މިއަންނަ މަހުގެ ކުރީކޮޅުގައި ހއ. އިހަވަންދޫގެ ހޮސްޕިޓަލުގެ މަސައްކަތް ފެށިގެންދާނެކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ހއ. އިހަވަންދޫގައި ރޭ ބޭއްވި ރައީސް ސޯލިހުގެ ރިޔާސީ ކެމްޕޭން "އުފާވެރި އަމާން ރާއްޖެ" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ގައްލަންދޫ ކަނޑު ހުރަސް ނުކޮށް އިހަވަންދޫ ރައްޔިތުންނަށް ސިއްހީ ހިދުމަތް ލިބޭނެ ގޮތްތަކެއް ހޯދަން ޖެހޭ ކަމަށެވެ.
ރައީސް ވިދާޅުވީ އިހަވަންދޫ ރައްޔިތުން ކަނޑުހުރަސްކޮށް ސިއްހީ ހިދުމަތް ހޯދުމަށްކުރާ ދަތުރު ނިންމުމުގެ ބޭނުމުގައި އެ ރަށުގައި ހޮސްޕިޓަލެއް ހެދުމުގެ މަސައްކަތް ފަށައިފައިވާނެ ކަމަށެވެ. ނަމަވެސް އެ ހޮސްޕިޓަލުގެ މަސައްކަތް ރައްޔިތުން ބޭނުންވާ އަވަސް މިނުގައި ނުދާކަމަށް ރައީސް ވިދާޅުވިއެވެ.
"އެ ހޮސްޕިޓަލު އެޅުމަށް ބޭނުންވާ ފައިސާ ހޯދައި ޓެންޑާކޮށް، ބަޔަކާ ހަވާލުކުރެވިފައިވަނީ. މަސައްކަތް ފެށުން މިހާތަނަށް ލަސްވެގެން އެ ދިޔައީ ސަރުކާރުން އޭގައި ކުރަން އޮތް ކަމެއް ނުކޮށް އޮވެގެންނެއް ނޫން. އަޅުގަނޑުމެން މިހާރު ވެސް މަސައްކަތްކުރަމުން މިދަނީ ކޮންޓްރެކްޓް ކުރެވިފައި އޮތް ފަރާތާ ވާހަކަދައްކައިގެން އެކަން ވީހާވެސް އަވަހަށް ފެށޭނެ ގޮތެއް ހޯދުމަށް. ކޮންޓްރެކްޓް ބާތިލުކޮށްފިއްޔާ އަނެއްކާވެސް ނަގާނެ ތިން ހަތަރު މަސް. މިހާރު އަޅުގަނޑުމެންނަށް ކުރެވުނު މަޝްވަރާއިން އެ ބޭފުޅުން އަޅުގަނޑުމެންނަށް ޔަގީންކަން ދީފަ އޮތީ މި ޖުލައި މަސް ހުސްވާ ހިސާބުގައި، އޮގަސްޓް މަހުގެ ކުރީކޮޅުގައި އެތަނުގެ އަމަލީ މަސައްކަތް ފަށައިގަނެވޭނެ ކަމަށް" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މިއަންނަ ދައުރުގައި އެ މަނިކުފާނު ވެރިކަމަށް އިންތިހާބުވެއްޖެނަމަ އިހަވަންދޫ ރައްޔިތުން އެދޭ ގޮތަށް އެ ރަށު ބަނދަރު ނެރު ބަދަލުކޮށް، މަސް ރައްކާކުރާ ފެކްޓަރީގައި މަސް ބަންދުކުރެވޭ އިންތިޒާމު ހަމަޖައްސައިދެއްވާނެ ކަމަށެވެ.
"މި ރަށުގެ ބަނދަރު މިހާރު އެ އޮތީ ބޮޑުކުރެވިފައި، ގާތްގަނޑަކަށް ދެގުނަ ކުރެވިފައި. އެހެންނަމަވެސް ދަތިތަކެއް އެބަހުރި. ނެރު ބަދަލުކުރަން ޖެހޭ ވާހަކަ ތިބޭފުޅުން އެބައޮތް އަޅުގަނޑުމެންނާ ހިއްސާކޮށްފަ. އިރާދަކުރެއްވިއްޔާ މި ރަށުގެ މަސްވެރިން އެ އެދޭގޮތަށް މި ރަށުގެ ބަނދަރަކީ އަމާން ބަނދަރަކަށް ހެދުމަށްޓަކައި، ފަސޭހައިން ވަދެ ނުކުމޭ ތަނަކަށް ހެދުމަށްޓަކައި މަސްވެރިންނާއި މި ރަށު ރައްޔިތުން އެ ބޭނުންވާގޮތަށް ބަނދަރުގެ ނެރުގެ ޓެކްނިކަލް ސާވޭއެއް ހެދުމަށްފަހު ބަދަލުކޮށްދޭނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރިއަށްއޮތް ދައުރުގައި އިހަވަންދުއަށް ކޮށްދެއްވާނެ ކަންކަމުގެ ތެރޭގައި އިހަވަންދޫ ކައިރީގައި އޮތް ދިގުފަރުގައި އިންޓަގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަން ފެށުން ހިމެނޭ ކަމަށާއި ގެދޮރުގެ ދަތިކަން ހައްލުކުރުމަށްޓަކައި އެ ރަށުގައި ހައުސިން މަޝްރޫއެއް ވެސް ފަށައިގެން ކުރިއަށް ގެންދާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް ދެ ހަފުތާ ތެރޭގައި މަސް ގަންނަ ބަނދަރުގެ މަސައްކަތް ފެށުމަށް އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކުރާނަން. މަސް ގަންނަ ބަނދަރު ހެދިގެންދާ އިރުގައި، އެތަނުގައި ސްޕިލްވޭއެއް ހެދި، އެމްޓީސީސީގެ ސޭލްސް ސެންޓަރެއް ގާއިމުކުރާނަން. އެ މަސް ގަންނަ ސެންޓަރަކީ 50 ޓަނު ބްރައިން ފްރީޒް ކުރެވޭގޮތަށް 1000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖާއެކު ގާއިމުކުރެވޭ ސެންޓަރެއް. ދޯނި ފަހަރަށް ބޭނުންވާ، އިންޖީނަށް ބޭނުންވާ ސްޕެއާ އެއްޗެހި، އަޑީތެލާއި ހުރިހާ އެއްޗެއް ލިބޭގޮތަށް އެމްޓީސީސީގެ ސޭލްސް ސެންޓަރެއް އެތަނުގައި ގާއިމުކުރެވިގެންދާނެ. މަސް ގަނެ، މަސް ރައްކާކުރާ ފެސިލިޓީ ނިމިގެންދާ އިރުގައި، އެތަނުގައި ވެލިއު އެޑްކޮށްގެން މަސް ޕްރޮސެސްކުރެވޭނެ އިންތިޒާމު ވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދެވަނަ ފޭސްގައި ކުރިއަށްގެންދާނަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އިހަވަންދޫގެ މަގުތައް ހެދުމަށް ވަނީ ކޮންޓްރެކްޓް ކުރެވިފައި ކަމަށާއި މިހާރު ސަރުކާރުން ނިންމާފައިވާނީ، ރަށުގެ މަގުތައް ހެދިގެންދާ އިރު، މިހާރު ހަދަން ނިންމާފައި އޮތް މަގުތަކުގެ އިތުރަށް ދެން ހުރި މަގުތައް ވެސް އެއަށް އިތުރުކޮށްގެން މަގު ހެދުމުގެ މަޝްރޫއު މުޅިން ފުރިހަމަކުރުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު