ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭތީ، އިދިކޮޅު ކޯލިޝަނުން ނެރުނު ކެންޑިޑޭޓް މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް އިންތިހާބު ކާމިޔާބު ކޮށްދޭން ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުން އެއްގަލަކަށް އަރައިފިއެވެ.

ރިޝްވަތާއި މަނީ ލޯންޑާގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ އިންތިހާބީ ޝަތުރެއް އުނިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން ތާއީދުކުރުމުން ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށް ޔާމީން އެންގެވިއެވެ. ނަމަވެސް ޕީޕީއެމް/ޕީއެންސީގެ ސެނެޓުން ނިންމީ އިންތިހާބުގައި ވާދަކުރުމަށެވެ. އެކަމާ ގުޅިގެން، ސެނެޓުގެ ނިންމުން އަލުން ރިވިއު ކޮށްދޭންވެސް ޔާމީން އެދިވަޑައިގަތް ނަމަވެސް ފަހު ވަގުތު ޔާމީން ވަނީ މުއިއްޒު އެންޑޯސް ކުރައްވާފައިވާކަން ހާމަކުރައްވައިފައެވެ.

ޕީޕީއެމްގެ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ވިދާޅުވީ، ދެ ޕާޓީ އޮތީ މުއިއްޒު ފަހަތުގައި ބަދަހިކޮށް ކަމަށެވެ.

"ހިޔާލުތަފާތުވުން ނެތީމައޭ އަޅުގަނޑުމެން އެންމެން މިތާ މިތިބީ. އަޅުގަނޑު ހީވަނީ އެވަރުން ފުދޭނެހެން،" ލީޑަޝިޕަށް އިޝާރާތް ކުރައްވައި އަދުރޭ ވިދާޅުވި އެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު ވިދާޅުވީ އޭނާގެ އެންމެ މުހިއްމު އަމާޒަކީ މި އިންތިހާބު ކާމިޔާބުކޮށް ޔާމީން މިނިވަންކުރުން ކަމަށެވެ. އިންތިހާބުގައި ކުރިއަށް ވަޑައިގަންނަވާނީ ޔާމީންގެ ވިސްނުންފުޅާ އެކުގައި ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

"ރައީސް ޔާމީނަށް އަޅުގަނޑު އަބަދުވެސް ވަފާތެރިވާނެ، އެކަމާ ރައީސް ޔާމީން ޝައްކެއް ނުކުރައްވާނެ" މުއިއްޒު ވިދާޅުވިއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ، ކޯލިޝަންގެ އެތެރޭގައި ކޯޅުމެއް ނެތް ކަމަށާއި ކެމްޕެއިންގެ ހަރަކާތްތައް އަތޮޅުތެރޭގައި ރުކުރުވާލައި ބޮޑު ތަނުން މުއިއްޒު ވެރިކަމަށް ގެންނަން ކުރަން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.