ބްރެޒިލުން މިފަހަރު ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި ވެސް ފެނިގެން ގޮސްފައި ނުވާ އެޓީމުގެ ތަރި ނޭމާ، ކުރިއަށް އޮތް ހެއިޓީ މެޗުގައިވެސް ނުފެންނާނެކަން ޔަގީންވެއްޖެއެވެ.

އަނިޔާގެ މައްސަލަތައް ބޮޑު ކުޅުންތެރިއެއްގެ ގޮތުގައި ފެނިގެންދާ ނޭމާއަށް މިފަހުން އަނިޔާވީ ފައިނަލް ސްކޮޑަށް އޭނާ ނެގިފަހުންނެވެ. އެއީ މިދިޔަ މަހު ފަހުކޮޅުގައެވެ. މިފަހަރު އަނިޔާވެފައި ވަނީ ނޭމާގެ ކުޑަކަޅުވާއަށެވެ. ނޭމާ އެ ހާލަތުގައި ހުރި ނަމަވެސް ގްރޫޕް ސްޓޭޖުގެ ތެރެއިން ފިޓްވާނެ ކަމަށް ލަފާކޮށް ކޯޗު ކާލޯ އެންޗެލޮޓީ ވަނީ ނޭމާ ސްކޮޑަށް ނަގައިފައެވެ.

ފުރަތަމަ ނޭމާއަށް ގެއްލުނު ނަމަވެސް، ދެވަނަ މެޗުގައި ކޮންމެވެސް ވަރަކަށް ބޭނުން ކޮށްފާނެ ކަމަށް ބެލެވުނެވެ. އެއީ މިހާރު ކޮންމެވެސް ވަރަކަށް ފަރިތަކުރުންތަކަށް ނުކުންނަމުންވެސް ދާތީއެވެ.

ހަބަރުތައް ބުނެފައި ވަނީ ނޭމާ މިހާރު މަޑުމަޑުން ޓީމު ޑްރިލްތައް ހަދަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް އަދިވެސް ތަމްރީނުތައް ފެށުމުގެ ކުރިން ވާމް އަޕް ކުރަނީ ވަކީން ކަމަށް ހަބަރުތައް ބުންޏެވެ.

ބްރެޒިލުން ނެރުނު ބަޔާނުގައި ބުނީ ބްރެޒިލުން ހެއިޓީއާ ދެކޮޅަށް ފިލަޑެލްފިއާގައި ކުޅޭ މެޗަށް ނޭމާ ނުދާނެ ކަމަށެވެ. އޭގެ ބަދަލުގައި އޭނާ މަޑުކުރާނީ ކޮލަމްބިއާ ޕާކްގައި ކަމަށްވެސް ބްރެޒިލުން ބުންޏެވެ. އެއީ ބްރެޒިލްގެ ބޭސްއެވެ. އެގޮތުން ނޭމާ މެޗަށް ނުގޮސް، ރިކަވަރީއަށް މަސައްކަތް ކުރާނެ ކަމަށްވެސް ގައުމީ ޓީމުން ބުނެފައިވެއެވެ.

އުމުރުން 34 އަހަރުގެ ނޭމާއަކީ ގައުމީ ޓީމަށް 128 މެޗުން 79 ގޯލް ޖަހައިދީފައިވާ ކުޅުންތެރިއެކެވެ. އޭނާއަކީ ގައުމީ ޓީމަށް ރެކޯޑު ގޯލް ޖެހުންތެރިޔާއެވެ.

ނޭމާ މި ފަހަރު ގައުމީ ޓީމަށް ނުކުންނަން ތައްޔާރު ވަނީ ގިނަ ދުވަސްތަކެއް ވާންދެން ގައުމީ ޓީމާ ދުރުގައި ހުރުމަށްފަހުއެވެ. އެއީ އަނިޔާގެ ސަބަބުންނެވެ. 2023 ވަނަ އަހަރުން ފެށިގެން ނޭމާ ގައުމީ ޓީމަށް ކުޅެފައިނުވާ އިރު، އެންޗެލޮޓީ ނޭމާ ވޯލްޑް ކަޕަށް ސްކޮޑަށް ނަގަން ނިންމި ނިންމުމަށް ބައެއް ފާޑުކިޔުންތައްވެސް އަމާޒުވެފައިވެއެވެ.

ބްރެޒިލުން ކުޅުނު ފުރަތަމަ މެޗުގައި މޮރޮކޯ ކައިރިން އެއްވަރުވެފައި އޮތީ 1-1 ގެ ނަތީޖާއަކުންނެވެ.