދެމެދުވެސް ހަމަނުޖެހުން ހިނގި މަންޒަރު ފެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު