އުތުރު އެމެރިކާގައި ފަށަން ތައްޔާރުވެފައިވާ ވޯލްޑް ކަޕް 2026 ގައި ކުޅެން ތައްޔާރުވަމުންދާ ބްރެޒިލްގެ ނޭމާއަށް އިތުރު އަނިޔާއެއް ދިމާވެ، ދެ ހަފުތާ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހިފައިވާ ކަމަށް ބްރެޒިލުން ބުނެފިއެވެ.

ނޭމާގެ ކުޑަކަޅުވާއަށް ލިބުނު އަނިޔާގެ ސަބަބުން އޭނާއަށް ދޭއް ނޫނީ ތިން ހަފުތާއަށް ކުޅުމާ ދުރަށް ދާން ޖެހިފައިވާކަން ވަނީ ޔަގީންވެފައެވެ. އެއާއެކު ވޯލްޑް ކަޕަށް ތައްޔާރުވާން ބްރެޒިލުން ކުޅޭ އެކުވެރިކަމުގެ ދެމެޗު ކަމަށްވާ ޕެނަމާއާއި މިސްރުގެ މެޗުވެސް ނޭމާއަށް ގެއްލޭނެއެވެ. އަދި ހަބަރުތައް ބުނެފައި ވަނީ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތަކެއް ގެއްލުންވެސް ގާތް ކަމަށެވެ.

ނޭމާ މިފަހަރު ގައުމީ ޓީމަށް ނުކުންނަން ތައްޔާރު ވަނީ ގިނަ ދުވަސްތަކެއް ވަންދެން ގައުމީ ޓީމާ ދުރުގައި ހުރުމަށްފަހުއެވެ. އެއީ އަނިޔާގެ ސަބަބުންނެވެ. 2023 ވަނަ އަހަރުން ފެށިގެން ނޭމާ ގައުމީ ޓީމަށް ކުޅެފައިނުވާ އިރު، ކާލޯ އެންޗެލޮޓީ ނޭމާ ވޯލްޑް ކަޕަށް ސްކޮޑަށް ނަގަން ނިންމި ނިންމުމަށް ބައެއް ފާޑުކިޔުންތައްވެސް އަމާޒުވެފައިވެއެވެ. ނޭމާ މި ދޭތެރެއިން އަނިޔާގެ ސަބަބުން ސާޖަރީވެސް ކޮށްފައިވެއެވެ.

ނޭމާ މިފަހަރުގެ ވޯލްޑް ކަޕަށް ދާން ފިޓްވެފައި ވަނީ ސަންޓޯއަށް ބަދަލުވެގެންނެވެ. ސްކޮޑަށް ނެގިފަހުން ސަންޓޯސްއަށް ކުޅުނު މެޗެއްގައި ނޭމާއަށް އަނިޔާވެފައިވާ އިރު، ބްރެޒިލް ގައުމީ ޓީމުގެ ޑޮކްޓަރު ރޮޑްރީގޯ ލަސްމާ ބުނެފައު ވަނީ އެމްއާރްއައިއިން ދެއްކި ގޮތުގައި ނޭމާގެ ކުޑަކަޅުވާގެ މައްސަލައަކީ ހަމައެކަނި ދުޅަވުން ނޫން ކަމަށެވެ. އަދި މަސްގަނޑަށް ދިމާވި މައްސަލައިގައި ދުވަސްތަކެއް ވާނެ ކަމަށްވެސް އޭނާ ބުންޏެވެ.

އުމުރުން 34 އަހަރުގެ ނޭމާއަކީ ގައުމީ ޓީމަށް 128 މެޗުން 79 ގޯލް ޖަހައިދީފައިވާ ކުޅުންތެރިއެކެވެ. އޭނާއަކީ ގައުމީ ޓީމަށް ރެކޯޑު ގޯލް ޖެހުންތެރިޔާއެވެ.