ޕާކިސްތާނުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް އިސްލާމްއާބާދުގެ ފަރާތުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިއްޔެ އޮނަރަރީ ޑޮކްޓަރޭޓެއް އެރުވުމަކީ، އެ މަނިކުފާނު ގައުމަށް ކޮށްދެއްވަމުން ގެންދަވާ އަގުހުރި ހިދުމަތްތައް ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަމުންދާ ކަމުގެ ހެއްކެއް ކަމަށް ވެރިކަންކުރާ ޕީއެންސީން ބުނެފިއެވެ.
ރައީސަށް އޮނަރަރީ ޑޮކްޓަރޭޓްކަން އެރުވުމާ ގުޅިގެން ޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ޝަރަފަކީ ރައީސުލްޖުމްހޫރިއްޔާ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރާއްޖޭގެ އިގުތިސޯދާއި ދައުލަތް ހިންގުމުގެ ނިޒާމު ހަރުދަނާކުރެއްވުމަށް ކުރައްވާ މިންނެތް މަސައްކަތްޕުޅުތަކުގެ އަގު ބައިނަލްއަގުވާމީ މުޖުތަމައުން ވަޒަންކުރި ކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.
މީގެ އިތުރުން ދިވެހިންގެ މަސްލަހަތު އިސްކޮށް، ހަމަހަމަ ހާރިޖީ ސިޔާސަތެއްގެ ތެރެއިން އެކުވެރި ގައުމުތަކާއެކު ބާއްވަވާ ގާތް ގުޅުމުގެ ސަބަބުން މި ލިބުނު ފަހުރަކީ މުޅި ދިވެހި ގައުމަށް ލިބުނު ބޮޑު ޝަރަފެއް ކަމަށްވެސް ބުންޏެވެ.
ޕީއެންސީގެ ބަޔާނުގައި ބުނީ މިއީ ރައީސް މުއިއްޒުގެ ސަރުކާރުން ރާއްޖެއަށް ގެންނަމުން އަންނަ ހެޔޮ ބަދަލުތަކުގެ އިތުރަށް އެ މަނިކުފާނުގެ ހާރިޖީ ސިޔާސަތުގައި ދިވެހީންނާއި ރާއްޖެ އިސްކޮށް، އަވަށްޓެރި ގައުމުތަކާއި ދުރު ގައުމުތަކާއެކު ތިލަފަތްހަމަ ގުޅުމެއް ބާއްވަމުން ދިއުމުގެ ސަބަބުން ދިވެހި ރައްޔިތުންނާއި ގައުމަށް ލިބުނު ޝަރަފެއް ކަމަށެވެ.
ޕާކިސްތާނުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް އިސްލާމްއާބާދުގެ ފަރާތުން އެމަނިކުފާނަށް އޮނަރަރީ ޑޮކްޓަރޭޓެއް ރައީސަށް އެރުވީ ސިޔާސީ ދާއިރާގައި ކުރައްވާ މަސައްކަތްތަކާއި ބައިނަލްއަގުވާމީ މައިދާނުގައި ގައުމުތަކާ އެކު އޮންނަ ގުޅުން ބަދަހިކުރެއްވުމަށް ކުރައްވާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.
ރައީސް މުއިއްޒަށް މި އޮނަރަރީ ޑޮކްޓަރޭޓް އެރުއްވީ، އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ އޮފް އިސްލާމްއާބާދުގެ ނައިބު ރައީސް ޕްރޮފެސަރު ޑރ. ނަދީމް އަހްމަދު ޝެއިހެވެ.
މީގެ ކުރިން އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އިންވެސް ރައީސް މުއިއްޒަށް ވަނީ އޮނަރަރީ ޑޮކްޓަރޭޓެއް އަރުވައިފައެވެ. އެ ޔުނިވާސިޓީން ރައީސަށް ޑޮކްޓަރޭޓްކަން އެރުވީ އިސްލާމިކް ލީޑާޝިޕް އަދި މަދަނީ ޑިވެލޮޕްމަންޓުގެ ދާއިރާއިންނެވެ.
ރައީސް މުއިއްޒު ވަނީ، ލީޑްސް ޔުނިވާސިޓީން އިންޖިނިއަރިންގެ ދާއިރާއިން ޑޮކްޓަރޭޓް ޑިގްރީ ހާސިލްކުރައްވައިފައެވެ.
އަލީ ޔާމިން
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ކޮމެންޓް