ހަމަހަމަ ފުރުސަތު ނުލިބި، މާލޭގައި އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ކެމްޕޭން ޕޯސްޓަރުތައް ހަރުކުރާކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ޕީޕީއެމް އަށާއި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ފާޑުވިދާޅުވެއްޖެއެވެ.
އެމްއެންޕީގެ ނައިބު ރައީސް ކަމުގެ އިތުރުން، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، މުހައްމަދު ނާޒިމްގެ ސްޕޯކްސްޕާސަން ކަމާއި އިންތިހާބީ އެޖެންޓުކަން ވެސް ކުރައްވަމުން ގެންދަވާ އުޝާމް މިހެން ވިދާޅުވީ އޭނާ ރޭ ކުރެއްވި ޓުވީޓެއްގަ އެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭން ފެށިގެން ކުރިޔަށްދާއިރު، މާލޭ ސިޓީގެ އެކި ސަރަހައްދުތަކުގައި ހުރި ހުސްބިންތައް ބޭނުންކޮށްގެން ކެމްޕޭން ކުރުމުގެ ހަމަހަމަ ފުރުސަތު ހުރިހާ ޕާޓީތަކަށް ނެތް އުޝާމްގެ ޓުވީޓުގައި ވަނީ ވިދާޅުވެފަ އެވެ.
"އިންތިހާބުތަކުގަ ކެމްޕެއިންކުރުމުގެ ހަމަހަމަ ފުރުސަތު ހުރިހާ ޕާޓީތަކަށްވެސް ލިބެންޖެހޭނެ. މާލޭގެ ހުސްބިންތަކުގަ ޕީޕީއެމްގެ ކެންޕެއިން ޕޯސްޓަރުތައް ހަރުކުރުމުގެ ފުރުސަތު އެ ޕާޓީއަށް ލިބިފަ އެހެން ޕާޓީތަކަށް އެފުރުސަތު ނުދިނުމަކީ މާލޭ ސިޓީ ކައުންސިލުން ވަރަށް ބޭއިންސާފުން ކުރާ ކަމެއް" އުޝާމް ވިދާޅުވި އެވެ.
މިހާރުގެ ސަރުކާރުން ބޭއިންސާފުން ކުރާ ކަންކަމުގެ ވާހަކަ ޕީޕީއެމްއިން އަބަދު ދައްކާއިރު، އެ ޕާޓީގެ ފުރިހަމަ ކޮންޓްރޯލް އޮންނަ މާލޭ ސިޓީ ކައުންސިލްގެ އަމަލުތައްވެސް ހަމަ އެފަދައިން ހުރުމަކީ ވަރަށް ދެރަކަމެއް ކަމަށް އުޝާމް ވިދާޅުވިއެވެ.
މާލޭ ސިޓީގެ މޭޔަރާއި ޕީޕީއެމްއަށް ފާޑު ވިދާޅުވެ އުޝާމް ކުރެއްވި ޓުވީޓާއެކު، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، އަބްދުﷲ ޔާމީންގެ ކެމްޕޭން ޕޯސްޓަރެއް ވެސް ހިމަނައިފައިވެއެވެ. އެ ޕޯސްޓަރަކީ، މާލެއިން ހުޅުލެއަށް ދާން ބުރިޖަށް އަރާއިރު، އަމީނީ މަގުގެ ދެކުނު ފަރާތަށް ވާ ގޮތަށް ބަހައްޓާފައި ހުރި ބޮޑު ޕޯސްޓަރެކެވެ.
ސިޔާސީ
ސިޔާސީ
ސިޔާސީ
ސިޔާސީ