ވޯލްޑް ކަޕް 2026 ގެ ގްރޫޕް ޖީގައި ކުޅުނު ދެވަނަ މެޗުގައި ފަހަތުން އަރައި ނިއު ޒީލެންޑް ބަލިކޮށް، މިސްރުން އެގައުމުގެ ތާރީހުގައި ފުރަތަމަ ވޯލްޑް ކަޕް މޮޅު ހޯދައިފިއެވެ.

މުހައްމަދު ސަލާހާއި އޮމަރް މާމޫޝް ފަދަ ތަރިންތަކެއް ހިމެނޭ މިސްރުގެ ގައުމީ ފުޓުބޯޅަ ޓީމަކީ އެފްރިކާ ބައްރުގެ އެންމެ ކާމިޔާބު އެއް ޓީމެވެ. "ދަ ފެރޯސް"ގެ ނަމުން މަޝްހޫރުވެފައިވާ މި ޓީމަކީ މުޅި އެފްރިކާގެ ފަހުރެކެވެ. ބައިނަލްއަގުވާމީ މައިދާނުގައި މިސްރުން ވަނީ ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ.

ވޯލްޑް ކަޕްގައި މިސްރުން ވަނީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން ވާދަކޮށްފައެވެ. އެއީ 1934، 1990 އަދި 2018 ވަނަ އަހަރުއެވެ. މީގެ އިތުރުން، 1934 ވަނަ އަހަރު ވޯލްޑް ކަޕްގައި ކުޅުނު އެފްރިކާގެ ފުރަތަމަ ގައުމަކީ ވެސް މިސްރެވެ. ސަރަހައްދީ ފެންވަރުގައި ބަލާއިރު، އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ތާރީހުގައި އެންމެ ކާމިޔާބު ގައުމަކީ ވެސް މިސްރެވެ. އެ ޓީމުން ވަނީ ރެކޯޑު އަދަދަކަށް، ޖުމްލަ ހަތް ފަހަރު މި މުބާރާތުގެ ތަށި އުފުލާލައިފައެވެ.

ނިއު ޒިލޭންޑްގެ ގައުމީ ފުޓުބޯޅަ ޓީމަކީ އޯޝެނިއާ ސަރަހައްދުގެ އެންމެ ކާމިޔާބު އެއް ޓީމެވެ. "އޯލް ވައިޓްސް" ގެ ނަމުން މަޝްހޫރުވެފައިވާ މި ޓީމުން ވަނީ އޯއެފްސީ ނޭޝަންސް ކަޕްގެ ޗެމްޕިއަންކަން ހަ ފަހަރު ހޯދައިފައެވެ. މީގެ އިތުރުން ވޯލްޑް ކަޕްގައި ވެސް އެ ޓީމުން ވަނީ ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދައިފައެވެ.

އެގޮތުން 1982 އަދި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވާދަކޮށްފައިވާ އިރު، 2010 ވަނަ އަހަރުގެ މުބާރާތުގައި ކުޅުނު ތިން މެޗުން އެއްވަރުވެ، މުބާރާތުން ކެޓީ އެއްވެސް މެޗަކުން ބަލިނުވެއެވެ. ވަރުގަދަ ގްރޫޕެއްގައި ހިމެނުނު ނަމަވެސް، އެ މުބާރާތުގައި ނިއު ޒިލޭންޑުން ވަނީ އިޓަލީ، ޕެރަގުއާއީ އަދި ސްލޮވާކިއާ ވެސް ހިފަހައްޓައިފައެވެ. ނިއު ޒިލޭންޑަށް މިހާތަނަށް ގްރޫޕު ސްޓޭޖު ފަހަނައަޅައި ދެވިފައި ނުވާ އިރު، މިއީ ނިއު ޒިލޭންޑުން ވާދަކުރާ ހަތަރުވަނަ ވޯލްޑް ކަޕެވެ.

"ގްރޫޕު ޖީ" ގައި މިސްރުން ކުޅުނު ފުރަތަމަ މެޗުގައި ބެލްޖިއަމް އަތުން 1-1 ގެ ނަތީޖާއަކުން ވަނީ އެއްވަރުފައެވެ. އަދި ނިއު ޒިލޭންޑްގެ ފުރަތަމަ މެޗުގައި އީރާން އަތުން 2-2 ގެ ނަތީޖާއަކުން ވަނީ އެއްވަރުވެފައެވެ.

މިސްރު އަދި ނިއު ޒިލޭންޑުން ވެސް މި މެޗަށް ނެރެފައިވަނީ ފުރަތަމަ މެޗުގައި ވެސް ނެރުނު ފުރަތަމަ 11 އެވެ. މިސްރުގެ ފުރަތަމަ 11 ގައި ކެޕްޓަން ސަލާހާއި މާމޫޝް ވަނީ ހިމަނައިފައެވެ. އޭގެ އިތުރުން ފުރަތަމަ މެޗުގައި ގޯލު ޖެހި އިމާމް އަޝޫރް ހިމެނެއެވެ. އަދިނިއު ޒިލޭންޑުން ކެޕްޓަން ކްރިސް ވުޑްއާއެކު ފުރަތަމަ މެޗުގައި ނިއު ޒިލޭންޑްގެ ދެ ގޯލު ވެސް ޖެހި އެލިޔާ ޖަސްޓް، ލިބަރެޓޯ ކަކޭޗާ އަދި މާކޯ ސްޓަމެނިޗް ފުރަތަމަ 11 ގައި ވަނީ ހިމަނައިފައެވެ.

ކެނެޑާގެ ބީސީ ޕްލޭސް ވެންކޫވާގައި މިއަދު ކުޅުނު "ގްރޫޕު ޖީ" ގެ މެޗުން މިސްރު މޮޅުވީ 3-1 އިންނެވެ. މިރޭގެ މޮޅާއެކު ގްރޫޕް ޖީ އިތުރަށް ހުޅުވިގެން ދިޔައެވެ. މިސްރުންވެސް ހަތަރު ޕޮއިންޓާއެކު އެއްވަނައިގައި އޮތް އިރު، ބެލްޖިއަމާއި އިރާނަށް ވަނީ ދެމެޗުން ދެ ޕޮއިންޓް ލިބިފައެވެ. ނިއު ޒީލެންޑަށްވެސް އަދި ފުރުސަތު އޮތް އިރު، އެޓީމަށް ވަނީ ދެމެޗުން ޕޮއިންޓެއް ލިބިފައެވެ.

މެޗުގެ ފުރަތަމަ ފަސް މިނެޓަށްފަހު ދެޓީމުގެ ފަރާތުންވެސް ނުރައްކާ ފެނުނެވެ. މިސްރުގެ މުހައްމަދު ސަލާހް، ދެ ޑިފެންޑަރުން ނައްޓާފައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ނިއު ޒިލޭންޑްގެ ޑިފެންޑަރު ގައިގައި ޖެހި ބްލޮކްވި އިރު، އަނެއްކޮޅުން ނިއު ޒިލޭންޑްގެ ސަރްޕްރީތު ސިންހް ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

މެޗު މަޑުމަޑުން ހުޅުވެމުން ދިޔުމުގެ ފައިދާ ނެގީ ނިއު ޒީލެންޑުންނެވެ. އެގޮތުން މެޗުގެ 14 ވަނަ މިނެޓުގައި އެލީޖާ ޖަސްޓަށް ހުސްކޮށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ހަމަލާ މަތަކުރީ މިސްރުގެ ކީޕަރު މުސްތަފާ އަހުމަދު ޝޮބީރެވެ. އެ ބޯޅައިގައި ލިބުނު ކޯނަރުން ނިއު ޒިލޭންޑް ލީޑުވެސް ނެގިއެވެ. ޓިމް ޕޭން ނަގައިދިން ކޯނަރު ހުސްކޮށް އޮވެ ބޮލުން ގޯލަށް ވައްދާލީ ފިން ސާމަންއެވެ.

އޭގެފަހުންވެސް ނުރައްކާ ކުރީ ނިއު ޒީލެންޑެވެ. ކަލުމް މެކްކޮވަޓް އަރިމަތިން ފޮނުވާލި ހަމަލާވެސް ކީޕަރު ޝޮބީރު މަތަކުރި އިރު، ހައިޑްރޭޝަން ބްރޭކަށް ފަހު މިސްރުންވެސް އެޓޭކަށް މަސައްކަތް ކުރިއެވެ. މެޗުގެ 27 ވަނަ މިނެޓުގައި މާމޫޝް އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ޕަންޗުކޮށް، ސަލާމަތްކުރީ ނިއު ޒީލެންޑްގެ ކީޕަރު މެކްސް ކްރޮކޮމްބޭއެވެ.

އޭގެ 10 ވަރަކަށް މިނެޓް ފަހުން، 36 ވަނަ މިނެޓުގައި މިސްރަށް ވަނީ ނުރައްކާތެރި ހިސާބަކުން ހިލޭ ޖެހުމެއް ލިބިފައެވެ. އޭރިއާ ރޮނގު ކައިރިން މެދާ ދިމާލުން ލިބުނު ހިލޭ ޖެހުމުގައި ސަލާހްގެ ހަމަލާއެއް ފެނުނު ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ. މިސްރުން ވަނީ ހާފު ނިމުމުގެ ކުރިން އެއްވަރުކުރަން ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. އެހެން ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ. އެންމެ ފަހު މިނެޓުކޮޅުގައި އާޝޫރަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށްވެސް ހިފޭނެ ގޮތެއް ނުވިއެވެ.

ދެވަނަ ހާފުގެ ފެށުމާއެކުވެސް މިސްރުން ވަނީ އެޓޭކަށް ވިސްނައި، އެކަމަށް މަސައްކަތް ފަށައިފައެވެ. ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައި މިސްރުގެ އެންމެ އިތުބާރު ކުޅުންތެރިޔާ ސަލާހަށް އޭރިއާ ތެރެއިން ރަނގަޅު ފުރުސަތެއް ތަނަވަސްވެގެން ދިޔަ ނަމަވެސް، އޭނާއަށް އެންމެ ރަނގަޅަށް ފޮނުވާލެވޭ ގޮތެއް ނުވިއެވެ. އަދި އޭގެ އިރުކޮޅެއްފަހުން މާމޫޝްއަށް ލިބުނު ފުރުސަތުގައި އޭނާއަށްވެސް ރަނގަޅަށް ފޮނުވައެއް ނުލެވުނެވެ.

މިސްރުގެ އެ އެޓޭކްތަކާއެކު ހާފު ފެށި ނަމަވެސް، ނިއު ޒީލެންޑުން އަނެއްކާވެސް ލިބުނު ފުރުސަތުގައި މާބޮޑަށް ނުރައްކާ ކުރިއެވެ. އެޓީމުގެ ރަސްމީ ސްޓައިލްގައި އޭރިއާ ތެރެއަށް މަތިން ވައްޓާލި ބޯޅައެއްގައި މެކްކޮވަޓް ފޮނުވާލި ހަމަލާ ޕަންޗުކޮށް ބޭރުކޮށްލީ މިސްރުގެ ކީޕަރު ޝޮބީރެވެ.

މިސްރުން އިތުބާރާއެކު ދެވަނަ ހާފު ފަށައިގެން ކުޅެމުން ދިޔަ ކުޅުމާއެކު ނިއު ޒީލެންޑަށް ދިޔައީ އުނދަގޫތަކެއް ކުރިމަތިވަމުންނެވެ. މުސްތަފާ ޒީކޯގެ ނުރައްކާތެރި ދެ ހަމަލާއެއް ފުލުފުލުގައި ފެނުނު އިރު، އޭނާގެ ދެވަނަ ހަމަލާފައި މެޗު އެއްވަރުކުރިއެވެ. 59 ވަނަ މިނެޓުގައި ޒީކޯ ގޯލް ޖަހައިދިނީ މުހައްމަދު ހާނީ އަރިމަތިން ނެގި ހިތްގައިމު ހުރަސް ބޮލުން ގޯލަށް ވައްދާލައިގެންނެވެ. އޭނާ ފޮނުވާލި ބާރު ހަމަލާ ގޯލަށް ވަނީ ނިއު ޒީލެންޑްގެ ކީޕަރު ކްރޮކޯމްބޭ އަތުގައި ޖެހިފައެވެ.

އޭގެ ފަހުންވެސް މިސްރަށް ހުއްޓުމެއް ނާދެއެވެ. ސަލާހާއި މާމޫޝް ފަދަ ކުޅުންތެރިން ނިއު ޒީލެންޑް އޭރިއާ ތެރެއަށް ނުރައްކާ ކުރަމުން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން މިސްރުގެ ފުރަތަމަ ގޯލަށް 10 މިނެޓްވެސް ނުވަނީސް، 67 ވަނަ މިނެޓުގައި މެޗު އަނބުރާލިއެވެ. އެކަން ކުރީ ޓީމުގެ ތަރި ސަލާހެވެ. އަރިމަތިން ބޯޅަ ހޯދާލާފައި، އޭރިއާ ތެރޭގައި ހުރި ޒީކޯއަށް ޖައްސާލި ބޯޅައިގައި ވަން ޓޫ އެއް ފުރިހަމަކޮށް ސަލާހް ބޯޅަ އަމާޒުކޮށްލީ ސީދާ ގޯލްގެ ތިރީ ކަނަށެވެ.

މިސްރުގެ ސަޕޯޓަރުން ތަފާތު ފޯރިއެއްގައި ކައްކާލިއެވެ. ފުރަތަމަ މޮޅަކަށް ކުރާ މަސައްކަތުގެ އިންތިޒާރު، ސަލާހްގެ އެ ގޯލާއެކު ނިމޭނެ ކަމަށް ބޮޑު އުންމީދެއް އާވިއެވެ. އެ ގޯލަކީ ސަލާހް މިސްރުގެ ގައުމީ ޓީމަށް ޖެހި، 67 ވަނަ ގޯލެވެ. މިސްރު ގައުމީ ޓީމަށް އެންމެ ގިނައިން ގޯލް ޖަހައިދީފައި ވަނީ މިހާރުގެ ކޯޗު ހޮސާމް ހަސަނެވެ. އެއީ 69 ގޯލެވެ.

އޭގެފަހުން މިސްރުން މެޗު ލަސްކޮށް، ޓެމްޕޯ ދަށްކޮށްލަން ކުރި މަސައްކަތް ފެނުނު ނަމަވެސް، ސަލާހް ދިޔައީ އިތުރަށް ނުރައްކާ ކުރަމުންނެވެ. 80 ވަނަ މިނެޓުގައިވެސް ވަން ޓޫ އަކާއެކު ފުރުސަތު ތަނަވަސްކުރި ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ ކޯނަރަކަށް ދިޔައީ ބްލޮކް ވެގެންނެވެ. އެ ކޯނަރުގައި މިސްރަށް ތިންވަނަ ގޯލަކާއެކު މޮޅު ޔަގީންވިއެވެ.

ސަލާހް ނަގައިދިން ކޯނަރު، އޭރިއާ ތެރެއިން ގޯލަށް ވައްދާލީ ބަދަލަކަށް ނުކުތް ޓްރެޒެގޭއެވެ. އެހިސާބުން މިސްރަށް ތާރީހީ ފުރަތަމަ މޮޅު ޔަގީންވިއެވެ.

އޭގެފަހުންވެސް ތާރީހަށް އިތުރު ގޯލެއް ވައްދާލަން މިސްރަށް ފުރުސަތު ލިބި ބޭކާރުވިއެވެ. އެގޮތުން އެންމެ ފަހުވަގުތުކޮޅު، ބަދަލަކަށް ނުކުތް ޒީޒޯ ކީޕަރު ނައްޓާލާފައި ފޮނުވާލަން އުޅުނު ބޯޅަވެސް ވީ ބްލޮކެވެ. މިއީ މިސްރުން ވޯލްޑް ކަޕް މެޗެއްގައި ތިން ގޯލް ޖެހި ފުރަތަމަ ފަހަރެވެ.

އަނެއްކޮޅުން އެންމެ ފަހު މިނެޓްގައި ނިއު ޒީލެންޑަށް ފަރަގު ކުޑަކޮށްލަން ލިބުނު ހުސް ފުރުސަތު އެޓީމަށްވެސް ބޭނުމެއް ނުހިފުނެވެ. އޭރިއާ ތެރެއިން ޓައިލާ ބިންޑަން ފޮނުވާލި ހަމަލާ މަތަކުރީ މިސްރު ކީޕަރު ޝޮބީރެވެ. އެންމެ ފަހު ވަގުތުގައި މިސްރުގެ ޑިފެންޑަރު ހުސައިން އަބްދުލްމަގީދުގެ ބޮލަށް ލިބުނު އަނިޔާއާއެކު އޭނާ ވަނީ "ކޮންކަޝަން"އަށް ހާއްސަ ބަދަލެއްގައި ބާލައިފައެވެ. ބަދަލަކަށް ނުކުތީ މުހައްމަދު އަބްދުލް މުނީމެވެ.