ބްރެޒިލުން މިފަހަރު ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި ވެސް ފެނިގެން ގޮސްފައި ނުވާ އެޓީމުގެ ތަރި ނޭމާ، ކުރިއަށް އޮތް ހެއިޓީ މެޗުގައި ވެސް ފެނުން ދުރު ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އަނިޔާގެ މައްސަލަތައް ބޮޑު ކުޅުންތެރިއެއްގެ ގޮތުގައި ފެނިގެންދާ ނޭމާއަށް މިފަހުން އަނިޔާވީ ފައިނަލް ސްކޮޑަށް އޭނާ ނެގިފަހުންނެވެ. އެއީ މިދިޔަ މަހު ފަހުކޮޅުގައެވެ. މިފަހަރު އަނިޔާވެފައި ވަނީ ނޭމާގެ ކުޑަކަޅުވާއަށެވެ. ނޭމާ އެ ހާލަތުގައި ހުރި ނަމަވެސް ގްރޫޕް ސްޓޭޖުގެ ތެރެއިން ފިޓްވާނެ ކަމަށް ލަފާކޮށް ކޯޗު ކާލޯ އެންޗެލޮޓީ ވަނީ ނޭމާ ސްކޮޑަށް ނަގައިފައެވެ.

ކުރިން ބެލެވުނު ގޮތުގައި ނޭމާއަށް ގްރޫޕް ސްޓޭޖު ދެވަނަ މެޗުގައި ކުޅެވޭނެއެވެ. އެހެން ނަމަވެސް، މިހާރު އޮތް ގޮތުން އެކަން އަދި ޔަގީނެއް ނުވެއެވެ. ހަބަރުތައް ބުނެފައި ވަނީ ނޭމާ، ބްރެޒިލުން އެމެރިކާއަށް ދިޔަފަހުން ފުރަތަމަ ފަހަރަށް ވަނީ ތަމްރީނުތަކަށް ނުކުމެފައެވެ. އެހެން ނަމަވެސް އެއީ އިންޑިވިޖުއަލް ތަމްރީނުތަކަށެވެ. އަދި ނޭމާއަށް އެނބުރި އާދެވޭނީ ޓީމް ތަމްރީނުތަކުގައި ބައިވެރިވުމަށްފަހުއެވެ.

އިތުބާރު ބައެއް ނޫސްތަކުން ބުނެފައި ވަނީ ހެއިޓީ މެޗުގައި ނޭމާ ފެނުން އަދި ދުރު ކަމަށެވެ. ބްރެޒިލުން ހެއިޓީއާ ދެކޮޅަށް ނުކުންނާނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. ހަބަރުތައް އެހެން ބުނި ނަމަވެސް، ނޭމާގެ ރިކަވަރީ އަވަސްކޮށް، އެމެޗުގައި ކޮންމެވެސް ވަރަކަށް ކުޅެފާނެ ކަމަށްވެސް ބައެއް ނޫސްތައް ބުނެއެވެ.

އުމުރުން 34 އަހަރުގެ ނޭމާއަކީ ގައުމީ ޓީމަށް 128 މެޗުން 79 ގޯލް ޖަހައިދީފައިވާ ކުޅުންތެރިއެކެވެ. އޭނާއަކީ ގައުމީ ޓީމަށް ރެކޯޑު ގޯލް ޖެހުންތެރިޔާއެވެ.

ނޭމާ މި ފަހަރު ގައުމީ ޓީމަށް ނުކުންނަން ތައްޔާރު ވަނީ ގިނަ ދުވަސްތަކެއް ވަންދެން ގައުމީ ޓީމާ ދުރުގައި ހުރުމަށްފަހުއެވެ. އެއީ އަނިޔާގެ ސަބަބުންނެވެ. 2023 ވަނަ އަހަރުން ފެށިގެން ނޭމާ ގައުމީ ޓީމަށް ކުޅެފައިނުވާ އިރު، އެންޗެލޮޓީ ނޭމާ ވޯލްޑް ކަޕަށް ސްކޮޑަށް ނަގަން ނިންމި ނިންމުމަށް ބައެއް ފާޑުކިޔުންތައްވެސް އަމާޒުވެފައިވެއެވެ.

ބްރެޒިލުން ކުޅުނު ފުރަތަމަ މެޗުގައި މޮރޮކޯ ކައިރިން އެއްވަރުވެފައި އޮތީ 1-1 ގެ ނަތީޖާއަކުންނެވެ.