ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ސުޕަ ސްޓާރު ނޭމާ، ސައުދީ އަރަބިއާ ލީގުގެ އަލް-ހިލާލަށް ދާން އެއްބަސްވެފައިވާ ކަމަށް އިތުބާރު ނޫސްތަކުން ބުނެފިއެވެ.
އުމުރުން 31 އަހަރުގެ ނޭމާ، ޕީއެސްޖީއާ ދެމެދު ނުތަނަވަސްވެ، އެ ކްލަބު ދޫކޮށްލަން މަސައްކަތް ކުރާ ކަމަށް ގިނަ ނޫސްތަކަކުން ވަނީ ރިޕޯޓު ކޮށްފައެވެ.
ނޭމާއަށް ސައުދީ ލީގުގެ އަލް-ހިލާލުން ރަސްމީ ބިޑެއް ހުށަހަޅާފައިވާ ކަމަށް އިތުބާރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯވެސް ބުނެފައިވާ އިރު، އޭނާ މައުލޫމާތު ދީފައިވާ ގޮތުގައި ނޭމާ ވަނީ އެ ބިޑުގެ މުސާރަ މިހާރު އެއްބަސްވެފައެވެ. އެގޮތުން އަލް-ހިލާލުން ނޭމާއަށް ހުށަހަޅާފައި ވަނީ ޖުމުލަ 138 މިލިއަން ޕައުންޑްގެ އާމްދަނީއެއް ޖެހޭނެ ބިޑެއް ކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ.
ފަބްރީޒިއޯ ބުނެފައި ވަނީ ނޭމާގެ ޓްރާންސްފާ ކަންކަން ފައިނަލް ކުރުމަށް މިހާރު އަލް-ހިލާލާއެކު މަޝްވަރާ ކުރަމުން އަންނަކަމަށާއި، ދެފަރާތުން ރޭ ލިޔެކިޔުންތައްވެސް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި މިހާރު ކުޅުންތެރިޔާގެ ލީގަލް ޓީމުން މަސައްކަތް ކުރަމުންދަނީ އެގްރީމެންޓްގެ ކަންކަން ނިންމުމަށް ކަމަށްވެސް ފަބްރީޒިއޯ ބުނެފައިވެއެވެ.
ނޭމާ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ސައުދީއަށް ދަތުރުކުރާނެ ކަމަށް ބެލެވޭ ކަމަށްވެސް އިތުބާރު ނޫސްތަކުން ވަނީ ބުނެފައެވެ.
ނޭމާ 2017 ވަނަ އަހަރު ޕީއެސްޖީއަށް ބަދަލުވީ ދުނިޔޭގެ ރެކޯޑު އަގުބޮޑު ޓްރާންސްފާއެއްގައެވެ. މިހާތަނަށް އެ ކްލަބަށް ކުޅުނު 112 މެޗުން 82 ގޯލު ނޭމާ ޖަހައިދީފައިވާ އިރު، އޭނާއަށް ކްލަބުގައި ކުރިމަތިވި އެންމެ ބޮޑު މާޔޫސް ކަމަކީ އަނިޔާގެ މާޔޫސް ކަމެވެ. ނޭމާއަށް އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލިފައިވާ އިރު، ޗެމްޕިއަންސް ލީގަށް ޕީއެސްޖީން ކުރަމުން އަންނަ މަސައްކަތް ކާމިޔާބުވާގޮތް ވެފައި ނުވުމާއެކު ނޭމާއަށް ސަޕޯޓަރުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ.
ހާއްސަކޮށް، ގިނަ ފަހަރެއްގެ މަތިން ޕީއެސްޖީން އަލްޓްރާސް އިން ނޭމާއަށް 'ބޫ' ކުރާ މަންޒަރު މެޗުތަކުން ފެނިގެން ދެއެވެ.