މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނީ ގއ. ގެމަނަފުއްޓަށް ކަމަށް މެޓް އޮފީހުގެ ރެކޯޑްތަކުން ދައްކައިފިއެވެ.

މެޓް އޮފީހުން އާންމުކޮށްފައިވާ 24 ގަޑިއިރުގެ ރެކޯޑްތަކުގައިވާ ގޮތުން، ގެމަނަފުއްޓަށް އިއްޔެ 101.8 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.

ދެން އެންމެ ގިނައިން އިއްޔެ ވާރޭ ވެހުނީ ހުޅުލެއަށެވެ. އެއީ 90.3 މިލިމީޓަރުގެ ވާރޭއެވެ. މާލެއަށް 90 މިލިމީޓަރުގެ ވާރޭ ވެހިފައިވާ އިރު، ދެން އެންމެ ގިނައިން ވާރޭ ވެހުނީ ގދ. ތިނަދުއަށެވެ. އެއީ 84.1 މިލިމީޓަރުގެ ވާރޭއެވެ.

މީގެ އިތުރުން އދ. މަހިބަދުއަށް 81.6 މިލިމީޓަރުގެ ވާރޭ ވެހިފައިވާ އިރު، ގދ. ކާޑެއްދުއަށް ވަނީ 80.6 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާ އިރު، ރޭ ބޯކޮށް ވާރޭ ވެހުމުގެ މާލޭގެ އިތުރުން ދެކުނު ރަށްރަށުގައި ފެންބޮޑުވުމުގެ ހާދިސާތައް ވަނީ ހިނގައިފައެވެ.

އެގޮތުން ފެންވަދެގެން ވެލިބަސްތާ ޖަހައިދިނުމަށް އެދި 33 ގެއަކުން ރޭ ރިޕޯޓްކޮށްފައިވެއެވެ.

އަދި އެއް ގެއަކުން ނަޖިސް ލީކުވެގެން ރިޕޯޓްކޮށްފައިވާ އިރު، 35 ފިހާރައަކަށާއި، 6 ރެސްޓޯރެންޓުގެ އިތުރުން ދެ ކްލިނިކަކަށް ފެންވަދެގެން ވެސް ވަނީ ރިޕޯޓުކޮށްފައެވެ.

މީގެއިތުރުން، ސަރުކާރުގެ ހަތަރު އިމާރާތަކަށް ފެނުގެ އަސަރުކޮށްގެން ވެސް ރިޕޯޓް ކޮށްފައިވެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މިއަދު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައެވެ. އެގޮތުން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށްފައިވާ އިރު، ވިލާގަނޑުގައި ކަނޑުތައް ގަދަވެ 45 މޭލަށް ވައި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އެމްއެންޑީއެފުން ވަނީ ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން ސަމާލުވާން އަންގައި އިރުޝާދެއް ނެރެފައެވެ.