އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރުތު ފުރިހަމަނުވާ ކަމަށް ބުނެ، އެ މަނިކުފާނުގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލައިނުގަން މައްސަލާގައި ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގެ ހުކުމް ކުރާނެ ދުވަހެއް ނާންގައި ޝަރީއަތް ނިންމާލައިފިއެވެ.

ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ މަނިކުފާނު އެދިފައިވަނީ، އީސީގެ ނިންމުމަކީ ބާތިލު ނިންމުމެއް ކަނޑައަޅައިދިނުމަށާއި، އެ މަނިކުފާނަކީ އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ހަމަވާ މީހެއްކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި ވަނީ އެ މަނިކުފާނާ އެއްކޮޅަށް މައްސަލަ ނިމިއްޖެނަމަ، އީސީން ޖެހޭނީ އެ މަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ އިންތިޒާމުތައް ހަމަޖައްސައިދޭން ޖެހޭނެ ކަމަށާއި އެ މަނިކުފާނަށް އަލުން ކެންޑިޑެސީ ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ދޭން ޖެހޭނެ ކަމަށް ކަނޑައެޅުމަށް އެދިފައެވެ. މީގެ އިތުރުން ޔާމީނަށް ކެންޑިޑެސީ ހުށަނޭޅޭ ހާލަތެއްގައި ޕީޕީއެމުން ކެންޑިޑެސީ ހުށަހެޅުމުގެ ފުރުސަތު ލިބެން ޖެހޭނެކަމަށް ކަނޑައެޅުމަށް ޔާމީން ވަނީ އެދިފައެވެ.

ސުޕްރީމް ކޯޓުގައި މިއަދު ވަނީ އެ މައްސަލައިގެ އަޑުއެހުން ބާއްވައިފައެވެ. އެ މައްސަަލައިގެ ތެރެއަށް ބަންޑާރަ ނައިބުގެ އޮފީހާއި ޕީޕީއެމުން ވަނީ ތަދައްހުލުވެފައެވެ. ބަންޑާރަ ނައިބު އޮފީހުން އެ މައްސަލައަށް ތަދައްހުލުވީ ސުޕްރީމް ކޯޓުން އެގޮތަށް އެންގުމަށެވެ. މިއަދުގެ ޝަރީއަތުގައި ހުރިހާ ފަރާތަކަށް ވާހަކަދެއްކުމުގެ ފުރުސަތު ދިނުމަށްފަހު، އުއްތަމަ ފަނޑިޔާރު އަހުމަދު މުއްތަސިމް ވަނީ، ހަސްމުންނާ ސުވާލުކުރުމުގެ ފުރުސަތު އެހެން ފަނޑިޔާރުންނަށް ހުޅުވާލައިފައެވެ.

ޔާމީންގެ ފަރާތުން އެ މަނިކުފާނުގެ ވަކީލު ހަމްޒާ ލަތީފު ވިދާޅުވީ ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ކޮރަޕްޝަނާއި މަނީލޯންޑާ ކުރިކަން ސާބިތުވެ ޔާމީން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދިޔަ ނަމަވެސް އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާތީ އެއީ ނިހާއީ ހުކުމެއް ނޫން ކަމަށެވެ. އަދި އެ ހުކުމަށް ބިނާކޮށް ޔާމީނަށް، އިންތިހާބުގައި ވާދަނުކުރެވޭ ނަމަ އެ މަނިކުފާނުގެ އިންތިހާބީ ހައްގު ގެއްލިގެން ހިނގައިދާނެ ކަމަށާއި ހައިކޯޓުން ޔާމީނާ އެއްކޮޅަށް އެ މައްސަލަ ނިންމައި، ކުށް ސާބިތުނުވާ ކަމަށް ކަނޑައެޅި ނަމަވެސް އަލުން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތުވެސް ލިބިގެންނުދާނެ ކަމަށެވެ.

