ޕީޕީއެއް/ޕީއެންސީގެ ކޯލިޝަންގެ ލީޑަރު އަދި އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ބޭވަފާތެރިނުވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރު ނޫސްވެރިންނާ ބައްދަލުކުރައްވަން މުއިއްޒު ނިންމެވި ނަމަވެސް، ސަބަބު ވިދާޅުނުވެ، އޭނާ ވަނީ އެ ބައްދަލުވުން ކެންސަލް ކުރައްވައިފިއެވެ. ނޫސްވެރިންގެ ބައްދަލުވުން ކެންސަލްކުރެއްވި އިރު، ޕީޕީއެމްގެ ރިޔާސީ ޓިކެޓު ހޯއްދެވުމަށް ޑރ. މުއިއްޒު މަސައްކަތް ކުރައްވަމުންދާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.

"ޗެނަލް 13" މެދުވެރިކޮށް ޕީޕީއެމްގެ ސަޕޯޓަރުންނަށް ދެއްވި މެސެޖެއްގައި މުއިއްޒު މިރޭ ވިދާޅުވީ ޔާމީނަކީ ހުރިހާ ރައްޔިތުން ގަބޫލުކުރާ އަދި އިތުބާރުކުރާ ޝަހުސިއްޔަތެއް ކަމަށާއި ޔާމީނަށް އަބަދުވެސް ވަފާތެރިވާނެ ކަމަށެވެ. މީގެ އެތަކެއް އަހަރުކުރިން ވެސް ޔާމީނަށް ތާއިދުކުރައްވާ ކަމަށާއި ޔާމީނަށް ތާއިދުކުރަން ފަށާފައިވަނީ އިއްޔެ ނޫނީ މިއަދަކު ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސް ޔާމީނަށް އަޅުގަނޑުގެ ތާއީދު، އަޅުގަނޑުގެ އޮތް ސަޕޯޓަކީ އިއްޔެއަކު މިއަދަކު އޮތް އެއްޗެއް ނޫން. ޔާމީނަކީ މީގެ އެތައް އަހަރެއް ކުރިން ފެށިގެން އަޅުގަނޑު ލޯބިވާ، އަޅުގަނޑު ގަބޫލުކުރާ ސަހުޝިއްޔަތެއް. އެހެންވީމަ އެމަނިކުފާނުގެ ހައްގުގައި އެމަނިކުފާނަށް ތާއީދު އޮތުމުގައި އެއްވެސް ކަހަލަ ކޮންޑިޝަންއެއް ނޯންނާނެ. އަންޑިވައިޑެޑް ލޯޔަލްޓީއެއް އަޅުގަނޑު ރައީސް ޔާމީނަށް އޮންނާނެ،" މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ޓިކެޓު ހޯއްދަވަން މަސައްކަތްކުރައްވާ ކަމަށްބުނެ އޭނާއަށް ތުހުމަތުތަކެއް އަމާޒުވަމުންދާ ކަމަށެވެ. ނަމަވެސް އެފަދަ ވާހަކަތަކަށް ސަމާލުކަން ނުދެއްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ތުހުމަތުތަކަށް ރައްދު ނުދެއްވުމުގެ ސަބަބުން ޕީޕީއެމްގެ މެމްބަރުންގެ މެދުގައި ނުތަނަވަސްކަން އެބައޮތް ކަމަށާއި ޔާމީނަށް ކުރާ ތާއީދު ސާފުކޮށްދޭން ވާހަކަދައްކަވަން ޖެހުނީ އެ ސަބަބާ ގުޅިގެން ކަމަށެވެ. އަދި ރާއްޖެއަށް މިވަގުތު ބޭނުންވަނީ ޔާމީންގެ ލީޑާޝިޕް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ސަބަބަކީ އަޅުގަނޑަށް އެނގޭ އަޅުގަނޑުގެ ޒަމީރު. އަޅުގަނޑުގެ ހިތް. އަޅުގަނޑު ކަންކަމުގައި އަމަލުކުރަނީ އަޅުގަނޑު ހިތުގެ އަޑިން ގަބޫލުކުރާ ގޮތަށް. ހިތުގެ އެންމެ ފުންމިނުން ގަބޫލުކުރާ ގޮތަށް ނޫނީ އަޅުގަނޑު އަމަލެއް ނުބަހައްޓަން،" މުއިއްޒު ވިދާޅުވިއެވެ.

"އެހެންވީމަ އެމަނިކުފާނު މިނިވަން ކުރަން ކުރެވޭ ހުރިހާ މަސައްކަތެއްގައި ވެސް އަޅުގަނޑު މިދަނީ ހިތްހަމަޖެހުމާއި އުފަލާއެކު އެންމެ ފުޅާ މިނުގައި ބައިވެރިވަމުން،"

މުއިއްޒު ވިދާޅުވީ ޔާމީނަށް ރިޔާސީ ޓިކެޓު ދީފައިވަނީ ޕީޕީއެމް/ޕީއެންސީ ލީޑާޝިޕް ބޭނުންވެގެން، ލީޑާޝިޕުގެ ހިތުގެ އަޑިން ކަމަށާއި ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޒިންމާ ހަވާލުކުރެވިފައިވަނީ ޔާމީނަށް ކަމަށެވެ. އަދި އެމަނިކުފާނަށް އެ ޒިންމާ އަދާކުރުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

"އެމަނިކުފާނަށް އަޅުގަނޑުމެންގެ ހިތުގެ އަޑިން، ހަމަ އެންމެން ބޭނުންވެގެން އިއްތިފާގުން ހަވާލުކޮށްފައިވާ ޒިންމާ، އެއީ ރިޔާސީ އިންތިހާބުގެ ޓިކެޓު، ރިޔާސީ އިންތިހާބުގައި އަޅުގަނޑުމެންގެ ފަރާތުން ވާދަކުރުމުގެ ޒިންމާ، އެ ޒިންމާ އަދާކުރުމަށް އެމަނިކުފާނަށް އަޅުގަނޑުމެން ދޭންޖެހޭ ހުރިހާ ސަޕޯޓެއް ދޭނަން،" ޑރ. މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ޔާމީނު ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވަނީ ވެސް އެމަނިކުފާނަށް ހަވާލުކޮށްފައިވާ ރިޔާސީ ޓިކެޓުގެ ސަބަބުން ކަމަށެވެ.