ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ މަޝްރޫއުތަކުގެ މަސައްކަތް ހިންގުމާއި މަސައްކަތް ނިންމުމުގެ ގާބިލުކަން ހުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކިބައިގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.
މ. ދިއްގަރު މިރޭ ބޭއްވި ރައީސް ސޯލިހުގެ ރިޔާސީ ކެމްޕޭން "އުފާވެރި އަމާން ރާއްޖެ" ޖަލްސާގައި ވާހަކަދައްކަވަމުން ހިސާން ވިދާޅުވީ ރައްޔިތުންނަށް މި ވެރިކަމުގައި ކަށަވަރުވަނީ ރައީސް ސޯލިހު ކަމެއް ކޮށްދޭން ވިދާޅުވެއްޖެއްޔާ އެކަމެއް ކުރައްވާނެކަން ކަމަށެވެ.
"ސިޔާސީ މަސައްކަތަކީ ވަރަށް ޒާތެއްގެ ކަމެއް. އިވޭ ހުރިހާ އަޑަކަށް ރައްދުދެއްވާނަމަ ކުރާން ހުރި މަސައްކަތްތަކެއް ނުނިމޭނެ. މިދިޔަ ފަސް އަހަރު އަޅުގަނޑުމެންނަށް ފެނުނީ މަސައްކަތް ކުރުމުގެ ރޫހު އޮތް ސަރުކާރެއް، މަސައްކަތްތައް ފެށުމާއި ނިންމުމުގެ ރޫހު އޮތް ސަރުކާރެއް،" ހިސާން ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ކެންޑިޑޭޓަކީ ކަމެއް ކޮށްދޭނެކަމަށް ވިދާޅުވެއްޖެނަމަ އެކަމަށް ހަގީގަތަށް ހައްދަވައިދެއްވަން ކެންޑިޑޭޓެއްކަން އެ މަނިކުފާނުގެ އަމަލުން މިދިޔަ ފަސް އަހަރު ދިވެހި ރައްޔިތުންނަށް ވަނީ ސާބިތުކޮށްދެއްވާފަ،"
އެމްޑީޕީގެ ތެރޭގައި ކުރިން އޮތް ސިޔާސީ ހިޔާލުތަފާތުވުންތަކާއެކު ވެސް ރައީސް ވަނީ ކުދި ރަށެއް، ބޮޑު ރަށެއް ނުބައްލަވައި ތަރައްގީ ގެނެސްދެއްވާފައި ކަމަށް ހިސާން ވިދާޅުވިއެވެ. އަދި ރަށެއްގައި ކުޑަ އާބާދީއެއް އޮތުމަކީ އެ ރަށެއް ތަރައްގީން މަހުރޫމުވާން ޖެހޭ ސަބަބެއް ނޫން ކަމަށް ރައީސް ސޯލިހު ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
"އިދިކޮޅުންނާއި އެތެރޭގައި ތިބެ އިދިކޮޅުގެ ދައުރު އަދާކުރަމުން ގެންދިޔަ ހުރިހާ އެންމެންގެ ވިސްނުމުގެ ބަހާއި ދެކޮޅު ހެދުންތަކާއެކު ވެސް ރާއްޖޭގެ ކުދި އާބާދީތަކަށް ތަރައްގީގެ ފޯރުކޮށްދެވިއްޖެ،" ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ ކޮން ކެންޑިޑޭޓެއްކަން ވެސް އަދި ސާފުނުވާ ކަމަށާއި އިދިކޮޅުގެ ޕާޓީތަކުގެ އެތެރޭގައި އޮތީ ބާރުވެރިކަން ހޯދުމާއި ހަމަނުޖެހުން ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކަށް އަމާޒުކުރައްވައި ހިސާން ވިދާޅުވީ އަމިއްލަ އެދުމުގައި ތިބެގެން ރައްޔިތުންނަށް ކަމެއް ނުކޮށްދެވޭނެ ކަމަށެވެ.