ޕީއެންސީގެ ރިޔާސީ ޓިކެޓު ލިބިވަޑައިގެންނެވި ނަމަވެސް، އަދިވެސް ބޭނުންވަނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު، އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ގޮތް މެދުވެރިވުން ކަމަށާއި ވެރިކަން ލިބިވަޑައިގެންފި ނަމަ، ވެރިކަން ކުރައްވާނީ ވެސް އެމަނިކުފާނު އަންގަވާ ގޮތެއްގެ މަތިން ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީޕީއެމާއި ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވާދަނުކުރެވޭ ހާލަތެއްގައި ޕީއެންސީން ކެންޑިޑޭޓަކު ނެރުމަށް އެ ޕާޓީގެ ސެނެޓުން މިއަދު ވަނީ ފާސްކޮށް، ޓިކެޓަށް ވާދަކުރުމަށް ހުޅުވާލައިފައެވެ.

ޕީއެންސީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާފައިވަނީ މުއިއްޒާއި ޕީއެންސީގެ ޕީޖީ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ. ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުއިއްޒު ޓިކެޓަށް ވާދަކުރައްވާފައިވަނީ ޕީޕީއެމުން ވަކިވެވަޑައިގެން، ޕީއެންސީއާ ގުޅިވަޑައިގެންނެވުމަށްފަހުއެވެ. ޕީޕީއެމްގެ އޮފީހުގައި މިއަދު ވަނީ ޓިކެޓު ދޭނެ ބޭފުޅެއް ނިންމުމަށް ސެނެޓު ބައްދަލުވުމެއް ބާއްވައި، ސިއްރު ވޯޓެއް ނަގައިފައެވެ. އެ ވޯޓުގައި ޕީއެންސީގެ ސެނެޓުގައި ހިމެނިވަޑައިގަންނަވާ 48 މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މުއިއްޒު ޓިކެޓު ކާމިޔާބުކުރައްވާފައިވަނީ 25 ވޯޓު ހޯއްދަވައިގެންނެވެ. އަދި އާދަމް ޝަރީފަށް ލިބިވަޑައިގެންނެވީ 23 ވޯޓެވެ.

ވޯޓަށްފަހު ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ، ޔާމީން ޖަލުން މިނިވަންކުރުމަށް، އިންތިހާބު ކާމިޔާބުކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި އަދިވެސް އުންމީދަކީ ޔާމީނަށް އިންތިހާބުގައި ވާދަކުރެވޭނެ ގޮތް ހަމަޖެހިގެން ދިއުން ކަމަށެވެ.

"ކުރިއަށް އޮތް އޮގަސްޓް 7ގެ ޑެޑްލައިން ހަމަވުމުގެ ކުރިން އަޅުގަނޑުމެންގެ އުންމީދަކީ އަދި އެދުމަކީ އަދި ދުއާ އަކީ އަދި ޖުޑިޝަރީ އާއި ހުރިހާ ފަރާތްތަކަށް ގޮވާލާ ގޮވާލުމަކީ ރައީސް ޔާމީނަށް ހައްގު އިންސާފު ގާއިމުކޮށްދެއްވާށޭ. އެމަނިކުފާނު މިނިވަންވުން. އަޅުގަނޑުމެންގެ އުންމީދަކީ އަޅުގަނޑުގެ އެޕްލިކޭޝަން ލޮޖް ކުރަން ނުޖެހުން،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، ޕީއެންސީ ކެންޑިޑޭޓެއް ރިޔާސީ އިންތިހާބަށް ނެރެން ޖެހުނީ "އޯލްޓަނޭޓިވް ގޮތެއް" ވިސްނައިގެން ކަމަށާއި ޕީއެންސީގެ ފަރާތުން ރިޔާސީ ކެންޑިޑޭޓެއް އިންތިހާބުކުރީ، އިންތިހާބުގައި ވާދަކުރުމުގެ މަގުސަދުގައި ނޫން ކަމަށެވެ. އަދި އީސީއަށް ފޯމު ހުށަހަޅާނީ ވެސް ޔާމީނަށް ވާދަނުކުރެވޭނެކަން ޔަގީންވުމުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ވެރިކަން ލިބިވަޑައިގެންފި ނަަމަ، މަސައްކަތްކުރައްވާނީ ޔާމީން އަންގަވާ ގޮތެއްގެ މަތިންތޯ ނޫސްވެރިޔަކު ސުވާލުކުރުމުން، މުއިއްޒު ވިދާޅުވީ ޕްރައިމަރީ ބޭއްވީ ވެސް ޔާމީންގެ ލަފާފުޅުގެ މަތިން ކަމަށާއި ޕީޕީއެމް/ޕީއެންސީން މަސައްކަތް ކުރާނީ ޔާމީން އަންގަވާ ގޮތެއްގެ މަތިން ކަމަށެވެ.

"އާދެ އަޅުގަނޑުމެން މި ދެންނެވީ އަޅުގަނޑުމެންގެ ހުރިހާ މަސައްކަތެއް ވެސް ކުރިއަށް ގެންދަނީ އަދި ގެންދާނީވެސް ރައީސް ޔާމީނުގެ އިރުޝާދުގެ ދަށުން ކަމަށް،" ޑރ. މުއިއްޒު ވިދާޅުވިއެވެ.

ޕީޕީއެމް/ޕީއެންސީ ސެނެޓު މެމްބަރުންގެ ތެރެއިން އޭނާއަށް ވޯޓު ދެއްވި ސެނެޓަރުންނަށް ޑރ. މުއިއްޒު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އާދަމް ޝަރީފު ވިދާޅުވީ، ޑރ. މުއިއްޒަށް އިންތިހާބު ކާމިޔާބުކޮށްދެއްވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ. އަދި ޕީއެންސީގެ އެތެރޭގެ އިންތިހާބުން އެނގިގެން ދިޔައީ ޔާމީންގެ ޑިމޮކްރަޓިކް ސިފަ ކަމަށެވެ.

"ގައިދީއެއްގެ ގޮތުގައި ހުންނެވި ނަމަވެސް އެންމެ ވަރުގަދަ، އެންމެ ޑިމޮކްރެޓިކް ލީޑަރަކީ ރައީސް ޔާމީން،" އާދަމް ޝަރީފު ވިދާޅުވިއެވެ.

އޭނާ ވެސް ވިދާޅުވީ އުންމީދަކީ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެން ދިއުން ކަމަށެވެ.