ބޭރު ކުޅިވަރު

ބާޔާނުން ކޭން އިއުލާނުކޮށްފި، ޕީއެސްޖީން ޑެންބެލޭވެސް އިއުލާނުކޮށްފި

މުޙައްމަދު ޝަމްޢޫން

އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން، ބަޔާން މިއުނިކަށް ސޮއިކުރިކަން އެ ކްލަބުން ރަސްމީކޮށް މިއަދު އިއުލާނު ކޮށްފިއެވެ.

ކޭންގެ ޓްރާންސްފާ ފީއަކަށް ޓޮޓެންހަމް އާއި ބަޔާން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް އިތުބާރު ނޫސްތަކުން ވަނީ ޔަގީން ކޮށްދީފައެވެ. ބީބީސީ ސްޕޯޓްސްއިން ބުނެފައިވަނީ ދެ ކްލަބުން ކޭންއަށް އެއްބަސްވެފައިވާ އަގަކީ 86.4 މިލިއަން ޕައުންޑްގެ އަގެއް ކަމަށެވެ. އަދި އޭގެ އިތުރުން ބޯނަސްގެ ގޮތުގައި ބަޔާނުން ޓޮޓެންހަމްއަށް އިތުރު އަދަދެއް ދޭނެ ކަމަށް ނޫސްތަކުން ބުނެފައިވެއެވެ.

އުމުރުން 30 އަހަރުގެ ކޭން ބަޔާނާއެކު ކުޅޭ ފުރަތަމަ މެޗަކަށްވާނީ މިރޭ ޖަރުމަނު ސުޕަ ކަޕްގައި އާރްބީ ލެއިޕްޒިގާ ދެކޮޅަށް ކުޅޭ މެޗެވެ. ކޭން ޓޮޓެންހަމް ދޫކޮށް ދިޔަކަން އޭނާ އަމިއްލައަށް އިއުލާނުކޮށް، އެ ކްލަބަށް ހާއްސަ މެސެޖެއްވެސް ދީފައިވެއެވެ. ކޭން ބުނީ އުމުރުން އެންމެ 11 އަހަރުން ފެށިގެން 20 އަހަރު ޓޮޓެންހަމްގައި ހޭދަކުރެވިއްޖެ ކަމަށާއި، ކްލަބާއެކު ހާއްސަ އެތައް ކަމެއް ހާސިލްވި ކަމަށެވެ.

ކޭން ބުނީ ޓޮޓެންހަމްއާއެކު އުފާވެރި އެތައް ވަގުތުތަކެއް ހޭދަކުރެވުނު ކަމަށާއި، އެހުރިހާ ހަނދާންތައް އޭނާ އަބަދުވެސް ހިތުގައި ބަހައްޓާނެ ކަމަށެވެ. ކޭން އިތުރަށް ބުނީ މި ވަގުތަކީ ޓޮޓެންހަމް ދޫކޮށްލަންވި ވަގުތުކަން އިހުސާސް ކުރެވުނު ކަމަށާއި، ޓްރާންސްފާ ކަންކަން އަވަހަށް ނިންމީ ސީޒަން ފެށޭ އިރު، އެއްވެސް ކަހަލަ ނުތަނަވަސްކަމެއް، އަދި އޮޅުމެއް ނުބޭއްވުމަށް ކަމަށެވެ.

ކޭންއަކީ ޓޮޓެންހަމްގެ ތާރީހުގައިވެސް އެކްލަބަށް އެންމެ ގިނަ ގޯލް ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ. އޭނާ ވަނީ އެ ކްލަބަށް ކުޅުނު 435 މެޗުން 280 ގޯލު ޖަހައިދީފައެވެ. 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް ޓޮޓެންހަމްއަށް ތަށްޓެއް ހޯދިފައިނުވާ އިރު، އެއީ އެ ކްލަބަށް ވަރުގަދަ ކުޅުންތެރިން މަޑުކުރުވަން ދިމާވެފައިވާ އެންމެ ބޮޑު މައްސަލައެވެ.

ޕީއެސްޖީން މިއަދު ވަނީ ބާސެލޯނާގެ އުސްމާން ޑެމްބެލޭ އެ ކްލަބަށް ގެންދިޔަކަންވެސް ރަސްމީކޮށް އިއުލާނު ކޮށްފައެވެ. އުމުރުން 26 އަހަރުގެ ޑެމްބެލޭ ބާސާ ދޫކޮށް ޕީއެސްޖީއަށް ދިޔައީ 43.5 މިލިއަން ޕައުންޑްގެ އަގަކަށެވެ. ޑެމްބެލޭ 2017 ވަނަ އަހަރު ޑޯޓުމަންޑުން ބާސާއަށް ބަދަލުވީ 135 މިލިއަން ޕައުންޑްގެ އަގެއްގައެވެ. ބޮޑު އަގެއްގައި ޑެމްބެލޭ ބާސާއަށް ދިޔަ ނަމަވެސް، މިއަދާ ހަމައަށް އޭނާ ފެނުނީ އަނިޔާގެ ގިނަ މައްސަލަތަކެއްގައި އުޅެމުންދިޔަތަނެވެ.

މިދިޔަ ސީޒަނުގައި ޑެމްބެލޭގެ ކުޅުން އޭގެ ކުރިން ދެތިން ސީޒަނަށްވުރެ ރަނގަޅަށް ފެނިފައިވާ އިރު، މިހާތަނަށް ބާސާއަށް ކުޅުނު 185 މެޗުގައި ޑެމްބެލޭ ވަނީ 40 ގޯލު ޖަހައިފައެވެ.

ޕީއެސްޖީއާއެކު ޑެމްބެލޭ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށް، އޭނާ ބުނީ ޕީއެސްޖީއަށް ކުޅުމަކީ ލިބޭ ޝަރަފެއް ކަމަށެވެ. ޕީއެސްޖީން ޑެމްބެލޭ ގެންދަން އެންމެ ބޮޑަށް ވިސްނި އެއް ސަބަބެއް ކަމަށް ބެލެވެނީ އެޓީމުގެ ކުރިއަށް ކުޅޭ ކިލިއަން އެމްބާޕޭއާއި ނޭމާއާ ދެމެދުވެސް ކްލަބުން މައްސަލަތަކެއް ޖެހިފައިވުމެވެ. އެމްބާޕޭ މި ސީޒަން ނިމެންދެން ގަދަކަމުން ޕީއެސްޖީގައި މަޑުކޮށް، އަނެއް ސީޒަނަށް ހިލޭ ޓްރާންސްފާއެއްގައި ރެއާލްއަށް ދާން ވިސްނަމުންދާ އިރު، ކްލަބުން އޭނާ ސްކޮޑުން ބާކީ ކޮށްފައިވެއެވެ.

އަދި ކުރިއަށް އޮތް ސީޒަނަށް އެމްބާޕޭއާއި ޕީއެސްޖީއާ ދެމެދު ޖެހިފައިވާ މައްސަލަ ހައްލުވާނެ ކަމަށް ނުބެލެވޭ އިރު، އެ ކްލަބުން ދަނީ އޭނާ ވިއްކާލަން މަސައްކަތް ކުރަމުންނެވެ.