ޕީޕީއެމް/ޕީއެންސީގެ ލީޑަރު، އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ފޯމު މާދަމާ ހުށަހަޅާނެ ކަމަށް ޕީޕީއެމުން ބުނެފިއެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސްތަރުޖަމާނު ހީނާ ވަލީދު މިރޭ މީޑިއާތަކަށް ވިދާޅުވީ ފޯމު ހުށަހެޅުއްވުން އޮންނާނީ މާދަމާ ހެނދުނު 10:00 ގައި ކަމަށެވެ.

"ދިވެހީންގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ކެންޑިޑެސީ ފައިލްކުރުން މާދަމާ 10:00 ގައި،" ހީނާ ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 19 ވަނަ ދުވަހުގެ ރޭ ކާނިވަލުގައި ބޭއްވި "ހަވާލޭވަތަން" ޖަލްސާގައެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓު ޔާމީނަށް ދިނުމަށް ނިންމާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ ބޭއްވި އެ ކޯލިޝަންގެ ޖޮއިންޓް ސެނެޓް ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ޔާމީން ވަނީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޝައުގުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. ޔާމީނަށް ޓިކެޓު ދޭން ފާސްކުރީ ސެނެޓް ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ރިޔާސީ އިންތިހާބުގައި ޔާމީންގެ ރަނިންމޭޓަކަށް ކަނޑައަޅުއްވާފައިވަނީ އެމަނިކުފާނުގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދެވެ. ރިޔާސީ އިންތިހާބު 2013، ރައީސް ޔާމީން ކާމިޔާބުކުރެއްވި އިރުވެސް ރަނިންމޭޓަކަށް ހުންނެވީ ޖަމީލެވެ. ނަމަވެސް ނައިބު ރައީސްގެ ގޮތުގައި އެ ދައުރު ފުރިހަމަކުރުމުގެ ފުރުސަތު ޖަމީލަށް ލިބިވަޑައިގެންފައެއް ނުވެއެވެ.

ޔާމީންގެ ރަނިންމޭޓަކަށް ހަމަޖެއްސެވުމާ ގުޅިގެން ޖަމީލު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރަނިންމޭޓަކަށް އޭނާ އިހުތިޔާރު ކުރެއްވީތީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށާއި ޕާޓީގެ ލީޑާޝިޕާއި ސެނެޓަރުންނާއި އާންމު މެންބަރުން ކުރާ އިތުބާރަށް ވެސް ޝުކުރު އަދާކުރާ ކަމަށެވެ.

"އެންމެން ގުޅިގެން އާ ޖޯޝެއްގައި ރައީސް ޔާމީން ރާއްޖޭގެ ޒައާމަތަށް ގެންނެވުމުގެ މަސައްކަތް ފަށަމާ ހިންގަވާ. އަޅުގަނޑުގެ ލަޔާގަތާއި ގާބިލިއްޔަތު ތަންދިން އެންމެ ބޮޑަށް މި އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދެއްވުމުގައި ދެމިހުންނާނެ ކަމުގެ ޔަގީންކަން އަރުވަން،" ޖަމީލު ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީންގެ ރަނިންމޭޓަކަށް ޑރ. ޖަމީލް ހަމަޖެއްސެވި އިރު، އެމްއެމްޕީއާރުސީގެ މައްސަލައިގައިި ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ އިރު، މިމަހުގެ ހަތްވަނަ ދުވަހުގެ ކުރިން އެ މައްސަލަ ޔާމީންގެ ކޮޅަށް ނުނިމިއްޖެ ނަމަ، ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދައެއް ނުކުރެވޭނެއެވެ.

ޔާމީންގެ ވަކީލުންގެ ޓީމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޖަމީލު، ރައީސް ޔާމީންގެ ވެރިކަމުގައި ނައިބު ރައީސްކަމުން ވަކިކުރެއްވީ 21 ޖުލައި 2015 ގައި ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށްފަހުއެވެ. ފަހުން ނައިބު ރައީސްގެ މަގާމަށް އައްޔަންކުރެއްވީ އޭރު ރައީސް ޔާމީންގެ އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި އަހުމަދު އަދީބެވެ.