ޚަބަރު

މަސްވެރިކަން ތަރައްގީކުރުމުގައި އަތްދޫކޮށްލައިގެން ނުވާނެ، ކުރީ ސަރުކާރުތަކުން ދެއްކީ "ވާހަކަތަކެއް": ރައީސް

މުހައްމަދު އިޝާން

މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރުމުގައި ސަރުކާރުން އަތް ދޫކޮށްލައިގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ހއ. އިހަވަންދޫގައި މިރޭ ބޭއްވި ރައީސް ސޯލިހުގެ ރިޔާސީ ކެމްޕޭން "އުފާވެރި އަމާން ރާއްޖެ" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރާނެ ބުނެ ކުރީ ސަރުކާރުތަކުން ދެއްކީ ހަމައެކަނި "ވާހަކަތަކެއް" ކަމަށެވެ. އެ ސަރުކާރުތަކުން މަސްވެރިކަމުގެ ދާއިރާއަށް އަޅައިލުންދޭންޖެހޭ ވަރަށް ދީފައިނުވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މުޅި މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރަން ޕްރައިވެޓް ސެކްޓާއަށް ހަވާލުކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށާއި މަސްވެރިކަމުގެ ދާއިރާ ކުރިއަރުވައި ތަރައްގީކުރަން ޖެހޭނީ ސަރުކާރުން ކަމަށެވެ.

"މިއަދާ ހިސާބަށް އައި އިރުގައި އެ ދަތިތައް މަސްވެރިންނަށް ކުރިމަތިވެފައި ހުރީ ވޭތުވެދިޔަ ސަރުކާރުތަކުން އެ އިންޑިސްޓްރީއާ ދޭތެރޭގައި އަޅައިލާންވީ ވަރަށް އަޅައިނުލާ އޮތުމުން. ދެކެވުނީ ވާހަކަތަކެއް، މާ ބޮޑެތި މަޝްރޫއުތަކެއް ހިންގައިގެން މާ މޮޅެތި ކަންތައްތަކެއް ކޮށްގެން މުޅި އިންޑަސްޓްރީ ފުޅާކޮށް ކުރިއަށްގެންދާ ވާހަކަ. އަޅުގަނޑު ދަންނަވާނީ މަސްވެރިކަން ތަރައްގީކުރުމުގައި ސަރުކާރުން އަދި އަތްދޫކޮށްލައިގެން ނުވާނެއޭ، ސަރުކާރުންނޭ މަސްވެރިކަމުގެ އިންޑަސްޓްރީ ކުރިއަށްގެންދަން ޖެހޭނީ. ޕްރައިވެޓް ސެކްޓާއަށް އެކީގައި ދޫކޮށްލައިގެން އެކަން ކުރުމަކީ އެންމެ ފައިދާ ހުރި ގޮތެއް ކަމަކަށް އަޅުގަނޑު ނުދެކެން،" ރައީސް ވިދާޅުވިއެވެ.

މަސްވެރިންނަށް ގޮންޖެހުންތަކެއް ދިމާވެފައިވާ ކަމަށާއި އެގޮތުން މަސް ކިރުމާއި، ފައިސާ އަދި ތެޔޮ ލިބުމުގައި ދަތިތަކެއް ހުރި ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށާއި މަސްވެރިކަމުގެ ދާއިރާ ކުރިއަރުވާނެ ގޮތްތަކާ މެދު ސަރުކާރުގައި ވިސްނުންތަކެއް އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށް، މިހާރަށްވުރެ ބޮޑަށް އިންވެސްޓުކުރުމާއި ފްރީޒިން ކެޕޭސިޓީ އަދި ރާއްޖެއިން ބޭރަށް މިހާރަށްވުރެ ގިނައިން މަސް ވިއްކޭނެ ގޮތެއް ހެދުމަކީ ސަރުކާރުގެ ވިސްނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އޭގެ ގިނަ މަޝްރޫއުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު އެބަ ހިނގާ. އައްޑު އަތޮޅުގެ މަސް ގަންނަ ފެކްޓަރީ ދެގުނަ ކުރަން މިހާރު މަސައްކަތް ފަށައިގެން ކުރިއަށް އެދަނީ، ކޫއްޑޫ ދެގުނަ އެބަ ކުރެވޭ، ގދ. ތިނަދޫގައި މަސް ގަންނަ މަރުކަޒެއް އެބަ ގާއިމުކުރެވޭ، ފެލިވަރުގައި އާ ފެކްޓަރީއެއް އެޅެމުން އެދަނީ، އަމަލީ މަސައްކަތް މިހާރު ފަށައިގަނެވިފައި އެ އޮތީ" ރައީސް ވިދާޅުވިއެވެ.

