ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު، އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓުގެ މަގާމަށް، އެމަނިކުފާނުގެ ނައިބު، ޑރ. މުހައްމަދު ޖަމީލު އަހުމަދު ކަނޑައެޅުއްވުމުން، ޕީޕީއެމްގެ ނައިބު ރައީސް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، ޔާމީންގެ އެ ނިންމެވުން ބަދަލުކުރައްވަން އުޅުއްވާ ކަމަށްބުނެ މަރުގެ އިންޒާރު ދީފިއެވެ.
މުއިއްޒު "ވަން" އަށް ރޭ ވިދާޅުވީ މަރުގެ އިންޒާރުދީ މެސެޖު ފޮނުވާފައިވަނީ އަނބިކަނބަލުންގެ ފޯނަށް ކަމަށެވެ. އަދި މެސެޖު ކޮށްފައިވަނީ ތައިލެންޑު ނަމްބަރަކުން ކަމަށް އޭނާ ވިދާޅުވިއެވެ.
"މިހާރު ވަނީ އެ މައްސަލަ ފުލުހަށް ހުށަހަޅާފައި،" ޑރ. މުއިއްޒު ވިދާޅުވިއެވެ.
ޑރ. މުއިއްޒަށް މަރުގެ އިންޒާރު ދިން މެސެޖުގައި ވަނީ ޔާމީންގެ ނިންމެވުމަކީ ފަހުގެ ނިންމެވުން ކަމަށާއި އެ ނިންމުން ބަދަލުކުރައްވަން ޑރ. މުއިއްޒު ވިސްނަވައިގެން ނުވާނެ ކަމަށެވެ. ޔާމީންގެ ކެންޑިޑޭޓަކީ ޑރ. ޖަމީލު ކަމަށް ވެސް އެ މެސެޖުގައި ވަނީ ބުނެފައެވެ.
އެ މެސެޖުގައި އިތުރަށް ވަނީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓަކަށް ވެސް ވާނީ ޑރ. ޖަމީލު ކަމަށާއި ޕްލޭން ބީ އާއި އާއި އަދި ސީ އަކީ ވެސް ޔާމީންގެ ނިންމެވުން ކަމަށެވެ.
"މިއާ ހިލާފުވެ ގައްދާރުވާން ނިންމައިފިނަމަ އެކަމުގެ ނުރައްކަލާ ކުރިމަތިލާން ޖެހޭނެ. އޭނާ ލޭބަލް ވެގެންދާނީ ގައްދާރެއްގެ ގޮތުގައި. މިއީ މަޖަލަކަށް ބުނާ އެއްޗެއް ނޫން. އޭނާ ޖެހޭނެ ނިންމުމަށް އިހުތިރާމްކޮށް ސިސްޓަމްގެ ތެރޭގައި އުޅެން. އޭނާގެ ޓީމުން ކުރާ ކަންތައް ބަލައިނުގަންނާނަން، އެކަމުގެ ސަބަބުން ދިމާވާ ކަންތައްތަކަށް އޭނާ ކުރިމަތިލާން ޖެހޭނެ. އޭނާއަށް މި މެސެޖު ލިބުނުކަން ޔަގީން ކުރާތި،" ޑރ. މުއިއްޒުގެ އަނބިކަނބަލުންގެ ފޯނަށް ފޮނުވި އެ މެސެޖުގައި ބުންޏެވެ.
ޑރ. މުއިއްޒު ޕީޕީއެމް/ޕީއެންސީގެ ޖޮއިންޓް ސެނެޓަށް ނުފޫޒު ފޯރުވާ ކަމަށް ވެސް އެ މެސެޖުގައި ވަނީ ބުނެފައެވެ.
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓު ހޯއްދެވުމަށް ޑރ. މުއިއްޒު މަސައްކަތްކުރައްވާ ކަމަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ. އެ ތުހުމަތުތައް އެ ކޯލިޝަންގެ ލީޑާޝިޕުންނާއި ޑރ. މުއިއްޒު ވަނީ ދޮގު ކުރައްވައިފައެވެ. އެ ތުހުމަތުތަކަކީ އެ ކޯލިޝަން ބައިބައިކޮށްލުމުގެ ބޭނުމުގައި އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތަކެއް ޑރ. މުއިއްޒު އަދި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފައިވެއެވެ.
