- އއ. ރަސްދޫއިން އަލީ ރިފްޝާން
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނަށް ވެރިކަން ލިބިއްޖެ ނަމަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖަލަށް ލާނެ ކަމަށް އެ ކޯލިޝަން ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވުމުން، ރައީސް ސޯލިހު އެކަމަށް ރައްދު ދެއްވައިފިއެވެ.
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަދުރޭ ވަނީ، މުއިއްޒުގެ ފަސް އަހަރު ދައުރު ނިމެންދެން ރައީސް ސޯލިހު އޮންނަވަން ޖެހޭނީ ޖަލުގައި ކަމަށާއި އެ މަނިކުފާނު ފަހު މަންޒިލަކީވެސް ޖަލު ކަމަށެވެ.
އއ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ރިޔާސީ ކެމްޕޭން ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ރަސްދުއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އިދިކޮޅަށް މައްސަލައަކަށް ވެގެން އުޅެނީ ރައީސް ޔާމީން ޖަލުގައި ހުންނަވަން ޖެހިވަޑައިގަތުން ކަމަށާއި އެކަމާ އެ މަނިކުފާނުވެސް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް ޝަރުއީ މަރުހަލާތައް ނުނިމޭތީ، ގާނޫނީ ހަމަތަކުގެ މަތިންވެސް މި ވަގުތު އެކަމުގައި ކޮށްދެވޭނެ ކަމެއް ނެތް ކަމަށް ވިދާޅުވިއެވެ.
"އިދިކޮޅު ބޭފުޅުން ޖަލަށްލާ ވާހަކަ އަބަދުވެސް ދަންނަވަނީ. ކިތަންމެ ހިޔާލުތަފާތުވިޔަސް އަޅުގަނޑުމެން ކަންކަން ކުރާނީ ގާނޫނީ ހަމަތަކުގެ މަތިން. އިދިކޮޅުން ވެސް އަޑުއުފުލަންވާނެ. އެކަމަކު ކަންކަން ކުރަން އުސޫލުތަކެއް ހުންނާނެ. އަޅުގަނޑަށް މަޖުބޫރުކުރުވިޔަސް، ޝަރުއީ ދާއިރާގެ ތެރެއަށް އަތެއް ނުބާނާނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި މިނިވަންކަމާއެކު ޝަރީއަތް ހިންގުމުގެ ބާރު ދޫކޮށްލާފައިވާނެ ކަމަށާއި މިނިވަން މުއައްސަސާތައް ބޭނުންވާ ނަމަ، ސަރުކާރާ ދެކޮޅަށް ވެސް ބަސްބުނުމުގެ ފުރުސަތު މިހާރު އޮންނާނެ ކަމަށެވެ. އަދި ހިޔާލުތަފާތުވުންތަކުގެ ތެރެއިން އެމްޑީޕީ ދޫކޮށްދިޔަ މެންބަރުން ވެސް އެނބުރި ޕާޓީއާ ގުޅުމަށް ރައީސް ވަނީ ދައުވަތު ދެއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު