ސިޔާސީ މަގުސަދެއްގައި ކުރާނެ އިތުރުކަމެއް ދެން ނެތް ކަމަށާއި އެ މަނިކުފާނުގެ ދެވަނަ ދައުރު ނިމޭއިރު އޮންނާނީ ތަރައްގީވެފައިވާ ތަފާތު ރާއްޖެއެއް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މާޅެންދޫއަށް ވަޑައިގެން އެ ރަށުގައި މިއަދު ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ, އެ މަނިކުފާނު މިވަގުތު ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ކަމަށާއި އެހެންކަމުން ސިޔާސީ ކަންތަކުގައި ދެން އަރާނެ އިތުރު ހަރުފަތެއް ނެތް ކަމަށެވެ.

"އަޅުގަނޑު ރިޔާސީ ރޭހަށް ނުކުމެ މިހުރީ ދެވަނަ ފަހަރަށް. އެއް ދައުރު ނިމިއްޖެ. އަޅުގަނޑު ސިޔާސީ ކަންތަކުގައި ދެން އަރާނެ އިތުރު ހަރުފަތެއް ނެތް. ސިޔާސީ މަގުސަދުގައި އަޅުގަނޑު ބޭނުންވާނެ އެއްވެސް ކަމެއް ދެން ނެތް. އިރާދަކުރެއްވީތީ މިއަދު މިހުރީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި. ތި ބޭފުޅުންގެ ތާއީދާއެކުގައި. ކުރިއަށް އޮތް ދައުރުގައި ސިޔާސީ މަގުސަދެއްގައި ދެން ކުރާނެ އެއްވެސް ކަމެއް ނޯންނާނެ. އަޅުގަނޑުގެ މަގުސަދަކަށްވާނީ ފަށާފައިވާ މަސައްކަތްތައް ނިންމާ ރައްޔިތުންނަށް އުފާންވެރި އަމާން ދިރިއުޅުމެއް ހޯދައިދިނުން. އެނޫން އެއްވެސް މަގުސަދެއް ނޯންނާނެ," ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ, ދެވަނަ ދައުރު ނިމޭއިރު ރާއްޖޭގެ ރައްޔިތުން އުޅޭނީ އުފާވެރިކަމާއި އަމާންކަންމަތީގައި ކަމަށާއި ފެންނާނީ މާބޮޑަށް ތަރައްގީވެފައި އޮތް ރާއްޖެއެއް ކަމަށެވެ.