"ޗެނަލް 13" މެދުވެރިކޮށް ޕީޕީއެމްގެ ސަޕޯޓަރުންނަށް ދެއްވި މެސެޖެއްގައި މިދިޔަ މަހުގެ 27 ވަނަ ދުވަހު ޑރ. މުއިއްޒު ވިދާޅުވެފައިވަނީ ޔާމީނަކީ ހުރިހާ ރައްޔިތުން ގަބޫލުކުރާ އަދި އިތުބާރުކުރާ ޝަހުސިއްޔަތެއް ކަމަށާއި ޔާމީނަށް އަބަދުވެސް ވަފާތެރިވާނެ ކަމަށެވެ. މީގެ އެތަކެއް އަހަރުކުރިން ވެސް ޔާމީނަށް ތާއިދުކުރައްވާ ކަމަށާއި ޔާމީނަށް ތާއިދުކުރަން ފަށާފައިވަނީ އިއްޔެ ނޫނީ މިއަދަކު ނޫން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
"ރައީސް ޔާމީނަށް އަޅުގަނޑުގެ ތާއީދު، އަޅުގަނޑުގެ އޮތް ސަޕޯޓަކީ އިއްޔެއަކު މިއަދަކު އޮތް އެއްޗެއް ނޫން. ޔާމީނަކީ މީގެ އެތައް އަހަރެއް ކުރިން ފެށިގެން އަޅުގަނޑު ލޯބިވާ، އަޅުގަނޑު ގަބޫލުކުރާ ސަހުޝިއްޔަތެއް. އެހެންވީމަ އެމަނިކުފާނުގެ ހައްގުގައި އެމަނިކުފާނަށް ތާއީދު އޮތުމުގައި އެއްވެސް ކަހަލަ ކޮންޑިޝަންއެއް ނޯންނާނެ. އަންޑިވައިޑެޑް ލޯޔަލްޓީއެއް އަޅުގަނޑު ރައީސް ޔާމީނަށް އޮންނާނެ،" މުއިއްޒު ވިދާޅުވެފައިވެއެވެ.
މުއިއްޒު ވިދާޅުވެފައިވަނީ ޔާމީނަށް ރިޔާސީ ޓިކެޓު ދީފައިވަނީ ޕީޕީއެމް/ޕީއެންސީ ލީޑާޝިޕް ބޭނުންވެގެން، ލީޑާޝިޕުގެ ހިތުގެ އަޑިން ކަމަށާއި ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޒިންމާ ހަވާލުކުރެވިފައިވަނީ ޔާމީނަށް ކަމަށެވެ. އަދި އެމަނިކުފާނަށް އެ ޒިންމާ އަދާކުރުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
"އެމަނިކުފާނަށް އަޅުގަނޑުމެންގެ ހިތުގެ އަޑިން، ހަމަ އެންމެން ބޭނުންވެގެން އިއްތިފާގުން ހަވާލުކޮށްފައިވާ ޒިންމާ، އެއީ ރިޔާސީ އިންތިހާބުގެ ޓިކެޓު، ރިޔާސީ އިންތިހާބުގައި އަޅުގަނޑުމެންގެ ފަރާތުން ވާދަކުރުމުގެ ޒިންމާ، އެ ޒިންމާ އަދާކުރުމަށް އެމަނިކުފާނަށް އަޅުގަނޑުމެން ދޭންޖެހޭ ހުރިހާ ސަޕޯޓެއް ދޭނަން،" މުއިއްޒު ވިދާޅުވެފައިވެއެވެ.
މުއިއްޒު އިތުރަށް ވިދާޅުވެފައިވަނީ ޔާމީނު ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވަނީ ވެސް އެމަނިކުފާނަށް ހަވާލުކޮށްފައިވާ ރިޔާސީ ޓިކެޓުގެ ސަބަބުން ކަމަށެވެ. އަދި ޕީޕީއެމްގެ ރިޔާސީ ޓިކެޓު ހޯއްދަވަން މަސައްކަތްކުރައްވާ ކަމަށްބުނެ ތުހުމަތުތަކެއް އަމާޒުވަމުންދިޔަ ނަމަވެސް އެފަދަ ވާހަކަތަކަށް ސަމާލުކަން ނުދެއްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ތުހުމަތުތަކަށް ރައްދު ނުދެއްވުމުގެ ސަބަބުން ޕީޕީއެމްގެ މެމްބަރުންގެ މެދުގައި ނުތަނަވަސްކަން އެބައޮތް ކަމަށާއި ޔާމީނަށް ކުރާ ތާއީދު ސާފުކޮށްދޭން ވާހަކަދައްކަވަން ޖެހުނީ އެ ސަބަބާ ގުޅިގެން ކަމަށެވެ. އަދި ރާއްޖެއަށް މިވަގުތު ބޭނުންވަނީ ޔާމީންގެ ލީޑާޝިޕް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
"ސަބަބަކީ އަޅުގަނޑަށް އެނގޭ އަޅުގަނޑުގެ ޒަމީރު. އަޅުގަނޑުގެ ހިތް. އަޅުގަނޑު ކަންކަމުގައި އަމަލުކުރަނީ އަޅުގަނޑު ހިތުގެ އަޑިން ގަބޫލުކުރާ ގޮތަށް. ހިތުގެ އެންމެ ފުންމިނުން ގަބޫލުކުރާ ގޮތަށް ނޫނީ އަޅުގަނޑު އަމަލެއް ނުބަހައްޓަން،" މުއިއްޒު ވިދާޅުވެފައިވެއެވެ.
"އެހެންވީމަ އެމަނިކުފާނު މިނިވަން ކުރަން ކުރެވޭ ހުރިހާ މަސައްކަތެއްގައި ވެސް އަޅުގަނޑު މިދަނީ ހިތްހަމަޖެހުމާއި އުފަލާއެކު އެންމެ ފުޅާ މިނުގައި ބައިވެރިވަމުން" ޑރ. މުއިއްޒު ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު