ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަނީ ރައްޔިތުން ބޭނުންވާ ގޮތަށް ނޫން ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ހދ. މަކުނުދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ޑރ. މުއިއްޒު ވިދާޅުވީ ސަރުކާރުން މަޝްރޫއުތައް ކުރިއަށް ގެންދަނީ އަމިއްލަ އެޖެންޑާއެއް ހާސިލުކުރަން ކަމަށެވެ.
"މި ސަރުކާރުން އެކި ރަށްރަށުގަ ތަރައްގީގެ މަސައްކަތްތައް ފަށާ. އެހެން ނަމަވެސް ފަށަނީކީ ރައްޔިތުން ބޭނުންވާ ގޮތް ބަލައިގެންނެއް ނޫން. ހަމަ އެ ބޭފުޅުންގެ އަމިއްލަ އެޖެންޑާއެއް އޮވެގެން އެކި ކަހަލަ ގޮތްގޮތަށް ރަށުގެ ބިން ވެސް ހިއްކައި، އެއާޕޯޓު ވެސް އަޅައި، ބަނދަރު ވެސް ހަދާ. ރަށުގެ ރައްޔިތުން ތިބެނީ މިކަމާ ވަރަށް ހިތްހަމަނުޖެހިފަ" ޑރ. މުއިއްޒު ވިދާޅުވިއެވެ.
ޑރ. މުއިއްޒު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާއިރު ޖޯގްރަފީއަށް ބަަލަންވާނެ ކަމަށާއި ނަމަވެސް ސަރުކާރުން އެކަމަށް ނުބަލައި ހުރިހާ ރަށެއްގައި އެއްގޮތަކަށް މަޝްރޫއުތައް ހިންގުމުން ރައްޔިތުންނަށް އެކަމުގެ ފައިދާ ނުކުރާ ކަމަށެވެ.
ސަރުކާރާ ރައްޔިތުންނާ ހަގީގަތުގައި ގުޅުމެއް ނެތްކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
"އެހެންނަމަވެސް އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުމެން ގާއިމުކުރާ ސަރުކާރު ވެގެންދާނީ ދިވެހިރައްޔިތުންގެ ވިންދައި، އިހުސާސާ ގުޅިލާމެހިފައިވާ ސަރުކާރަކަށޭ" ޑރ. މުއިއްޒު ވިދާޅުވިއެވެ.
ތިމާވެށީގެ ގޮތުން ބަލާއިރު މަކުނުދޫ އެއާޕޯޓުގެ ސަބަބުން އިއާދަނުކުރެވޭ ގެއްލުންވާނެކަން ރަށުގެ ރައްޔިތުން ގަބޫލުކުރާ ކަމަށާއި އެހެންކަމުން އޭނާގެ ސަރުކާރެއްގައި އެއާޕޯޓުގެ މަސައްކަތް ރައްޔިތުން ބޭނުންވާ ގޮތަށް ބަދަލުކޮށްދެއްވާނެކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
މަކުނުދޫގައި ގޯތި ދިނުމަށް ބޭނުންކުރާ ބިން މިހާރު ނެތް ކަމަށާއި އެއާޕޯޓަަށް ބޭނުންވާ ބިން ހިއްކާއިރު، ގޯތި ދިނުމަށް ބޭނުންވާ ބިން ހިއްކުމުން ހަރަދު ކުޑަކޮށް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. މަކުނޫ ފަދަ އެކަހަރިކޮށް އޮންނަ ރަށަކަށް ޒާމާނީ ސިއްހީ ފަރުވާ ދެވޭނެ ފަދަ ހޮސްޕިޓަލެއް ބޭނުންވާނެ ކަމަށާއި އޭނާގެ ސަރުކާރެއްގައި އެކަން ކުރާނެކަމަށް ވެސް ވިދާޅުވިއެވެ. އަދި ޒުވާނުންނަށް ބޭނުންވާ ޔޫތު ސެންޓަރާއި ފުޓްބޯޅަ ދަނޑުތަކުގެ މަސައްކަތް ކުރާނެކަމަށް ވިދާޅުވިއެވެ.
"އެހެންވީމާ ދެން ކިހިނެއްތޯ ވާން ޖެހޭނީ، އަޅުގަނޑުމެންނަށް މި މަސައްކަތް ކުރުމުގެ ފުރުސަތު ރައްޔިތުން ދެއްވުން ދެއްތޯ" ޑރ. މުއިއްޒު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު