މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންގެންދަވާ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރަން ޖެހޭ ކަމަށާއި މިނިވަން ކުރުމަށް ކުރާ އިހުތިޖާޖުތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސް އިން ވާދަކުރައްވާ ކެންޑިޑޭޓް، އިލްޔާސް ލަބީބާ އެކު ފުވައްމުލަކު ސިޓީއަށް ވަޑައިގެން، އެ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރޭ ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ ރައީސް ޔާމީނާ މެދު މި ސަރުކާރުން ކަންތައްތައް ކޮށްފައިވާ ގޮތަކީ އެންމެން ކަންބޮޑުވާ ކަމެއް ކަމަށެވެ.

"އެމްއެމްޕީއާރްސީ ވައްކަމުގައި 273 މީހުން އެބަ ހިމެނޭ. އެކަމަކު އެންމެ މީހަކު ހިފައި ހައްޔަރުކޮށް ފަސް އަހަރު ވީމާ ދެން އެއީ އިންސާފުގެ ގޮތުގައި ބަލައެއް ނުގަނެވޭނެ. ރައީސް ޔާމީން ހަމަ މިހާރު ޖެހޭނީ ދޫކޮށްލާން. ރައީސް ޔާމީން ދޫކޮށްލާ! ރައީސް ޔާމީން ދޫކޮށްލާ!" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ އެބޭފުޅުންނަކީ ޖަލުން މީހުން ނެރެން އެނގިވަޑައިގަންނަވާ ބައެއް ކަމަށް ވިދާޅުވެފައެވެ. އަދި އެމްޑީޕީގައި އުޅުއްވި އިރު، ޖަލުން މީހުން ނެރުމުގެ ނިޒާމެއް ފައްކާ ކުރެއްވި ކަމަށެވެ. އަދި ވަނީ ރައީސް ޔާމީން މިނިވަން ކުރެއްވުމުގެ ސީދާ ހަރަކާތަށް އެ މަނިކުފާނު ނުކުންނަވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

"އަޅުގަނޑުގެ ރަހުމަތްތެރި ޕީޕީއެމްގެ މެމްބަރުންނަށް ޔަގީންކޮށް އަރުވަން އިރާދަކުރެއްވިއްޔާ ދެން ގިނަ ދުވަހަކު ރައީސް ޔާމީން ޖަލުގައި ނުހުންނަވާނެ. އަޅުގަނޑު ދެން އިހުތިޖާޖުގައިވެސް ބައިވެރިވާނަން. ތިބޭފުޅުންނާ އެކީގައި މަގުމަތީގައިވެސް ތިބޭނެ."

ނަޝީދު ވަނީ ޔާމީން މިނިވަން ކުރެއްވުމަށް ބައިނަލް އަގުވާމީ ފަރާތްތަކާ އެކު އެމަނިކުފާނު ވާހަކަ ދައްކަވާނެ ކަމަށްވެސް ވިދާޅުވެފައެވެ. އެކިއެކި ބައިނަލް އަގުވާމީ ވަކީލުން ރާއްޖެއަށް ވަޑައިގެން ވަކާލާތުވެސް ކުރައްވާނެ ކަމަށާއި ރައީސް ޔާމީން ޖަލުން ނެރޭނެ ކަމަށް ވިދާޅުވެ، ޕީޕީއެމްގެ މެންބަރުންނަށް ޔަގީންކަން ދެއްވިއެވެ.

ނަޝީދު، ޔާމީން މިނިވަން ކުރުމުގެ ވާހަކަތައް ރޭ ދެއްކެވި އިރު، އެ މަނިކުފާނު ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް ދާން ބޭނުން ވަނީ ޕީޕީއެމާ އެކު ކަމަށް ވެސް ވިދާޅުވެފައެވެ. ނަޝީދު ވަނީ މީގެ ކުރިންވެސް ޕީޕީއެމާ އެކު ކޯލިޝަން ހެދުމުގެ ޝައުގުވެރިކަން ފާޅު ކުރައްވައިފައެވެ. ނަޝީދު ގެންދަވަނީ ޕީޕީއެމަށާއި ލީޑާޝިޕަށް ވެސް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

"އަޅުގަނޑު މިރޭ ޕީޕީއެމްގެ މެންބަރުންގެ ގާތުގައި އިހުލާސްތެރިކަމާ އެކުގައި ދަންނަވަން އޮތް ނުކުތާއެއް އެބައޮތް. ދެވަނަ ބުރެއްގައި އަޅުގަނޑުމެން ލައްވައި އެމްޑީޕީއަށް ވޯޓްދޭން ޖެހޭ ގޮތެއް ތިބޭފުޅުން ނުހައްދަވާތި. ތިބޭފުޅުން ވިސްނުންފުޅާ އެކީގައި މި ވޯޓުގެ ކަންކަން ގެންދަވާތި. އަޅުގަނޑު މި ދަންނަވާ ވާހަކަ ކަނުލައި އަޑުއަހައި ވިސްނަވާތި. ދެވަނަ ބުރެއްގައި ޑިމޮކްރެޓުން އެމްޑީޕީއަށް ވޯޓުލާން ޖެހޭ ގޮތަކަށް އެބުރުގެ ކަންކަން ތިބޭފުޅުން ނުބާއްވަވާތި. ތިބޭފުޅުންނަށް މިއަދު އެކަން ކުރެއްވެން އެބަ އޮތް. ޕީޕީއެމަކީ ތާއީދު ވެސް އެންމެ ގިނަ، މެންބަރުންވެސް އެންމެ ގިނަ އަދި މަގުބޫލުކަންވެސް އެންމެ ބޮޑު ޕާޓީ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ އެބޭފުޅުންނަކީ ސިޔާސީ ހަގީގަތް އޮންނަ ގޮތް ދެނެގަނެ ހަގީގަތުގެ މައްޗަށް ރޭވުންތަކާއި ސްޓްރެޓެޖީތައް ރާވަމުންދާ ބައެއް ކަމަށެވެ. މިއަދު ރާއްޖެއަށް ހެޔޮ ގޮތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖޭގެ ވެރިކަމުގައި ނުހުންނެވުން ކަމަށާއި ވެރިކަން ބަދަލުވެގެން ދިއުން ކަމަށެވެ. އަދި ވިދާޅުވީ މި ސަރުކާރު ބަދަލުވާނެ ކަމަށާއި މި ސަރުކާރަށް ތާއީދު އޮތް ރަށަކަށް މި ފަހުން އެމަނިކުފާނު ވަޑައިގެންފައިނުވާ ކަމަށެވެ.