މި އަންނަ ދައުރުގައި އެމަނިކުފާނު ވެރިކަމަށް އިންތިހާބުވެވަޑައިގެންފި ނަމަ، އިހަވަންދޫ ރައްޔިތުން އެދޭގޮތަށް އެ ރަށު ބަނދަ ނެރު ބަދަލުކޮށް، މަސް ރައްކާކުރާ ފެކްޓަރީގައި މަސް ބަންދުކުރެވޭ އިންތިޒާމު ހަމަޖައްސައިދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"މި ރަށުގެ ބަނދަރު މިހާރު އެ އޮތީ ބޮޑުކުރެވިފައި، ގާތްގަނޑަކަށް ދެގުނަ ކުރެވިފައި. އެހެންނަމަވެސް ދަތިތަކެއް އެބަހުރި. ނެރު ބަދަލުކުރަން ޖެހޭ ވާހަކަ ތިބޭފުޅުން އެބައޮތް އަޅުގަނޑުމެންނާ ހިއްސާކޮށްފައި. އިރާދަކުރެއްވިއްޔާ މި ރަށުގެ މަސްވެރިން އެ އެދޭގޮތަށް މި ރަށުގެ ބަނދަރަކީ އަމާން ބަނދަރަކަށް ހެދުމަށްޓަކައި، ފަސޭހައިން ވަދެ ނުކުމޭ ތަނަކަށް ހެދުމަށްޓަކައި މަސްވެރިންނާއި މި ރަށު ރައްޔިތުން އެ ބޭނުންވާގޮތަށް ބަނދަރުގެ ނެރުގެ ޓެކްނިކަލް ސާވޭއެއް ހެދުމަށްފަހު ބަދަލުކޮށްދޭނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިއަށްއޮތް ދައުރުގައި އިހަވަންދުއަށް ކޮށްދެއްވާނެ ކަންކަމުގެ ތެރޭގައި އިހަވަންދޫ ކައިރީގައި އޮތް ދިގުފަރުގައި އިންޓަގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަން ފެށުން ހިމެނޭ ކަމަށާއި ގެދޮރުގެ ދަތިކަން ހައްލުކުރުމަށްޓަކައި އެ ރަށުގައި ހައުސިން މަޝްރޫއެއް ވެސް ފަށައިގެން ކުރިއަށް ގެންދާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް ދެ ހަފުތާ ތެރޭގައި މަސް ގަންނަ ބަނދަރުގެ މަސައްކަތް ފެށުމަށް އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކުރާނަން. މަސް ގަންނަ ބަނދަރު ހެދިގެންދާ އިރުގައި، އެތަނުގައި ސްޕިލްވޭއެއް ހެދި، އެމްޓީސީސީގެ ސޭލްސް ސެންޓަރެއް ގާއިމުކުރާނަން. އެ މަސް ގަންނަ ސެންޓަރަކީ 50 ޓަނު ބްރައިން ފްރީޒް ކުރެވޭގޮތަށް 1000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖާއެކު ގާއިމުކުރެވޭ ސެންޓަރެއް. ދޯނި ފަހަރަށް ބޭނުންވާ، އިންޖީނަށް ބޭނުންވާ ސްޕެއާ އެއްޗެހި، އަޑީތެލާއި ހުރިހާ އެއްޗެއް ލިބޭގޮތަށް އެމްޓީސީސީގެ ސޭލްސް ސެންޓަރެއް އެތަނުގައި ގާއިމުކުރެވިގެންދާނެ. މަސް ގަނެ، މަސް ރައްކާކުރާ ފެސިލިޓީ ނިމިގެންދާ އިރުގައި، އެތަނުގައި ވެލިއު އެޑްކޮށްގެން މަސް ޕްރޮސެސްކުރެވޭނެ އިންތިޒާމު ވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދެވަނަ ފޭސްގައި ކުރިއަށްގެންދާނަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އިހަވަންދޫގެ މަގުތައް ހެދުމަށް ވަނީ ކޮންޓްރެކްޓް ކުރެވިފައި ކަމަށާއި މިހާރު ސަރުކާރުން ނިންމާފައިވާނީ، އެ ރަށުގެ މަގުތައް ހެދިގެންދާ އިރު، މިހާރު ހަދަން ނިންމާފައި އޮތް މަގުތަކުގެ އިތުރަށް ދެން ހުރި މަގުތައް ވެސް އެއަށް އިތުރުކޮށްގެން މަގު ހެދުމުގެ މަޝްރޫއު މުޅިން ފުރިހަމަކުރުން ކަމަށެވެ.