ހަމްޒާ ވިދާޅުވީ ޖިނާއީ މައްސަލަތަކުގައި އެންމެ ފަހުން ހުކުމް ނާންނަނީސް އިންތިހާބުތަކުގައި ވާދަކުރުމުގެ ފުރުސަތު ބައެއް ޑިމޮކްރަޓިކް ގައުމުތަކުގައި ލިބިދޭ ކަމަށެވެ. އަދި ކެންޑިޑޭޓު ޖަލުގައި ހުންނަވައިގެން އިންތިހާބު ކާމިޔާބުކޮށްފިނަމަ، ވެރިކަމުގެ މަސްއޫލިއްޔަތު އަދާކުރައްވަނީ ނައިބު ރައީސް ކަމަށެވެ.

"އެއީ އަޅުގަނޑު ގަބޫލުކުރައްވަނީ ނައިބު ރައީސަކީ ރައީސުލްޖުމްހޫރިއްޔާ އުޒުރުވެރިވާ ހާލަތުގައި އެ މަސްއޫލިއްޔަތު އަދާކުރަންޖެހޭ ފަރާތެއް،" ހަމްޒާ ވިދާޅުވިއެވެ.

އީސީގެ ވަކީލު މަހުފޫޒު ސައީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން އިންތިހާބީ މަގާމުތަކަށް، ވަކިން ހާއްސަކޮށް ރައްޔިތުން މަޖިލީހުގެ މެމްބަރު ކަމަށް، ޝަރުތު ހަމަވާ މީހުންގެ ޝަރުތުތައް ކަނޑައެޅީ ޖިނާއީ މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރައްވާ މީހުންނަށް ވާދަނުކުރެވޭނެ ގޮތަށް ކަމަށެވެ.

އެގޮތުން ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ)ގައި އޮތް އިބާރާތުގައި އޮތް އުސޫލަކީ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަން ކުރެވޭ ހުރިހާ މަގާމަކަށްހެން ކަނޑައެޅިފައި އޮތް އުސޫލެއް ކަމަށްވެސް ވިދާޅުވިއެވެ.

"109 ވަނަ މާއްދާގެ (ޅ)، ރައީސް ޔާމީންގެ ފަރާތުން އެ ހުށަހަޅުއްވާ ގޮތަށް މާނަކޮށްފި ކަމަށްވާ ނަމަ، މި ހުރިހާ އޮފީސްތަކަށްވެސް ޖިނާއީ އެކިއެކި މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހުން އިންތިހާބު ކުރެވޭ ގޮތަށް ނުވަތަ އާދެވޭ ގޮތަށް މާނަކުރެވެނީ. މިސާލަކަށް ރައްޔިތުންގެ މަޖިލީހުގައި ތިބެދާނެ ޖިނާއީ ކުށްތައް ސާބިތުވެފައި މީހުން. ޓެރަރިޒަމް ކުށެއް ސާބިތުވެފައި ތިބޭ ބަޔަކު ވެސް ތިބެދާނެ" މަހްފޫޒް ވިދާޅުވިއެވެ.

ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން ވަކާލާތު ކުރެއްވި ދައުލަތުގެ ކައުންސެލާ ޖެނެރަލް ފާތިމަތު ހަދީޖާ ވަނީ އީސީގެ ނިންމުން ރަނގަޅު ކަމަށާއި އަދި އެ ނިންމުން ބަދަލުކުރަން ޖެހޭނެ ސަބަބެއް ނެތްކަމަށް ކަނޑައަޅައިދެއްވުމަށް އެދިފައެވެ.

ހުރިހާ ފަރާތެއްގެ ވާހަކަ އަޑުއެއްސެވުމަށްފަހު އުއްތަމަ ފަނޑިޔާރު އަހުމަދު މުއްތަސިމް އަދުނާން ވިދާޅުވީ އިތުރުކަމެއް ސާފުކުރަން ނެތިއްޔާ ދެން ބާއްވާނީ ހުކުމްކުރާ ޝަރީއަތް ކަމަށެވެ.

މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ތިއްބަވަނީ އުއްތަމަ ފަނޑިޔާރު މުއްތަސިމް (ރިޔާސަތު)، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު، ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު އައިޝާ ޝުޖޫން، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް، ފަނޑިޔާރު މަހާޒް އަލީ އަދި ފަނޑިޔާރު އަލީ ރަޝީދު ހުސެއިނެވެ. އެއީ ސުޕްރީމް ކޯޓުގެ ފުރިހަމަ ބެންޗެވެ.