ވިލިމާލޭގެ އާ ހޮސްޕިޓަލް އިމާރާތް ކުރަން ފެށުމަށް، ހިދުމަތްތައް ވަގުތީ ގޮތުން އަމާން ހިޔާ އިމާރާތަށް (ކުޑަކުދިންގެ ހިޔާ) މިއަދު ބަދަލުކޮށްފިއެވެ.

ޗައިނާ ސަރުކާރުގެ އެހީގައި ވިލިމާލޭގައި 112 އެނދުގެ ހޮސްޕިޓަލްގެ އާ އިމާރާތް އަޅަން ނިންމާފައިވަނީ މިހާރުވެސް ވިލިމާލެ ހޮސްޕިޓަލް ހިންގާ ތަނުގައެވެ.

މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލުގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، ވިލިމާލޭ ހޮސްޕިޓަލުން ލިބެން ހުރި ގިނަ ހިދުމަތްތައް އަމާން ހިޔާ އިމާރާތުންވެސް ލިބޭނެ ކަމަށެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވެފައިވާ ގޮތުގައި ހޮސްޕިޓަލް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާނީ އާންމު ރައްޔިތުންނަށް ދަތިނުވާނޭހެން އެކި ފިޔަވަހިތަކަށް ބަހާލައިގެންނެވެ. އެގޮތުން އެންމެ ފުރަތަމަ ފިޔަވަހީގައި ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ކުއްލި ފަރުވާ ނުވަތަ އިމަޖެންސީ ހިދުމަތްތަކާއި ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތްތަކުގެ އިތުރުން ވެކްސިން ދިނުމުގެ ހިދުމަތް ކަމަށް ވިދާޅުވެފައިވެއެވެ.

ވިލިމާލޭގައި ތަރައްގީކުރާ ޓާޝަރީ ހޮސްޕިޓަލަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި އަޅާ ހޮސްޕިޓަލެކެވެ. އެ މަޝްރޫއުގެ ޑިޒައިން މަސައްކަތުގެ އެއްބަސްވުމުގައި ދެ ގައުމުގެ ދެމެދުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގައެވެ.

އެ މަޝްރޫއާ ގުޅޭގޮތުން ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު މީގެކުރިން ވިދާޅުވެފައިވަނީ، މިއަހަރުގެ މެދުތެރޭގައި ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށައި، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

އަދި އެ މަސައްކަތް ނިމިގެންދާއިރު ވިލިމާލޭގެ ރައްޔިތުންނަށް ބޭނުންވާ ޒަމާނީ ސިއްހީ ހުރިހާ ވަސީލަތްތަކެއް އެ ހޮސްޕިޓަލުން ލިބިގެންދާނެކަމަށް މުއްތަލިބު ވިދާޅުވެފައިވެއެވެ.