ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން އެދިފައިވާ ގޮތަށް ސުޕްރީމް ކޯޓުން ގާނޫނު މާނަކޮށްފި ނަމަ ޖިނާއީ މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރަމުން ގެންދާ ހުރިހާ ގައިދީންނަށް އިންތިހާބުތަކުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ގާނޫނީ ވަކީލު މަހުފޫޒު ވިދާޅުވެއްޖެއެވެ.
ޔާމީންގެ ކެންޑިޑެސީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު އީސީއަށް ހުށަހެޅުމުން، ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު އެ ދުވަހުގެ މެންދުރުފަހު އީސީން ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރަން ޔާމީންގެ ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅައި ޕީޕީއެމަށް އެކަން އަންގައިފައެވެ.
ސަބަބެއް ކަމަށް ބުނެފައިވަނީ، ޔާމީންގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ 12 މަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައިސްފައިވާ މީހަކަށްވުމާއި އެ ހުކުމް ތަންފީޒުކޮށް ނިމިފައިނުވާކަން، ކުށުގެ ރެކޯޑަށް ބެލުމުން އެނގެން އޮތުމުން، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ)ގައި ބަޔާންކުރާ ޝަރުތު ޔާމީންގެ ކިބައިގައި ހަމަނުވާތީއެވެ.
އެ މައްސަލާގައި ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގައި މި ވަގުތު ސުޕްރީމް ކޯޓުގައި ކުރިއަށްދާ އަޑުއެހުމުގައި މަހުފޫޒު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން އިންތިހާބީ މަގާމުތަކަށް ވަކިން ހާއްސަކޮށް ރައްޔިތުން މަޖިލީހުގެ މެމްބަރު ކަމަށް، ޝަރުތު ހަމަވާ މީހުންގެ ޝަރުތުތައް ކަނޑައެޅީ ޖިނާއީ މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރައްވާ މީހުންނަށް ވާދަނުކުރެވޭނެ ގޮތަށް ކަމަށެވެ.
އެގޮތުން ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ)ގައި އޮތް އިބާރާތުގައި އޮތް އުސޫލަކީ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަން ކުރެވޭ ހުރިހާ މަގާމަކަށްހެން ކަނޑައެޅިފައި އޮތް އުސޫލެއް ކަމަށްވެސް ވިދާޅުވިއެވެ.
“109 ވަނަ މާއްދާގެ (ޅ)، ރައީސް ޔާމީންގެ ފަރާތުން އެ ހުށަހަޅުއްވާ ގޮތަށް މާނަކޮށްފި ކަމަށްވާ ނަމަ، މި ހުރިހާ އޮފީސްތަކަށްވެސް ޖިނާއީ އެކިއެކި މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހުން އިންތިހާބު ކުރެވޭ ގޮތަށް ނުވަތަ އާދެވޭ ގޮތަށް މާނަކުރެވެނީ. މިސާލަކަށް ރައްޔިތުންގެ މަޖިލީހުގައި ތިބެދާނެ ޖިނާއީ ކުށްތައް ސާބިތުވެފައި މީހުން. ޓެރަރިޒަމް ކުށެއް ސާބިތުވެފައި ތިބޭ ބަޔަކު ވެސް ތިބެދާނެ" މަހްފޫޒް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޖިނާއީ މައްސަލައެއްގައި 12 މަސްދުވަހަށްވުރެ ދަށް ހުކުމެއް ކޮށްފައިވާ ނަމަ އިންތިހާބުގައި ވާދަކުރެވިދާނެ ކަމަށާއި ނަމަވެސް 12 މަސް ދުވަހަށްވުރެ އިތުރުވާ ނަމަ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށެވެ. އެގޮތުގެ މަތިން ސުޕްރީމް ކޯޓުންވެސް މީގެ ކުރިން ހުކުމް ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
"މަޖިލިސް ފެށިގެން ގަޑިޖެހިގެން މެމްބަރުން ހާޒިރު ނުވާތީ ބެލިއިރު ބައެއް މެމްބަރުން ހާޒިރު ނުވަނީ އެ ބޭފުޅުން ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާތީ. ވީ ގޮތް ބެލިއިރު އެ ބޭފުޅުންނަށް ކުށް ސާބިތުވެ ޖަލުގައި ތިއްބެވި ކަމުގައި ވީ ނަމަވެސް މައްސަލަ އިސްތިއުނާފް ކޮށްފައި އޮތީތީ އެ ބޭފުޅުން އެ ތިބީ ކުރިމަތިލައިގެން ހޮވިފައި. އަޅުގަނޑުގެ ސުވާލަކީ މިހެން ހައްދަވާފައި އޮވެދާނެތޯ ގާނޫނުއަސާސީ ހެދި މަޖިލީހުން،" މަހުފޫޒު ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގައި ޔާމީން ތަމްސީލުކުރައްވާ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހަމްޒާ ލަތީފު ވިދާޅުވީ، ވ. އާރަށް ކުއްޔަށް ދިނުމުގައި ކޮރަޕްޝަނާއި މަނީލޯންޑާ ކުރިކަން ސާބިތުވުމުގެ ސަބަބުން ޔާމީން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދިޔަ ނަމަވެސް އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވުމުން އެއީ ނިހާއީ ހުކުމެއް ނޫން ކަމަށެވެ.
އަދި އެ ހުކުމަށް ބިނާކޮށް ޔާމީނަށް، އިންތިހާބުގައި ވާދަނުކުރެވޭ ނަމަ އެ މަނިކުފާނުގެ އިންތިހާބީ ހައްގު ގެއްލިގެން ހިނގައިދާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެކަމަށް ރައްދުދެއްވަމުން މަހުފޫޒު ވިދާޅުވީ، ޔާމީންގެ ވާހަކައިން ފާހަގަވަނީ ދަށު ކޯޓުތައް ކަމަށްވާ ކުރިމިނަލް ކޯޓާއި ހައިކޯޓުގެ ހުކުމްތަކަކީ އަމަލުކުރަން ނުޖެހޭ، އެއްވެސް ބުރަދަނެއް ނެތް ހުކުމްތަކެއް ކަމަށެވެ. އަދި ސުޕްރީމް ކޯޓުން މައްސަލައަކާ މެދު ގޮތެއް ނުނިންމާ ހިނދަކު، ދަށު ކޯޓުގެ ނިންމުމަކަށް އަމަލުކުރަން ނުޖެހޭކަން ފާހަގަވާ ކަމަށާއި އެއީ ގާނޫނު މާނަކުރެވޭނެ ގޮތެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު